Roadha Mihaaru

ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ހަރުދަނާ ޓެކްސް ނިޒާމެއް މުހިންމު: ޒަމީރު

އިޖުތިމާއީ އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތައް ފައިނޭންސް ކުރުމުގައި ހަރުދަނާ ޓެކްސް ނިޒާމެއް ވަރަށް މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ތަރައްގީއަށް ފައިސާ ހޯދަން ހަރުދަނާ ޓެކްސް ނިޒާމެއް މުހިންމު

އިޖުތިމާއީ އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތައް ފައިނޭންސް ކުރުމުގައި ހަރުދަނާ ޓެކްސް ނިޒާމެއް ވަރަށް މުހިންމު ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ފެށި އޭޝިޔާ އިނީޝިއޭޓިވްގެ އަށް ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވި ގޮތުގައި، ގްލޯބަލް ފޯރަމް އަދި އޭޝިއާ އިނީޝިއޭޓިވްގައި ރާއްޖެ ބައިވެރިވެ، ޓެކްސް ނިޒާމު ހަރުދަނާކޮށް، ހަމަހަމަކަން ކަށަވަރުކުރުމަށް މުހިންމު ވަސީލަތްތަކެއް ލިބިފައި ވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމުގެ ގޮތުން ރާއްޖެ ވަނީ ހޮންކޮންގާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމެންޓެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަ ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަޅުގަނޑުމެން ގަބޫލުކުރަން. ނަމަވެސް އޭޝިއާ އިނީޝިއޭޓިވް ފަދަ މަންސަތަކުން އަޅުގަނޑުމެންގެ އަޑު އިތުރަށް ގަދަވެ، އެކުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިގެންދޭ،" ޒަމީރު ވިދާޅުވި އެވެ.

ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން. --ފޮޓޯ: ފައިނޭންސް މިނިސްޓްރީ

ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން. --ފޮޓޯ: ފައިނޭންސް މިނިސްޓްރީ

އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ރާއްޖޭން އަދާކުރަމުންދާ ދައުރަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށާއި، މި ޒިންމާ އަދާކުރުމަށް ރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީން އޭނާ ދެއްވި އެވެ. އަދި ގްލޯބަލް ފޯރަމްގެ މެންބަރެއްގެ ހައިސިއްޔަތުން، ގާބިލުކަން އިތުރުކުރުމާއި، އެކުގައި މަސައްކަތްކުރުމާއި، އެންމެންގެ ބައިވެރިވުން އޮންނަ މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ޒަމީރު ފާހަގަކުރެއްވި އެވެ.

ދުނިޔޭގެ އިގްތިސާދީ ހާލަތު ހުރި ގޮތުން، ގައުމުތަކުން އިގުތިސާދީ ސިޔާސަތުތައް އަލުން ބައްޓަން ކުރަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުންވެސް އޭނާ އަލިއަޅުވާލެއްވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގުތިސާދު ބިނާވެފައިވަނީ ޓޫރިޒަމްގެ މައްޗަށް ކަމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ރާއްޖޭން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މިގޮތުން ވޭތުވެދިޔަ އަހަރު ޓޫރިޒަމް ދާއިރާގެ ޖީޑީޕީގެ 13.8 ޕަސެންޓު ހިއްސާކުރި އިރު، ރިކޯޑު އަދަދެއްގެ ގޮތުގައި ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެ އެވެ.

ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން. --ފޮޓޯ: ފައިނޭންސް މިނިސްޓްރީ

ރާއްޖޭގައި ފެށި އަށްވަނަ އޭޝިޔާ އިނީޝިއޭޓިވް މީޓިން. --ފޮޓޯ: ފައިނޭންސް މިނިސްޓްރީ

ޒަމީރު ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތުގެ އާމްދަނީއާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މެދު ރާސްތާގެ ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލައިފަ އެވެ. މި ސްޓްރެޓެޖީގެ މަގްސަދަކީ މިހާރުގެ އާމްދަނީގެ ސިޔާސަތުތައް ހަރުދަނާކޮށް، އެތެރޭގެ އާމްދަނީ އިތުރުކޮށް، ބޭރުގެ ދަރަންޏަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާމަކަން ބޮޑު އަދި ހަރުދަނާ ޓެކްސް ނިޒާމެއް އޮތުމަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ތައްޔާރުވުމާއި، ތައުލީމު، ސިއްހަތު އަދި އުމްރާނީ ތަރައްގީ ފަދަ މުހިންމު ދާއިރާތަކަށް ފައިނޭންސް ކުރުމަށް ކޮންމެހެން ބޭނުންވާ ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުމާއި، ދުނިޔޭގައި ފައިސާގެ ދައުރުވުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ އެއްބާރުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަދި ޓެކްސް ނުދެއްކުމާއި، ގާނޫނާ ހިލާފަށް ފައިސާ ބޭރުކުރުން ހުއްޓުވުމަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.