Roadha Mihaaru

ޖެމްކިޔު ސްކީމަކީ ހީލަތެއް، ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނަން: ޕޮލިސް/ސީއެމްޑީއޭ

ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓަށް ސްކީމަކީ ހީލަތެއް ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓުކޮށް އަދި ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ބުނެފި އެވެ.

ޖެމްކިޔު ސްކީމް ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

15 ޖޫން 2025

ޖީއެމްސީއީ ނުވަތަ ޖެމްކިޔު އިންވެސްޓްމެންޓަށް ސްކީމަކީ ހީލަތެއް ކަމަށާއި އެ ސްކީމް ހިންގައި ޕްރޮމޯޓުކޮށް އަދި ބޭނުންކުރާ މީހުންނަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ބުނެފި އެވެ.

ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ބޭނުންކުރާތާ އަހަރެއް ވެއްޖެ އެވެ.

ފުލުހުންނާއި ސީއެމްޑީއޭ ގުޅިގެން މިރޭ ނެރުނު ބަޔާނެއްްގައި ބުނީ އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ސްކީމް ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށްވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.

"މި ސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލަޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެކެވެ،" ބަޔާނުގައިވެ އެވެ.

މިފަދަ ސްކީމެއް ރާއްޖޭގައި ހިންގޭނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ހުއްދައާއެކު ނަމަވެސް އެ ސްކީމް ހިންގަނީ އެ އޮތޯރިޓީގެ ހުއްދައާ ނުލައި ކަމަށް އެ ފުލުހުން ބުންޏެވެ.

"ޓެކްނޮލޮޖީއާ އެކު ތައާރަފްވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަމެވެ."

އެ ބަޔާނުގައި ބުނީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަ ނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓްގައި ގިނަވަމުންދާ ދުވަސްވަރެއްގައި ރަނގަޅަށް ދިރާސާނުކޮށް މިފަދަ ސްކީމްތަކަށް އިންވެސްޓްކުރުމުން، ބުރަ މަސައްކަތުން ހޯދާފައި ހުންނަ ފައިސާ ގެއްލި އިޔާދަ ނުކުރެވޭ ގެއްލުންތަކާ ވެސް މީހުންނަށް ކުރިމަތިވަމުންދާ ކަމަށެވެ.