Roadha Mihaaru
ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފި

18 ޖޫން 2022

އެމްޕީއެލްގެ ދަށުން ހިންގާ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އެމްޕީއެލްގެ ދަށުން ހިންގާ ސަރަހައްދީ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި އެވެ.

ހިތަދޫ އަދި ކުޅުދުއްފުށީގައި ރީޖަނަލް ޕޯޓް ހިންގާ އެމްޕީއެލުން އިއްޔެ ބުނީ މުސާރަ ބޮޑުކުރަން ނިންމީ އެ ކުންފުނީގެ ބޯޑު މެންބަރުންނާއެކު ހިތަދޫގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

މުސާރަ އަށް ގެނައި އެ ބަދަލާއެކު، އަންނަ މަހުން ފެށިގެން ރީޖަނަލް ޕޯޓު މުވައްޒަފުންނަށް ބޮޑު މުސާރައެއް ލިބޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ. ނަމަވެސް ބޮޑުކުރި މުސާރައިގެ ތަފުސީލެއް އެމްޕީއެލުން އަދި ނުބުނެ އެވެ.

ހިތަދޫގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްޕީއެލުން ވަނީ މާލީ އެހީ ދޭ ޕޮލިސީ އާއި ކޯޑް އޮފް ކޮންޑަކްޓާއި އިތުރު ސިޔާސަތުތައް ވެސް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އުމުރުން 65 އަހަރު ވުމުން ވަޒީފާ އިން ރިޓަޔާކުރާ ހާއްސަ ރިޓަޔަމެންޓް ޕޮލިސީ އެއް ހިމެނެ އެވެ.

ރީޖަނަލް ޕޯޓުތަކުގެ ހިންގުމަށް ގެނައި ބަދަލުތަކާ ގުޅޭ މައުލޫމާތާއި އެ ކަމާ ގުޅޭ ސުވާލު ކުރުމުގެ ފުރުސަތު ވެސް ހިތަދޫ ޕޯޓުގެ މުވައްޒަފުންނަށް އިއްޔެގެ ބައްދަލުވުމުގައި ދިނެވެ.

އެމްޕީއެލުން ބުނިގޮތުގައި، މި ފަހުން ރީޖަނަލް ޕޯޓުތަކާ ގުޅޭގޮތުން ފާސްކުރި ސިޔާސަތުތަކުގެ ސަބަބުން އެ ތަނުގެ މުވައްޒަފުންނަށް ކުރިއެރުން ލިބޭނެ އެވެ. މުވައްޒަފުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެމްޕީއެލްގެ ބޯޑުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.