Roadha Mihaaru
ގާޑިއޯލާ އަށް ބޭނުންވަނީ މެސީ ފަދަ ކުޅުންތެރިއެއް

ގާޑިއޯލާ އަށް ބޭނުންވަނީ މެސީ ފަދަ ކުޅުންތެރިއެއް: ކްލޮޕް

19 މާޗް 2017

މެންޗެސްޓާ (މާޗް 19) - މެންޗެސްޓާ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ބޭނުންވަނީ ލިއޮނަލް މެސީ ކަހަލަ ކުޅުންތެރިޔެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (މާޗް 19) - މެންޗެސްޓާ ސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ބޭނުންވަނީ ލިއޮނަލް މެސީ ކަހަލަ ކުޅުންތެރިޔެއް ކަމަށް އެ ޓީމާ ދެކޮޅަށް މިރޭ ނުކުންނަ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުން މި ހަފްތާގައި ކެޓުމުން ސިޓީގައި ގާޑިއޯލާގެ މުސްތަގުބަލާ ގުޅޭގޮތުން ވަނީ ސުވާލު އުފެދިފަ އެވެ. ކްލޮޕް ވަނީ ގާޑިއޯލާގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.

"ބާސެލޯނާގައި ގާޑިއޯލާ އަށް ލިބުނު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން. އޭގެ ތެރޭގައި އެންމެ މޮޅު މެސީ ވެސް ހިމެނޭ. ބަޔާންގައި ގާޑިއޯލާ އަތުގައި އޮތް ސްކޮޑާ ޗެލެންޖް ކޮށްލެވޭ ވަރުގެ ދެ ވަނަ ޓީމެއް ނެތް. ސިޓީގައި ގާޑިއޯލާ އަށް ބޭނުންވަނީ މެސީ ކަހަލަ ކުޅުންތެރިއެއް. ނޫނީ އިނިއެސްޓާ ފަދަ ކުޅުންތެރިއެއް،" ލިވަޕޫލްގެ ކޯޗު ކްލޮޕް ބުންޏެވެ.

ޕްރިމިއާ ލީގަކީ އެންމެ އުނދަގޫ ލީގު ކަމަށާއި ތަފާތު ސްޓައިލުގެ ކޯޗުން މި ލީގަށް ހޭނުމަށް ދުވަސް ނަގާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"ޕްރިމިއާ ލީގަކީ އެންމެ އުނދަގޫ ލީގު. ކޮންމެ ޓީމަކީ ވެސް މުއްސަނދި ބޮޑު ހަރަދު ކުރާ ޓީމުތައް. މި ފަދަ ސިސްޓަމެއްގެ ތެރެއަށް އައިސް ތަފާތު ސްޓައިލުގެ ކޯޗުން ހޭނެން ދުވަސް ނަގާނެ. އަހަރެންގެ ނަޒަރުގައި ގާޑިއޯލާ އަށް ފާޑުކިޔަން އަދި އަވަސް،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ ސިޓީ ބަލިކުރަން ބޭނުންނަމަ ކުޅެން ޖެހޭނީ އެ ޓީމަށް ވުރެ ދެ ގުނަ މޮޅަށް ކަމަށެވެ.

"ފަރުވާ ކުޑަކޮށްލައިގެން ލިބޭ ފުރުސަތަށް ވިސްނައިގެން ކުޅެގެން ސިޓީ ބައްޔެއް ނުކުރެވޭނެ. ސިޓީ ބަލިކުރާނަމަ ޖެހޭނެ ދެގުނަ މަސައްކަތް ކުރަން. އެއީ އެ ޓީމަށް ވުރެ މޮޅަށް ކުޅެ އިތުރު ހިތްވަރެއް ލައިގެން މޮޅުވާން މަސައްކަތް ކޮށްގެން ވާނެ ކަމެއް،" ކްލޮޕް ބުންޏެވެ.

މިރޭ ސިޓީ އަތުން މޮޅުވެއްޖެނަމަ ލީގުގެ ދެ ވަނަ އަށް ނޫނީ ތިން ވަނަ އަށް އެރުމުގެ ފުރުސަތު ލިވަޕޫލް އަތުގައި އެބައޮތެވެ. އެއީ ސައުތެމްޓަނާއި ޓޮޓެންހަމް މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ފޯވާޑް ޑެނިއަލް ސްޓަރިޖަށް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް އަނިޔާގެ ސަބަބުން އެންމެ ފަހުން ބާންލީއާ ދެކޮޅަށް ކުޅުނު މެޗުން ނުފެނުނު ޑޭޔާން ލޮވްރެން އާއި ރޮބާޓޯ ފިރްމީނޯ މިރޭ ފެނުމުގެ ފުރުސަތު ބޮޑެވެ.

ލިވަޕޫލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30 ގަ އެވެ.