Roadha Mihaaru
"ލިވަޕޫލާ ދެކޮޅަށް ހާއްސަ ޕްލޭނެއް ބޭނުމެއް ނުވޭ"

ލިވަޕޫލާ ދެކޮޅަށް ހާއްސަ ޕްލޭނެއް ބޭނުމެއް ނުވޭ: ގާޑިއޯލާ

07 އޮކްޓޯބަރ 2018

ލިވަޕޫލް (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭއިރު މެޗުން މޮޅުވާން ހާއްސަ ޕްލޭނެއް ބޭނުންވާ ކަމަށް ގަބޫލުނުކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (އޮކްޓޫބަރު 7) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭއިރު މެޗުން މޮޅުވާން ހާއްސަ ޕްލޭނެއް ބޭނުންވާ ކަމަށް ގަބޫލުނުކުރާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ސިޓީ އެންމެ ފަހުން ލިވަޕޫލާ ދެކޮޅަށް ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. ޕްރިމިއާ ލީގުގައި އެއް މެޗުން ބަލިވިިއިރު، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ މެޗުން ވަނީ ބަލިވެފަ އެވެ. އޭގެ ތެރެއިން ދެ މެޗު ކުޅުނީ މިރޭގެ މެޗު ވެސް ކުޅޭ ލިވަޕޫލް ދަނޑުގަ އެވެ.

ގާޑިއޯލާ ބުނީ މިދިޔަ ސީޒަނުގައި ކުޅުނު މެޗުތަކާ މިރޭގެ މެޗު ތަފާތު ކަމަށެވެ.

"މިދިޔަ ސީޒަނުގައި އަހަރެމެން ކުޅުނު ތިން މެޗާ މި ފަހަރު މި ކުޅޭ މެޗު ތަފާތު. ވަކި ޕްލޭނެއް ނެތް. ސިޓީ ކޮންމެ ދަނޑެއްގައި ވެސް ކުޅޭނީ މޮޅުވާން. ސިޓީ އަކީ ޑިފެންސްކުރާނެ ޓީމެއް ނޫން. އަހަރެން މި ޓީމު ބައްޓަން ކުރަނީ ޑިފެންސްކުރާކަށެއް ނޫން. އަހަރެމެންނަށް ކުރިއެރުމެއް ލިބޭނީ ވެސް އެޓޭކަށް ވިސްނައިގެން،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ސިޓީ އަށް ވުރެން ބޮޑަށް ލިވަޕޫލަށް ތައުރީފް ކުރާތީ އެކަމާ ޝަކުވާކުރުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެެވެ.

"ސިޓީ އަތުން ލިވަޕޫލް މޮޅުވާތީ ތައުރީފް ކުރީމަ އަހަރެން ކަންބޮޑުވާންވީ ސަބަބެއް ނެތް. އެއީ ލިވަޕޫލަކީ މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނު ޓީމެއް. ކްލޮޕް އެ ޓީމު ލައްވާ ކުޅުވަނީ ފުޓްބޯޅަ ސަޕޯޓަރުންނަށް ކަމުދާ ސިސްޓަމަކަށް. ސަޕޯޓަރުން އޭގެ އަށް ތަރުހީބުދޭ. ލިވަޕޫލް އަތުން ބަލިވަނީ ހަމައެކަނި ސިޓީއެއް ނޫން. އެހެން ޓީމުތައް ވެސް ވޭ،" ގާޑިއޯލާ ބުންޏެވެ.

ސިޓީ އަށް އެންމެ ފަހުން ލިވަޕޫލް ދަނޑުގައި މޮޅެއް ހޯދުނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން ކުޅުނު 17 މެޗުގެ ތެރެއިން 12 މެޗުން ވަނީ ބަލިވެފަ އެވެެ. ގާޑިއޯލާ ބުނީ ލިވަޕޫލް ދަނޑެއްގައި މޮޅެއް ނުހޯދި އޮތުމަކީ ކަންބޮޑުވާންޖެހޭ ސަބަބެއްކަމަށް އޭނާ ނުދެކޭ ކަމަށެވެ.

"ސީޒަނެއްގައި އޮންނަނީ 38 މެޗު. އޭގެން އެއް މެޗު ކުޅެނީ އެންފީލްޑްގައި (ލިވަޕޫލް ދަނޑުގައި). އެ މެޗުން ބަލިވިޔަސް އަދި ހުރިހާ ދޮރެއް ބަންދެއްނުވޭ. މީގެ އޮތީ ބަލިވީމަ ޝަކުވާ ނުކޮށް ލިބުނު ފިލާވަޅައިގެން ކުރިއަށްދިއުން. އެއީ ފުޓްބޯޅައިގައި ބަލިވުމާއި މޮޅުވުން އޮންނަކަން ގަބޫލުކުރަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ގާޑިއޯލާއާ ދެކޮޅަށް އޭނާގެ ރެކޯޑް ރަނގަޅު ނަމަވެސް ކޮންމެ މެޗަކީ ވެސް ތަފާތު މެޗެއް ކަމަށާއި މާޒީން ހޯދޭނެ މާ ބޮޑު އެއްޗެއް ނެތް ކަމަށެވެ. އަދި މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އަދި ލީގު ތަށީގެ ވާހަކަ ދައްކަން އަވަސް ކަމަށް ބުންޏެވެ.

"މި ކުޅެނީ ތިން ޕޮއިންޓް ހޯދަން ކޮންމެ މެޗެއް ވެސް. ތަފާތު ވަނީ އިދިކޮޅަށް ނުކުންނަ ޓީމެއް. ތިރީސް އަށް މެޗުގެ ލީގެއްގައި އަށް ވަނަ މެޗަށް ފަހު ގޮތެއް ނިންމަން އެނގޭނެ ގޮތެއް އަހަންނަށް ނުވިސްނުނު،" ކްލޮޕް ބުންޏެވެ.

މި މެޗަށް ނުކުންނައިރު ސިޓީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އަނިޔާއިން ރަނގަޅުވެ ކެވިން ޑިބްރޭނާ އާއި ބެންޖަމިން މެންޑީ އަށް ކުޅެވޭ ގޮތް ވުމެވެ. އެކަމަކު އެ ދެ ކުޅުންތެރިން ބޭނުންކުރުމާ މެދު ގޮތެއް ނިންމާނީ އެންމެ ފަހުގެ ޕްރެކްޓިހަށް ފަހު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ލީގުގެ އެއް ވަނައިގައި ސިޓީ އޮތީ ދެ ވަނައިގައި އޮތް ލިވަޕޫލާ އެއްވަރަށް 19 ޕޮއިންޓް ހޯދައިގެންނެވެ. މިރޭގެ މެޗުން މޮޅުވާ ޓީމަކަށް އެއް ވަނަ ލިބޭއިރު މެޗު ފަށާނީ ރާއްޖެ ގަޑިން 8:30 ގަ އެވެ.