ކާޅާއި ވާލާ އެކު އުޅެން އިންސާނުން ދަސްކުރިޔަސް، ދޮންދީނިއަކަށް އެއީކީ ވާނެ ކަމެއް ނޫނެވެ. އެއީ ވެށީގެ ސިޔާސަތެވެ. ކާޅާއި ދޮންދީނި އަކީ ހަތުރުންނެވެ. އެ ދޭއްޗަށް އެއް މާހައުލަކު ދިރިނޫޅެވޭނެ އެވެ.
14 މެއި 2025
ކާޅާއި ވާލާ އެކު އުޅެން އިންސާނުން ދަސްކުރިޔަސް، ދޮންދީނިއަކަށް އެއީކީ ވާނެ ކަމެއް ނޫނެވެ. އެއީ ވެށީގެ ސިޔާސަތެވެ. ކާޅާއި ދޮންދީނި އަކީ ހަތުރުންނެވެ. އެ ދޭއްޗަށް އެއް މާހައުލަކު ދިރިނޫޅެވޭނެ އެވެ.
މި ބަހުސެއް ފެށުނީ ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ "އަހާ" ފޯރަމްގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކައަށް ފަހު އެވެ. އެ ފޯރަމްގައި އާންމުންގެ މީހަކު ސުވާލުކުރީ ރަށްރަށުގައި ކާޅާއި ވާލުގެ އުނދަގޫ މިހާރު ވަރަށް ބޮޑު ކަމަށް ވާތީ، އެ މައްސަލައަށް ހައްލެއް ހޯދަން މިނިސްޓްރީން އެއްވެސް މަސައްކަތެއް ކުރޭ ހެއްޔެވެ.
އެ ސުވާލަށް މާރިޔާ ދެއްވި ޖަވާބުގައި "ކާޅާއި ވާލާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށް" ވިދާޅުވި ވާހަކައަށް ސޯޝަލް މީޑިއާގައި ހާއްސަ ސަމާލުކަމެއް ލިބިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މާރިޔާ ހާޒިރު ކުރެއްވުމުން މެމްބަރަކު ވެސް ވަނީ މިނިސްޓަރުގެ އެ ވާހަކައަށް އަމާޒު ކުރައްވައި، ސުވާލު ކުރައްވައިފަ އެވެ.
މިއަދުގެ ޖަލްސާގައި އެ ސުވާލު އުފެއްދެވީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ދީދީ އެވެ.
"ވަޒީރު އިހަކަށް ދުވަހަކު ވިދާޅުވެފައި އެބައިން، ކާޅާއި ވާލާ އެއްކޮށް އުޅެން ދަސްކުރާށޭ. އެހެން ނަމަވެސް އައްޑޫ ސިޓީގައި ވަރަށް ޔުނީކު ދޫންޏެއް އުޅޭ. އަޅުގަނޑުމެން ކިޔާ އުޅެނީ ދޮންދީނި. މި ދޫނި ރެޑީއެއް ނޫން ކާޅާ އެއްކޮށް ދިރިއުޅޭކަށް. ކާޅުތައް މި ދޫނި ކައި ހުސްކުރަނީ. އެހެންވީމަ، މި ދޫންޏަށް އޮތް ގޮންޖެހުން ނައްތާލަން އެންމެ މުހިންމު އެއް ކަންތައް ކާޅު ނައްތާލުމަކީ. ކަމަނާ މިކަމާ ދޭތެރޭގައި ދެކެނީ ކިހިނެއްތޯ؟،" އޭނާ ވިދާޅުވި އެވެ.
