Roadha Mihaaru

ޕާޓީއަށް ގެއްލުންވާ ކަމެއް ނުކުރާ ކޮންމެ މީހަކަށް ވެސް މަރުހަބާ ކިޔާނަން: އެމްޑީޕީ

އެމްޑީޕީއަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާ ކޮންމެ މީހަކަށް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ) އިން މިއަދު ބުނެފި އެވެ.

ޕާޓީއަށް ގެއްލުން ނުވާ ކޮންމެ މީހަކަށް މަރުހަބާ ކިޔާނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

18 ޖޫން 2025

އެމްޑީޕީއަށް ގެއްލުންވާ ފަދަ ކަމެއް ނުކުރާ ކޮންމެ މީހަކަށް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު (ޕީޖީ) އިން މިއަދު ބުނެފި އެވެ.

އެތެރޭގެ ހިޔާލުތަފާތުވުންތަކުގައި އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސް އުފެއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވައިފަ އެވެ. ޑިމޮކްރެޓްސްގެ ނޭޝަނަލް އެސެމްބްލީން އިއްޔެ ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި ވަނީ އެމަނިކުފާނުގެ އިތުރުން ޕާޓީގެ އެހެން ބައެއް މެމްބަރުން އެމްޑީޕީއާ އެކު ސިޔާސީ މަސައްކަތް ކުރަން ނިންމައިފަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އުފެދުނު މައްސަލަތައް ހައްލުނުވެ، ނަޝީދު އެމްޑީޕީން ދޫކޮށްލެވި އިރު އެމަނިކުފާނު ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ، ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުން ބަލައިގަންނާނެތޯ ސުވާލުކޮށްފަ އެވެ.

ފައްޔާޒަށް ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން --

ފައްޔާޒަށް ނަޝީދާއި ޑިމޮކްރެޓްސް މެންބަރުން ދެއްވި މެންދުރުގެ ކެއުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން --

އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެ ޕާޓީއާ ގުޅުމުގެ ފުރުސަތު އޮތް ކަމަށެވެ.

"މި ޕާޓީ [އެމްޑީޕީ]ގެ އުސޫލުތަކާއި އަސާސުތަކާ ހިލާފުނުވެ، ޕާޓީއަށް ގެއްލުންވާ ކަމެއް ނުކުރާ ކޮންމެ މީހަކަށް ވެސް ޕާޓީއާ ގުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ. އަޅުގަނޑުމެން އެ ކަމަށް މަރުހަބާ ކިޔާނަން،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕުން އެކަމާ ގުޅޭ މަޝްވަރާއެއް އަދި ނުކުރެ އެވެ. ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅުމާ މެދު އަދި ނިންމުމެއް ވެސް ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް މިރޭ ބާއްވަން އޮތީ ނިންމައިފަ އެވެ.

އެމްޑީޕީގެ ލީޑަޝިޕާއި ގިނަ މެމްބަރުން ކުރިން ޑިމޮކްރެޓްސްއަށް ފާޑުކިއުން އަމާޒުކޮށް ބުނެފައި ވަނީ 2023 ގެ ރިޔާސީ އިންތިހާބު އެ ޕާޓީ އަށް ގެއްލުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އިބޫ އާއި ނަޝީދާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ އެކު، ނަޝީދު ޑިމޮކްރެޓްސް އުފައްދައި ވަކިން ކެންޑިޑޭޓަކު ނެރުމެވެ.

ޑިމޮކްރެޓްސް އަށް ޖުލައި 13، 2023 ވަނަ ދުވަހުގެ ރޭ ނަޝީދު ސޮއިކުރެއްވީ އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެ ރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ދެއްވި އިންޒާރުގައި ވިދާޅުވެފައި ވަނީ ކަށިކެޔޮ ގަނޑެއްހެން އެމްޑީޕީގެ ފޫ ވައް ވެއްޓިއްޖެ ކަމަށާއި އެ ޕާޓީ ރޫޅާލާއްވާނެ ކަމަށެވެ.

އެކަމަކު މި ފަހުން އެމްޑީޕީއާ އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަން ނަޝީދު ހާމަކުރައްވައި، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ވަނީ ފާޅުކުރައްވައިފަ އެވެ.