Roadha Mihaaru

މުހައްމަދު އިސްމާއިލް، ފަޒްލޫން އަދި ނިޝާންގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންގޮސްފި

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއް ހުއްޓުވަން އެ ތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ބައެއް ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އުފުލި ބައެއް ދައުވާނަގައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

17 ޖޫން 2025

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއް ހުއްޓުވަން އެ ތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ބައެއް ދައުވާތައް އަނބުރާ ގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ގަލޮޅު ދަނޑުގައި 2022 ވަނަ އަހަރު ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އޭގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ހިމެނެ އެވެ.

އެ މީހުންގެ މައްޗަށް އުފުލީ ޓެރަރިޒަމާއި އެފަދަ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާތަކެކެވެ.

މި ދައުވާތައް ރިވިއުކުރަން އެ މީހުންގެ ފަރާތުން ހުށަހެޅި އެވެ. އެއީ، ކުރިން ކޮށްފައިވާ ދައުވާތައް ރިވިއުކޮށް ދޭން ހުށަހަޅަން އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ހުޅުވާލެއްވި ފުރުސަތުގަ އެވެ.

އެ ހުށަހެޅުމާ ގުޅޭ ގޮތުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެ މީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާ ގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށެވެ.

‎މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށް ގެންދާނީ ހަތް މީހެއްގެ މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތަކެވެ. އެއީ؛

‎- އަބްދުﷲ ރިފާއު (ތ. ތިމަރަފުށި، ނަރުގިސްވިލާ)

‎- އަބޫބަކުރު ފާރިއު (ނ. މިލަދޫ، ކާނޭޝަންމާގެ)

‎- އަހުމަދު އަކްސަމް (ރ. ކަނދޮޅުދޫ، އަލަމާގެ)

- ‎އަހުހުމަދު ނަސޫހު (ގއ. މާމެންދޫ، އަސްރަފީވިލާ)

- ‎ހަސަން ޝިފާޒު (މ. ކުދެހިގެ)

- ޝަބިމް އާދަމް (‎ފ. ދަނބުރުދޫ، އާބާދީގުލްޝަން)

- ‎މުހައްމަދު ޒިލިއަން (މއ. ކަނުހުރާ)

ޕީޖީ އޮފީހުން. ބުނީ ދައުވާތަށް މުރާޖައާ ކުރުމުގައި، މި ކުށުގެ އަމަލު ހިނގައި ދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާ މެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިން ކަމަށް ވުމާއި މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި ދައުވާ ލިބޭ މީހުންނަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި ދައުވާ ލިބޭ މީހުން މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތް ކޮށްފައި ވާނެ ކަމަށެވެ.

ގަލޮޅު ދަނޑުގައި 2022 ވަނަ އަހަރު ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރުމަށް ފަހު، ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުވާ ކުރިއިރު، އެ މީހުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ސަސްޕެންޑްކުރި އެވެ. އެކަމަކު، މި ސަރުކާރުން އެ ހުއްދަ އަލުން ވަނީ ދީފަ އެވެ.