Roadha Mihaaru

ސޮނީ ފިޝިން އިން ސްޕޯޓްސް ފިޝިންއާ ގުޅޭ ފުރަތަމަ ސެމިނާ ބާއްވައިފި

ސްޕޯޓްސް ފިޝިން އަށް ދާ މީހުންނާއި ސައިންސްގެ މުޖުތަމައުއާ އޮންނަން ޖެހޭ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ސޮނީ ފިޝިއިން އިން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާ ގުޅިގެން ހާއްސަ ސެމިނާއެއް މިދިޔަ ހަފުތާގައި ބާއްވައިފި އެވެ.

ސްޕޯޓްސް ފިޝިންއާ ގުޅޭ ސެމިނާއެއް ބާއްވައިފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

15 ޖޫން 2025

ސްޕޯޓްސް ފިޝިން އަށް ދާ މީހުންނާއި ސައިންސްގެ މުޖުތަމައުއާ އޮންނަން ޖެހޭ ގުޅުން ހަރުދަނާ ކުރުމުގެ ގޮތުން ސޮނީ ފިޝިއިން އިން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާ ގުޅިގެން ހާއްސަ ސެމިނާއެއް މިދިޔަ ހަފުތާގައި ބާއްވައިފި އެވެ.

އެ ސެމިނާގެ ބޭނުމަކީ ސްޕޯޓްސް ފިޝިން އަށް ދާ މީހުންނާއި އެ ދާއިރާގެ ކަންކަން ދިރާސާ ކުރަން ބޭނުންވާ މީހުން ގުޅުވައިދީ، ސްޕޯޓްސް ފިޝިންއާ ގުޅޭ ޑޭޓާގެ މައުލޫމާތު ފޯރުކޮށްދޭނެ ޕްލެޓްފޯމެއް ގާއިމުކުރުމެވެ.

މިއީ މިހާތަނަށް ސްޕޯޓްސް ފިޝިން އަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ސެމިނާ އެވެ.

މި ސެމިނާގައި ހިއްސާކުރި މައުލޫމާތުތައް ވީހާ ވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ސެމިނާ ކުރިއަށް ގެންދިޔައީ ސައިންލެންގުއެޖުން ތަރުޖަމާ ކޮށްދީގެންނެވެ.

ސެމިނާގެ ބައެއް ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސެމިނާގެ ބައެއް ބައިވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ފިޝިންގެ ކެޓަގަރީ ސޭލްސް އެގްޒެކެޓިވް މުހައްމަދު އަޝްވާގު އިސްމާއިލް ވިދާޅުވީ، ސޮނީ ފިޝިން އިން އެމްއެންޔޫއާ އެކު ބޭއްވީ ކާމިޔާބު ސެމިނާއެއް ކަމަށެވެ. އެއީ އެ ދާއިރާ ދެމެހެއްޓެނިވި ގޮތަކަށް ކުރިއެރުވުމުގެ ފެށުމެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ މިއީ އެ ދާއިރާގެ އެކި ހޯދުންތައް އިލްމީ ފަރާތްތަކާ ހިއްސާކުރަން ބިނާކުރާ ޕްލެޓްފޯމެއް ކަމަށެވެ.

އަޝްވާގު ވިދާޅުވިގޮތުގައި ރާއްޖޭގައި ކުޅިވަރުގެ މަސްވެރިކަން ކުރާ މީހުން އިތުރު ވަމުން އަންނައިރު, އެ ކަން ޒިންމާދާރު ގޮތުގައި ކުރެވޭނީ އެފަދަ މުހިންމު ހަރަކާތްތަކަށް މެދުވެރިކޮށް, އަހުލުވެރި ބަޔަކު ބިނާކޮށްގެންނެވެ. އެ ކުޅިވަރު އަންނަން އޮތް ޖީލަށް ފޯރުކޮށްދެވޭނީ ވެސް އެ ގޮތުގައި ކުރިއަރުވައިގެން ކަމަށް ވިދާޅުވި އެވެ.

އެމްއެންޔޫގައި މިދިޔަ ބުދަ ދުވަހު ބޭއްވި ސެމިނާގައި ވާހަކަ ދެއްކެވި ފަސް ސްޕީކަރުން ވަނީ ކުޅިވަރުގެ މަސްވެރިކަމާ ގުޅޭ ގޮތުން މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ހޯދުންތަކާއި އެ ކުޅިވަރު ތަރައްގީ ވެފައިވާ މިންވަރާއި މީގެ 10 އަހަރު ކުރިން އެ ކުޅިވަރު އޮތް ގޮތުގެ ތަޖުރިބާ ހިއްސާ ކުރައްވައިފަ އެވެ.

ސޮނީ ފިޝިންގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމް ސެމިނާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ފިޝިންގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމް ސެމިނާގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސޮނީ ފިޝިންގެ މެނޭޖިން ޑިރެކްޓަރު މޫސާ ކަލީމް ވިދާޅުވީ، ސްޕޯޓްސް ފިޝިން އަކީ ސައިންސްގެ އަލީގައި ހޯދޭ ހޯދުންތަކާ އެކު ދިގު މުއްދަތަކަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ކުޅިވަރެއް ކަމަށެވެ. ސްޕޯޓްސް ފިޝިން އަށް ބޭނުންވާ ބައެއް ގިއާ ހޯދުމުގައި ކުރިން ދިމާވި ދަތިތައް ފާހަގަކުރައްވައި ރަނގަޅު ފެންވަރެއްގެ ވަދެއް ގަތުމަށް ވެސް އޭރު ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ސްޕޯޓްސް ފިޝިން ކުރިއެރުވުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މޫސަ ވިދާޅުވީ ސޮނީ ފިޝިން އިން ފެންވަރު ރަނގަޅު ވަދު ވިއްކަން ފެށީ އަމިއްލަ ތަޖުރިބާއަށް ފަހު, ސްޕޯޓްސް ފިޝިން އަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

އެ ސެމިނާގައި މޫސަ ވަނީ ސްޕޯޓްސް ފިޝިންގެ އަމިއްލަ ބައެއް ތަޖުރިބާތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އަދި ސްޕޯޓްސް ފިޝިން އަށް ފާއިތުވި އަހަރުތަކުގައި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވައި، އެ ކުޅިވަރު ކުރިއެރުވުމުގައި ސައިންގެ ހޯދުންތަކުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

ސޮނީ ފިޝިން އިން ނިންމާފައި ވަނީ ސްޕޯޓްސް ފިޝިންއާ ގުޅޭ ކަންކަމުގައި މައުލޫމާތު ބަދަލުކުރުމުގެ އިތުރު ސެމިނާތައް ވެސް ބާއްވާށެވެ.

މަސްވެރިކަމަށް ބޭނުންވާ ސާމާނު ވިއްކާ ސޮނީ ފިޝިން އިން ޒުވާނުންގެ މެދުގައި މަސްވެރިކަމަށް އޮންނަ ލޯތްބާއި ރޫހު އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ އެކި ކަހަލަ މަސްވެރިކަން ޒިންމާދާރުކޮށް ކުރުމުގައި މަސްވެރިންނަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުމަށެވެ.