Roadha Mihaaru

އުމުރު 16؛ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އެ ހޯދީ ރަންބޫޓު

އިންޓަ ސްކޫލް މުބާރާތާއި، ޔޫތު ލީގުގައި މީގެ ތިން އަހަރު ކުރިން މުހައްމަދު އިލާން އިމްރާން ދެއްކި ކުޅުމާ އެކު އޭނާ ސިފަކުރެވުނީ ގޯލު ޖަހާ މެޝިނެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ވެސް އޭރު ބުނީ އިލާންގެ ކިބައިގައި ފޯވާޑެއްގެ ހުރިހާ ސިފަތަކެއް ފުރިހަމަ ކަމަށެވެ. އެކަމަކު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތީ، އިލާން ފަދަ ކުޅުންތެރިންގެ ކުރިއެރުމަށް މަގުފަހިވެދާނެ ގޮތަކަށް ނޫން ކަމުން، ގިނަ ބަޔަކު އުއްމީދުތައް އެހާ މައްޗަކަށް ވެސް ނުގެންދެ އެވެ.

އުމުރު 16؛ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އެ ހޯދީ ރަންބޫޓު
މުހައްމަދު ހަމްދޫން
މުހައްމަދު ހަމްދޫން

29 މެއި 2025

އިންޓަ ސްކޫލް މުބާރާތާއި، ޔޫތު ލީގުގައި މީގެ ތިން އަހަރު ކުރިން މުހައްމަދު އިލާން އިމްރާން ދެއްކި ކުޅުމާ އެކު އޭނާ ސިފަކުރެވުނީ ގޯލު ޖަހާ މެޝިނެއްގެ ގޮތުގަ އެވެ. ރާއްޖޭގެ ކުރީގެ އެއް ވަނަ ފޯވާޑް ޝާހު އިސްމާއިލް (ސާޔާ) ވެސް އޭރު ބުނީ އިލާންގެ ކިބައިގައި ފޯވާޑެއްގެ ހުރިހާ ސިފަތަކެއް ފުރިހަމަ ކަމަށެވެ. އެކަމަކު، ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޮތީ، އިލާން ފަދަ ކުޅުންތެރިންގެ ކުރިއެރުމަށް މަގުފަހިވެދާނެ ގޮތަކަށް ނޫން ކަމުން، ގިނަ ބަޔަކު އުއްމީދުތައް އެހާ މައްޗަކަށް ވެސް ނުގެންދެ އެވެ.

ނަމަވެސް، އިލާން މިވަނީ މާޒިޔާ އިން އެފްއޭއެމް ލީގު ކަޕުގެ ޗެމްޕިއަންކަން ރޭ ހޯދިއިރު ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފައި، ފައިނަލުގައި ދެ ގޯލު ޖަހައި، މުބާރާތުގެ ރަންބޫޓު ވެސް ކަށަވަރުކޮށް، އޭނާގެ ފެންވަރު ސީނިއާ ލެވެލުގައި ވެސް ސާބިތުކޮށްދީފަ އެވެ.

މުބާރާތުގައި އިލާން ޖެހި ހަތަރު ގޯލު ވެސް އޭނާ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރަ އެވެ. އެންމެ ފުރަތަމަ ގޯލު ޖެހީ ނިއު ރޭޑިއަންޓް އަތުން 5-1 އިން މާޒިޔާ މޮޅުވި މެޗުގެ ފަހު ހާފުގައި އަރަ އެވެ. ދެ ވަނަ ގޯލު ޖެހީ ޓީސީ ސްޕޯޓްސް އަތުން 2-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ.

އޮޑި ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެ މާޒިޔާ ރޭ ތަށި ހޯދި މެޗުގެ ދެ ވަނަ ހާފުގައި އިލާން އެރިއިރު މާޒިޔާ އޮތީ ދެ ލަނޑުގެ ލީޑެއްގަ އެވެ. އޭނާ މި މެޗުގައި ޖެހި ގޯލުގެ އަދަދަށް ވުރެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ ޖެހި ދެ ގޯލުގެ ފެންވަރެވެ. އެ ދެ ގޯލުން ވެސް އިލާން ސާބިތުކޮށްދިނީ ސްޓްރައިކަރެއްގެ ކިބައިގައި ހުންނަން ޖެހޭ ވަރަށް ގިނަ ކަންކަން އޭނާގެ ކުޅުމުގައި އެބަހުރި ކަމެވެ.

