Roadha Mihaaru

ގެނބުނު މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

މާލޭގެ ނޯތު ހާބަރު ސަރަހައްދުގެ ތޮށިގަނޑު ބޭރުން ގެނބެނިކޮށް ސަލާމަތްކުރި މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ގެނބުނު މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 މެއި 2025

މާލޭގެ ނޯތު ހާބަރު ސަރަހައްދުގެ ތޮށިގަނޑު ބޭރުން ގެނބެނިކޮށް ސަލާމަތްކުރި މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

އިއްޔެ މެންދުރު 11:30 ހާއިރު ހިނގި އެ ހާދިސާގައި ގެނބުނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ.

ގެނބެމުންދަނިކޮށް، ފެނިގެން އެމީހާ ސަލާމަތްކޮށްދިނީ ރާއްޖޭގެ ސާފިން ޗެމްޕިއަން އަބްދުﷲ އަރީފް (ފުކޫ) އެވެ.

އޭނާ "މިހާރު" އަށް ކިޔައިދިން ގޮތުގައި ގެނބުނު މީހާ އޮތް ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ތަނެއް ނޫނެވެ. ލޯންޗުތައް ދުއްވާ އެ ސަރަހައްދުގައި އެ މީހާ އޮތުމުގެ ނުރައްކާ އެނގޭތީ އެތަނުގައި ނޯންނަން ވެސް ފުކޫ ގޮވި އެވެ.

އެކަމަކު ފަހުން އެ މީހާގެ ހަރަކާތްތައް ހުރި ގޮތް ފެނިފައި އޭނާ ގެނބެނީކަން ފުކޫއަށް އެނގިގެން މޫދަށް ފުންމާލީ ބޯޓެއްގައި އޮތް ބޮއެ ފައްޗެއް ހިފައިގެންނެވެ. އޭނާ މޫދުން ނެގީ އަޑިއަށް ދަނިކޮށެވެ.