Roadha Mihaaru

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަން ހުށަހެޅުން އެޖެންޑާކޮށް، މާދަމާ މަޖިލިސް ފަށަނީ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށް، މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފި އެވެ.

ސުޕްރީމްކޯޓަށް ބޭފުޅުންގެ ނަން ދިރާސާކުރުން އެޖެންޑާއަށް
ނާޒިމް ހަސަން
ނާޒިމް ހަސަން

01 ޖޫން 2025

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށް، މާދަމާއަށް މަޖިލީހުގެ ޖަލްސާއެއް އެޖެންޑާކޮށްފި އެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަކީ މި އަހަރުގެ ދެވަނަ ދައުރު ފެށުމަށް ބާއްވާ ޖަލްސާ އެވެ.

އެ ޖަލްސާގެ އެޖެންޑާ ނެރެފައިވާއިރު، ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތައް ދިރާސާކުރަން ދާއިމީ ކޮމިޓީއަށް ފޮނުވުން އެޖެންޑާކޮށްފައިވެ އެވެ.

އޭގެއިތުރުން ނޭޕާލަށާއި އަޔަލެންޑް އަދި ޔޫކްރެއިނަށް އައްޔަން ކުރާ ސަފީރުންގެ ނަންތައް ހުށަހެޅުން ވެސް މާދަމާއަށް އެޖެންޑާކޮށްފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ދެ މަގާމަށް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވައިލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ބޭފުޅުންނާ ޖޭއެސްސީން އިންޓަވިއު ކޮށްފައިވާއިރު، އެންމެ ގިނައިން މާކްސް ދިނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދަށެވެ.

އިންޓަވިއުގައި މާކްސް ދިން ތަރުތީބުން އެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް މުއިއްޒަށް ލަފާއަރުވަން ޖޭއެސްސީން ނިންމާފައިވެ އެވެ. ނަމަވެސް، ރައީސް މަޖިލީހަށް ފޮނުއްވީ އެ ދެ ނަން ކަމެއް ސާފެއް ނުވެ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ޖޭއެސްސީ އަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމުގެ މަސްއޫލިއްޔަތެވެ. އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވައިގެން ރައީސް އެވެ. މަޖިލީހަށް ފޮނުއްވާނީ ވެސް ރައީސް ބޭނުންފުޅުވާ ނަންތަކެވެ.

ޖޭއެސްސީން ލިސްޓްގެ އެންމެ ކުރިއަށް ލާފައިވާ ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.  ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރު އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ހަމީދަކީ އެ ކޯޓުގައި ވަރަށް ގިނަ އަހަރު ފަނޑިޔާރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ފަނޑިޔާރުކަން ކުރެއްވި އެވެ. ހައި ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.

އޭނާ ފަނޑިޔާރު ކަމުން ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓްތަކެއް ޑިސްކައުންޓް އަގުތަކެއްގައި ބައްލަވައިގަނެ, އޭގެ ބަދަލެއްގެ ގޮތުން ހައި ކޯޓުގެ ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމް ކުރެއްވި ކަމަށް ބުނާ މައްސަލައެއްގަ އެވެ.