Roadha Mihaaru

"ބޮޑު އީދު" ކެލަ އާއި ގުރައިދު އާއި ގަމަށް: ގެސްޓް ހައުސްތައް ފުރިއްޖެ

ގައުމީ ފެންވަރުގައި މި އަހަރު ބޮޑު އީދު ފާހަގަކުރާ ތިން ރަށަށް ވެސް އީދަށް ޑިމާންޑު ބޮޑު ކަމަށް އެ ރަށްތަކުން ބުނެފި އެވެ.

ބޮޑު އީދަށް ކެލާ، ގުރައިދޫ، ގަން ފުރިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

03 ޖޫން 2025

ގައުމީ ފެންވަރުގައި މި އަހަރު ބޮޑު އީދު ފާހަގަކުރާ ތިން ރަށަށް ވެސް އީދަށް ޑިމާންޑު ބޮޑު ކަމަށް އެ ރަށްތަކުން ބުނެފި އެވެ.

މިއަހަރުގެ ބޮޑު އީދު، ގައުމީ ފެންވަރުގައި ފާހަގަކުރަނީ ހއ. ކެލާ އާއި ކ. ގުރައިދޫގެ އިތުރުން ލ. ގަމުގަ އެވެ.

ކެލާ ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު، "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށުގައި އީދުގެ އުފާ ފާހަގަކުރަން ފަށާނީ ހައްޖު ދުވަހުގެ ރޭގަނޑު ޖަހާ އީދު ހުޅުންނެވެ.

އީދު ދުވަހުގެ ހެނދުނު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ފަހު ރަށު ރައްޔިތުންނަށް ކައުންސިލުން ބާއްވާ ސައެއް ވެސް އޮންނާނެ އެވެ.

އިންފާޒު ވިދާޅުވި ގޮތުގައި އީދުގެ ފުރަތަމަ ދެ ދުވަހު އޮންނާނީ ކެލައަށް ހާއްސަ، މަލިކު ދަނޑި ޖެހުމާއި ކޯޑިއާ ދިއުމާއި ބޮޑު މަސް ދުއްވުމާއި ސްޓޭޖް ޝޯއެކެވެ. އަދި ދެވަނަ ދުވަހު އޮންނާނީ ދެލިމާލި ނެރުމާއި އަންހެނުންގެ ކުރު ފަލި ޖެހުމާއި ސްޓޭޖް ޝޯއެކެވެ.

އިންފާޒު ވިދާޅުވީ ތިން ވަނަ ދުވަހު ކުރިއަށް ދާނީ މަންޑި ކުޅުމާއި ކެނޯ ރޭސްގެ އިތުރުން ލަނގިރި ޖެހުން ކަމަށެވެ. އެ ރަށަށް ގެންދަން ހަމަޖައްސާފައި ވަނީ ރާއްޖޭގައި ލަނގިރި ޖެހުމަށް އެންމެ މަޝްހޫރު މ. މުލީ ލަނގިރި ޓީމެވެ. އެ ރޭ ވެސް އެ ރަށުގައި ސްޓޭޖް ޝޯއެއް ބާއްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީދުގެ އެންމެ ފަހު ދުވަހު އޮންނާނީ އެކި ކަހަލަ މުބާރާތްތަކެވެ. އަދި ހަވީރު ގަޑީގައި އޮންނާނީ ސަގާފީ ކުޅިވަރުތަކާ އެކު އާއިލީ ހަވީރެކެވެ. އީދުގެ އެންމެ ފަހު ރޭ އޮންނަ ސްޓޭޖު ޝޯގައި ހުށަހަޅާނީ ހަނިމާދޫ ގްރޫޕަކާއި ކެލާ ބޮޑުބެރު ގްރޫޕުގެ އިތުރުން ގޮމަ ގްރޫޕުގެ ހަރަކާތްތަކެވެ.

އީދުގެ ފޯރީގައި ބައިވެރިވާން މިހާރު ވެސް ގިނަ ބަޔަކު ވަނީ އެ ރަށަށް ދާން ފަށައިފަ އެވެ.

"މިހާރު ވެސް ވަރަށް ގިނަ ބަޔަކު އަންނަމުން ދަނީ. މި ރަށުގެ ގެސްޓްހައުސްތައް ވެސް އޮތީ ފުރިފައި،" އޭނާ ވިދާޅުވި އެވެ.

ކެލާގައި 49 ގެސްޓްހައުސް ހިންގާއިރު އެ ހުރިހާ ތަނެއް އޮތީ ފުރިފަ އެވެ. އަދި އަލަށް ހަދަމުން އަންނަ ގެސްޓްހައުސެއް އެއްކޮށް ފިނިޝިން ނުނިމެނީސް އެތަނުން ވެސް 10 ކޮޓަރި ބުކްކޮށްފައިވާ ކަމަށް އިންފާޒް ވިދާޅުވި އެވެ.