މާޒިޔާގެ އިލާން (ވ) ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކެޕްޓަން ސަމޫހުއާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މާޒިޔާގެ އިލާން (ވ) ގޯލު ޖެހުމަށް ފަހު އެ ޓީމުގެ ކެޕްޓަން ސަމޫހުއާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ފުރަތަމަ ގޯލު ޖަހަން އޭނާ އަށް ބޯޅަ ލިބުނީ އޮޑީގެ ކުޅުންތެރިޔަކު ފަހަތަށް ޖައްސާލި މިސް ޕާހަކުންނެވެ. އޭރިއާ ބޭރުން އޭނާ އެ ބޯޅަ ކޮންޓްރޯލްކުރިއިރު ކައިރީގައި ޑިފެންޑަރެއް ހުއްޓެވެ. އަދި އިތުރު ޑިފެންޑަރެއް އޭރު ދުވެފައި އާދެ އެވެ. އެ ދެ ޑިފެންޑަރުންގެ ދެމެދުގައި ހުރި ޖާގަ އާއި، ކުރިއަށް އޭރިއާ ތެރެއަށް ވަންނަން އޮތް ޖާގަ ބޮޑުކަމުން، ގިނަ ކުޅުންތެރިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ޝޫޓްކުރާނީ އެވެ. އޮޑީގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވެސް ހުރީ އިލާން ހަދާނީ އެހެން ކަމަށް ބަލައި ނިޔަ ޕޯސްޓް ނަގައިގެންނެވެ. އޭގެ ސަބަބުން ދުރު ކަނަށް ބޯޅަ އަމާޒުކޮށްލާނެ ރަނގަޅު ޖާގައެއް އޮތެވެ. އިލާން ނިންމީ އޭގެ ފައިދާ ނަގާށެވެ. އޭނާ ހަމަޖެހިލާފައި ބޯޅަ ކީޕަރުގެ ބޯމަތިންވާ ކަހަލަ ގޮތަކަށް މަތީ ކަނަށް އޮއްސާލީ އެވެ.

އޭގެ ފަސް މިނެޓު ފަހުން ވައްދާލި ދެ ވަނަ ގޯލުން އިލާން ސާބިތުކޮށްދިނީ އޭނާގެ ކިބައިގައި ކްލެސިކް ނަމްބަރު ނައިން ސްޓްރައިކަރެއްގެ ތޫނުކަން ހުރި ކަމެވެ. ހަމްޒާ މުހައްމަދު (ހަމްޕު) އަށް މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންއިރު އިލާން ހުރީ، ހަމްޕުގެ ހަރަކާތްތަކަށާއި، އޭރިއާ ތެރޭގައި އޮޑީގެ ޑިފެންޑަރުންގެ ހަރަކާތްތަކަށް ވިސްނައިގެންނެވެ. ހަމްޕު އަށް އެ ބޯޅަ އޭރިއާ ތެރެއަށް ހުރަސްކުރެވުނީ އިލާންގެ ތަންކޮޅެއް ކުރިއަށްވާ ގޮތަށެވެ. އެހެންވެ އޭނާ އަށް އެ ބޯޅަ ފަޔަށް ހެޔޮވަރުކޮށްލާފައި ޖެހޭނެ ޖާގައެއް ނުލިބުނެވެ. އެކަމަކު، އޭނާ ވެއްޓިގެންވެފައި އެ ބޯޅަ އަށް ފައި ފޯރުކޮށް، މަޑުމަޑުން ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލީ އެވެ.

އިލާންގެ މި މޮޅު ކުޅުމަށް އޭނާގެ ކުރީގެ ކޯޗު، އަދި މި މުބާރާތުގައި ނިއު އަށް ކޯޗުކޮށްދޭ ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ވަނީ ތައުރީފުކޮށްފަ އެވެ. ފޭސްބުކުގައި ސޮބާ ލިޔުނު ޕޯސްޓެއްގައި ބުނީ ކާމިޔާބަކީ ސިކުނޑީގައި އޮންނަ އެއްޗެއް ނޫން ކަމަށާއި އެއީ އުނދަގޫ ހާލަތުގައި ވެސް މާޔޫސްނުވެ، އެކުރަން ޖެހޭ ކަންކަން، ގަވާއިދުންކޮށްގެން ލިބޭ އެއްޗެއް ކަމަށެވެ.

މިއީ ވަރަށް ފަހުރުވެރި ވަގުތެއްކަން ފާހަގަކޮށް ސޮބާ ވަނީ ވިސްނުންތެރިކަމާ އެކު މަސައްކަތްކޮށް، ކަންކަން ދަސްކޮށްގެން ކުރިއަށްދާން އިލާން އަށް ނަސޭހަތްތެރިވެފަ އެވެ.

