Roadha Mihaaru

ކުޅުދުއްފުށި ޕޯޓު ބޮޑުކުރަން އެމްޕީއެލްއާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގެ ޕޯޓު ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.

ކުޅުދުއްފުށި ޕޯޓު ބޮޑުކުރަން އެމްޕީއެލްއާ ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީގެ ޕޯޓު ބޮޑުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްފި އެވެ.

މިއީ ސަރަހައްދީ ބަނދަރުތައް ތަރައްގީކޮށް ދަތުރުފަތުރުގެ ވިއުގައަކުން ރަށްތައް ގުޅާލައި، އަތޮޅުތެރޭގައި ވިޔަފާރި ކުރިއަރުވަން ގެންގުޅޭ ތަސައްވުރުގައި ހިމެނޭ މަޝްރޫއެއް ކަމަށް ސަރުކާރުން ބުންޏެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

މި މަޝްރޫއުގެ އަމާޒަކީ، ހއ. ހދ. ށ. އަދި ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރުން ކަމަށް ސަރުކާރުން ބުންޏެވެ.

ކުޅުދުއްފުށި ޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގައި ސޮއިކުރުން. --ފޮޓޯ: އެމްޕީއެލް

ކުޅުދުއްފުށި ޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގައި ސޮއިކުރުން. --ފޮޓޯ: އެމްޕީއެލް

އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން، ކުޅުދުއްފުށީ ޕޯޓުގެ ކެޕޭސިޓީ އިތުރުކޮށް، ކާގޯ ހެންޑްލިން ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ބާވަތްތައް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ނިޒާމުތައް ގާއިމުކުރުން ވެސް ހިމެނެ އެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫއުއަކީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން ދެމެހެއްޓެނެވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މުދާ އުފުލޭނެ ނިޒާމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފަ އެވެ.

ސަރުކާރުގެ އަމާޒަކީ، އަތޮޅުތެރެއަށް ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ނިޒާމުތައް ހަރުދަނާކޮށް، މުދާ އުފުލުމުގައި ކުރަންޖެހޭ ހޭދަ ކުޑަކޮށް، އެކަމުގެ މަންފާ މުޅި އިގުތިސާދަށް ކުރާނެ މަގު ފަހިކޮށްދިނުން ކަމަށެވެ.