"އެހެންވީމަ މި ބަލަނީ 500 އަށް ވުރެ ގިނަ މީހުން އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ގައުމީ ފެންވަރުގައި ދެން އީދު ފާހަގަކުރަނީ ގުރައިދޫގަ އެވެ.

ކޯޑި ކެޑުމަށްފަހު ބ. ކެންދޫ އަންހެނުން ރަށުތެރޭގައި ކޯޑި ކުޅެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކޯޑި ކެޑުމަށްފަހު ބ. ކެންދޫ އަންހެނުން ރަށުތެރޭގައި ކޯޑި ކުޅެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ރަށު ކައުންސިލުގެ ނައިބް ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވި ގޮތުގައި ގުރައިދޫގެ 360 އެނދު މިހާރު ވަނީ ފުލްވެފަ އެވެ.

އޭނާ ވިދާޅުވީ މާލެއާ ކައިރީގައި އެ ރަށް އޮންނާތީ ގިނަ ބަޔަކު، އެ ދުވަހު ރަށަށް ގޮސްފައި އަންނަން ވެސް ދާނެ ކަމަށެވެ. އަދި ރޭގަނޑު ޝޯއާ ދިމާކޮށް ކައިރި ރިސޯޓުތަކުގައި އުޅޭ ސްޓާފުން ވެސް ރަށަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެއާ ކައިރީވީމަ ބައެއް މީހުން ހަމަ އެ ދުވަހު އައިސްފައި ދާން ވެސް އަންނާނެ. ރިސޯޓުތަކުން ވެސް ސްޓާފުން އަންނާނެ އީދު ކުޅިވަރު ބަލަން... ގެސްޓްހައުސްތައް ވެސް ފުލްވެފައި އޮތީމަ އަޅުގަނޑަށް ބެލެވެނީ 1000އެއްހާ މީހުން އަރާނެ ކަމަށް." އޭނާ ވިދާޅުވި އެވެ.

ގުރައިދޫގައި ވެސް ހަތަރު ދުވަހަށް ކުޅިވަރުތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި ހުކުރު ދުވަހު ފެންކުޅި އާއި ހަބޭސް ބޮޑުބެރު ގްރޫޕުގެ ސަގާފީ ކުޅިވަރާއި ހަވާ އެރުވުން އެބަ އޮތެވެ. ހޮނިހިރު ދުވަހު އީދު ކުޅިވަރު މުބާރާތާއި އީދު ޝޯ އެބަ އޮތެވެ. އަދި އާދިއްތަ ދުވަހު އީދު ޖާފަތާއި މާލި ޕެރޭޑާއި އީދު ޝޯ އޮންނާނެ އެވެ.

އީދުގެ އެންމެ ފަހު ދުވަހު އެ ރަށުގައި އޮތީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހާއްސަ ހަވީރަކާއި މަސްރޭހާއި ބާބަކިއު އެކެވެ.

މާލޭގައި ފާހަގަކުރި އީދެއްގައި މާލިތައް މަޖީދީމަގުން ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގައި ފާހަގަކުރި އީދެއްގައި މާލިތައް މަޖީދީމަގުން ދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ލ. ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ވިދާޅުވި ގޮތުގައި އެ ރަށުގައި ވެސް އީދުގެ ތައްޔާރީތައް ކުރިއަށް އެބަދެ އެވެ.

ޒަކީ ވިދާޅުވި ގޮތުގައި ބައިބަލާ އާއި މަންޑި ކުޅުމާއި ސްޓޭޖު ޝޯގެ އިތުރުން ސަގާފީ އެކި ކުޅިވަރުތައް ގަމުގައި އެބަ އޮތެވެ.

ޒަކީ ވިދާޅުވީ ގަމަށް ދަތުރުކުރާ ފްލައިޓު ވެސް ފުލްވެފައިވާ ކަމަށާއި އެ ރަށުގެ ހުރިހާ ގެސްޓްހައުސްތަކެއް ވެސް ފުލްވެފައިވާ ކަމަށެވެ. އޭނާ ލަފާ ކުރެއްވި ގޮތުގައި، ރަށުން ބޭރުން 2،000 އެއްހާ މީހުން އީދުގެ ހަރަކާތްތައް ބަލަން ދާނެ އެވެ.

އީދާ ދިމާކޮށް ދަތުރުކުރާ މީހުންނަށް މި ތިން ރަށުގައި ވެސް އެކި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް އެ ކައުންސިލުތަކުން ބުންޏެވެެ.

އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރަމުން އަންނައިރު ގައުމީ ފެންވަރުގައި އީދު ފާހަގަކުރާ ތިން ރަށުގެ އިތުރުން ގެސްޓްހައުސްގެ ވިޔަފާރިކުރާ އެހެން ރަށްރަށް ވެސް އުޅެނީ ވަރަށް ބާރުބޮޑުކޮށެވެ.