އިލާން ވެލެންސިއާގެ ޖާޒީގައި: އޭނާ ވަނީ އެ ޓީމާ އެކު ވެސް ރެކޯޑްތަކެއް ހަދާފައި. -- ފައިލް ފޮޓޯ

އިލާން ވެލެންސިއާގެ ޖާޒީގައި: އޭނާ ވަނީ އެ ޓީމާ އެކު ވެސް ރެކޯޑްތަކެއް ހަދާފައި. -- ފައިލް ފޮޓޯ

ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) އިން އެންމެ ފުރަތަމަ ތަމްރީންވި އިލާން ވަނީ ނިއު، ޓީސީ، އަދި ވެލެންސިއާގެ ޔޫތު ޓީމަށް ކުޅެފަ އެވެ. އެކަމަކު އޭނާ އެންމެ ފުރަތަމަ ވިދާލީ އިންޓަ ސްކޫލުގައި އިސްކަންދަރު ޓީމުންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސްކޫލް މުބާރާތުގައި އަމީނިއްޔާ އަތުން 29-0 އިސްކަންދަރު މޮޅުވި މެޗުގައި އޭނާ 13 ގޯލު ޖެހި އެވެ. އޭނާ ވަނީ އެ ޓީމު ކުޅުނު ހަ މެޗުން 38 ގޯލު ޖަހައި މުބާރާތުގެ ރަން ބޫޓު ވެސް އެ ފަހަރު ހޯދައިފަ އެވެ.

އޭގެ ފަހުން އެ އަހަރު އެފްއޭއެމުން ބޭއްވި ޔޫތު ލީގު ގައި ވެލެންސިއާ ޓީމުގައި އިލާން ވަނީ އަށް މެޗުން 35 ގޯލު ޖަހައި އަނެއްކާ ވެސް ގިނަ ބަޔެއްގެ ސަމާލުކަން ހޯދައިފަ އެވެ. އެ މުބާރާތުގައި އޭނާ 8 މެޗުން 35 ގޯލު ޖެހި އެވެ. އޭގެ ފަހުން އޭނާ އަށް ޔޫއޭއީގެ އަލް އައިން އެފްސީ ގެ ޔޫތު ޓީމުން ޓްރަޔަލް އެއް ފުރިހަމަކުރުމުގެ ފުރުސަތު ވެސް ލިބުނެވެ.

އިލާންގެ މޮޅު ކުޅުމާ އެކު 2023 ވަނަ އަހަރު އުމުރުން 15 އަހަރުގައި ގައުމީ ސީނިއާ ޓީމުގެ ސްކޮޑުން ވެސް ޖާގަ ހޯދި އެވެ. އެކަމަކު އޭނާ ކްލަބް ލެވެލްގައި ސީނިއާ ކެރިއަރު ފެށީ ޖެހިގެން އައި 2023 ވަނަ އަހަރު އެވެ. އެ ފަހަރު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ ޓީމަށް ކުޅެ އޭނާ ވަނީ ލީގުގައި ގޯލެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ. އިލާން މާޒިޔާ އަށް ބަދަލުވީ މިދިޔަ ސެޕްޓެމްބަރުގަ އެވެ.

މާޒިޔާއާ އެކު ލީގު ކަޕަށް ތައްޔާރުވުމުގެ ކުރިން އޭނާ އައީ 19 އަހަރުން ދަށުގެ ގައުމީ ޓީމާ އެކު، ސާފް ޗެމްޕިއަންޝިޕަށް ޕްރެކްޓިސްކުރަމުންނެވެ. އެކަމަކު ރާއްޖޭން ސެމީ ފައިނަލުން ޖާގަ ހޯދި އެ މުބާރާތަށް އޭނާ އަށް ނުދެވުނީ އޯ ލެވެލް އިމްތިހާނާ ދިމާވުމުންނެވެ. އިލާން ނެތުމަކީ އެ ޓީމަށް ލިބުނު ވަރަށް ބޮޑު ބަލިކަށިކަމެއް ވެސް މެ އެވެ. އެކަމަކު އެ މުބާރާތަށް ނުދެވުމުގެ ބަދަލު މި ލިބުނީ ފޮނި ގޮތަކަށެވެ. މާޒިޔާއާ އެކު ލީގު ކަޕް އުފުލާލައި، ކުރިމަގަށް މުހިއްމު ފިޔަވަޅެއް އަޅަން ފުރުސަތެއް ލިބުނީ އެވެ. އޭގެ ބޭނުން އޭނާ ހިފީ އެހާމެ ރަނގަޅަށެވެ.