Roadha Mihaaru

ސިވިލް ސާވިސްއިން އޭޖީ އޮފީސް ވަކިކުރާ ބިލް ފާސްކޮށްފި

ސިވިލް ސާވިސްއިން ބަންޑާރަ ނައިބު އޮފީސް ވަކިކޮށް އަދި ވިދިވިދިގެން 20 އަހަރު ހިދުމަތް ކުރުމުން ޝަރަފުވެރިކަމާ އެކު، ވަޒީފާއިން ވަކިވުމުގެ އިނާޔަތް ލިބިދޭ ގޮތަށް ބަންޑާރަ ނައިބު އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސިވިލް ސާވިސްއިން އޭޖީ އޮފީސް ވަކިކުރާ ބިލް ފާސްކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

15 މެއި 2025

ސިވިލް ސާވިސްއިން ބަންޑާރަ ނައިބު އޮފީސް ވަކިކޮށް އަދި ވިދިވިދިގެން 20 އަހަރު ހިދުމަތް ކުރުމުން ޝަރަފުވެރިކަމާ އެކު، ވަޒީފާއިން ވަކިވުމުގެ އިނާޔަތް ލިބިދޭ ގޮތަށް ބަންޑާރަ ނައިބު އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަލަށް ގެނައި އިސްލާހުތަކާއެކު ބިލް މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި ބިލް ފާސްކުރުމަށް އިއްޔެ ވެސް ވޯޓަށް އެހިނަމަވެސް، ބިލް ބަލައިނުގަނެ އިސްލާހު ކުރުމަށް އަނބުރާ އިއްޔެ ކޮމިޓީއަށް ފޮނުވާލީ އެވެ.

އޭގެ ފަހުން، ޖުޑީޝަރީ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި ވަނީ މައިގަނޑު ދެ ބަދަލެއް އެ ބިލަށް ގެނެސްފަ އެވެ.

އޭގެ ތެރެއިން އެއް ބަދަލަކީ ޝަރަފުވެރިކަމާ އެކު، ރިޓަޔާވެވޭ އުމުރު ކުރު ކުރުމެވެ. ބިލް ކުރިން އޮތް ގޮތުން އިނާޔަތާއެކު ޝަރަފްވެރިކަމާއެކު ރިޓަޔާވެވޭނީ އެ އޮފީހުގައި 25 އަހަރު ދުވަހަށް ވުރެ ގިނަ ދުވަހު މުއްދަތަކަށް ހިދުމަތް ކުރުމަށް ފަހުގަ އެވެ.

ބިލަށް ފަހުން ގެނައި ބަދަލުގައިވާ ގޮތުން 20 އަހަރު ނުވަތަ އެ އަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ނަމަ އިނާޔަތާ އެކު ރިޓަޔާ ކުރެވޭނެ އެވެ. މީގެ އިތުރުން، ބަންޑާރަ ނައިބު އޮފީހުގައި 10 އަހަރު ހޭދަކޮށްފައިވުމާއެކު ދައުލަތުގެ އެހެން އިދާރާއެއްގައި ހިދުމަތް ކުރި މުއްދަތު 20 އަހަރު ނުވަތަ އެއަށް ވުރެ ދިގުވާ ނަމަ ވެސް ޝަރަފްވެރިކަމާ އެކު ރިޓަޔާ ވެވޭ ގޮތަށް ވަނީ ހިމަނައިފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހަކީ ސިވިސް ސާވިސް އިން ބޭރުން ވަކި ހިދުމަތެއް ދޭ އިދާރާއެއްގެ ގޮތުގައި ހިންގުމަށް ހުށަހަޅާފައިވާ ބިލަށް ދެ ވަނަ އިސްލާހެއްގެ ގޮތުން ކޮމިޓީން ގެނައި އިސްލާހަކީ ސޮލިސިޓާ ޖެނެރަލްގެ މަގާމު އުވާލުމެވެ.

އޭގެ ބަދަލުގައި ހަމައެކަނި ޑެޕިއުޓީ އެޓާނީ ޖެނެރަލެއް ހުންނަ ގޮތަށް ވަނީ ހިމަނައިފަ އެވެ. އެ މަގާމަކީ ބަންޑާރަ ނައިބުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށް ވަކިކުރާ މަގާމެކެވެ.

ތަޅުމުގައި ވެސް ބިލަށް ވަނީ އިސްލާހެއް ގެނެސްފަ އެވެ. އެއީ ބަންޑާރަ ނައިބު އޮފީހުގެ މުވައްޒަފުންގެ ގޮތުގައި ބަލާނީ ޑެޕިއުޓީ އެޓާނީ ޖެނެރަލާއި ސެކްރެޓަރީ ޖެނެރަލާއި ލީގަލް ސާވިސް އަދި އެޑްމިނިސްޓްރޭޓިވް ސާވިސް މުވައްޒަފުން ކަމަށް ބުނާ އިސްލާހެކެވެ.

ބަންޑާރަ ނައިބުގެ އޮފީހަކީ މިހާރު ސިވިލް ސާވިސްގެ ދަށުން ހިންގާ އެ ތަނުގެ މުވައްޒަފުންނަށް ސިވިލް ސާވިސްގެ އުސޫލުތައް ހިނގާ ތަނެކެވެ. ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހާ އެއްގޮތަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކަކީ ވަކި ގާނޫނެއްގެ ދަށުން ހިންގާ ތަންތަނެވެ.

ބަންޑާރަ ނައިބުގެ އޮފީހަކީ މިނިވަން ތަނެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ތަން ސިވިލް ސާވިސްގެ ދަށުން ހިންގާތީ، ބައެއް ދަތިތައް އެ އޮފީހަށް ކުރިމަތިވެ އެވެ. އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ވަކީލުން ހޯދުމުގެ އުނދަގޫތަކެވެ.

ޕީޖީ އޮފީހާއި އެހެން މިނިވަން މުއައްސަސާތަކުގެ މުސާރައާ އަޅާބަލާއިރު، ބަންޑާރަ ނައިބުގެ އޮފީހުގެ މުސާރަތައް ސިވިލް ސާވިސްގެ އުސޫލުގެ ދަށުން ދޭތީ ކުޑަ އެވެ. އެހެންވެ، ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގެ ނަމުގައި އާ ބިލެއް ސަރުކާރުން ހުށަހެޅީ މިކަމަށް ހައްލެއް ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މިއަދު ފާސްކުރި ބިލްގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ބަހާލާފައި ވަނީ ދެ ބަޔަކަށެވެ. އެއީ ލީގަލް ސާވިސް އާއި އެޑްމިނިސްޓްރޭޓިވް ސާވިސް އެވެ. މުވައްޒަފުންނަށް ދޭ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ބިލްގައިވާ ގޮތުން ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް ފިނޭންސް މިނިސްޓަރެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކޮށް ހިންގުމުގެ އިހުތިޔާރު ވެސް ގާނޫނުން ދޭން ވަނީ ބިލްގައި ހިމަނައިފަ އެވެ. ގާނޫނުގެ ދަށުން ހަދާ މުވައްޒަފުންގެ ރިޓަޔަމަންޓް ގަވައިދާ އެއްގޮތަށް ޝަރަފުވެރިކަމާ އެކު ވަޒީފާއިން ވަކިވުމުގެ އިނާޔަތް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބިލްގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ބަންޑާރަ ނައިބުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުތައް އަދި ވާޖިބުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ވެ އެވެ. ބަންޑާރަ ނައިބުގެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ވަޒީފާ އަދާކުރަން ޖެހޭ ހަމަތައް ބިލްގައި ވެ އެވެ.