ދޮންދީނިއެއް: ދޮންދީނިއަކީ އައްޑޫގެ ރަމްޒެއް.-- ފޮޓޯ: ހަސަން ނަޖްމީ
ޖަވާބުގައި މާރިޔާ ވިދާޅުވީ "އައްޑޫގައި އުޅޭ ވަރަށް ހާއްސަ ދޫންޏެއް" ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭތީ، ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އީޕީއޭއާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން އެކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، ކާޅާއި ވާލު ކަހަލަ ދޫނިސޫފާސޫފީގެ އުނދަގޫ އާންމުންނަށް ވަނީ އެ ތަކެތި ދިރިއުޅޭ މާހައުލު ހަލާކުވުމުންނެވެ. ކާޅާއި ވާލު ގޭގޭގެ ގަސްތަކުގައި ހުންނަ މޭވާ ކަނީ އޭގެ މާހައުލު ހަލާކުވެފައި ވާތީ ކަމަށް ވިދާޅުވި އެވެ. މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހެނީ ވެސް ދިރޭތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބެލެހެއްޓުމުގެ ސަބަބުން ކަމަށް މާރިޔާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން ގަސްދު ކުރަނީ ދޫނިސޫފާސޫފި މަރައިގެން އެ މައްސަލަ ހައްލު ކުރާކަށް ނޫން. ނައްތާލައިގެން ހައްލު ކުރާކަށް ނޫން. އެއާ އެކީގައި އުޅެން، އެ އަށް ވެސް އުޅެން ދަސްކޮށްދީގެން މަސައްކަތް ކުރަން،" މާރިޔާ ވިދާޅުވި އެވެ.
"ދެން އަޅުގަނޑު މިހެން ދެންނެވީމަ ތިޔަބޭފުޅުން ވިދާޅުވާނެ ކިހިނެއްތޯއޭ ދަސްކޮށްދޭނީ ދޫނިސޫފާސޫތްޕަށް އުޅެން. އޭގައި ވެސް ވަރަށް ގިނަ އުކުޅުތަކެއް ހުރޭ. އެންމެ ފުރަތަމަ ކަމަކަށް ގަސް އިންދުން އިތުރުކުރުން."
މިނިސްޓަރު އެގޮތަށް ވިދާޅުވިޔަސް، އާންމުންގެ ފާޑުކިޔުން މިކަމުގައި ވަރަށް ބޮޑެވެ. ކާޅު އުޅޭ ތަނެއްގައި ދޮންދީނި އަށް ނޫޅެވޭނެތީ އެވެ.
"ކާޅަކީ އެއްވެސް ޒަމާނެއްގައި އައްޑޫގައި ދިރިއުޅެ، އާލާވި ދޫންޏެއް ނޫން. ދާދި ފަހުން ކޮންމެވެސް ބަޔަކު އައްޑޫ މީހުންނަށް ޖެއްސުން ކުރުމަށްޓަކާ އައްޑުއަށް ގެންގޮސް ދޫކޮށްލި ކާޅުތަކެއް އައްޑު އަށް ގިނަވެ، އައްޑޫގައި އުޅޭ ދޮންދީނިތަކަށް ހަމަލާދީ، ދޮންދީދި ބިހާއި ކުދި ދޫނިތައް ކަމުން ގެންދާތީ، ކާޅަކީ އައްޑޫ ސިޓީގައި ޕެސްޓެއްގެ ގޮތުގައި ކަޑައަޅާފައި ވާތީ އައްޑޫ ސިޓީގައި އުޅޭ ކާޅު މަރާ ހުސްކޮށްދިނުމަށް އައްޑޫ ކައުންސިލާއި ރައްޔިތުން ސަރުކާރުގައި އެދެނީ،" އޮނަރަބްލް އަފީފު ދީދީގެ ނަމުގައި "މިހާރު" އަށް ކޮމެންޓުކުރި މީހަކު ބުންޏެވެ.
ދޮންދީނިތަކެއް: ދޮންދީނިއަކީ އައްޑޫގެ ރަމްޒެއް.-- ފޮޓޯ: ހަސަން ނަޖްމީ
ކާޅު ދޮންދީނީގެ ބިސް ބޯލާ ކަމާއި ކުދި ދޫނި މަރައި، ހާލިން ވައްޓާލާކަން މިނިސްޓަރަށް އެނގިވަޑައިނުގަންނަވަނީތޯ ކަމަށް ބުނެ ވެސް ބައެއް މީހުން ވަނީ މިނިސްޓަރުގެ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ސަރުކާރުން 1996 ވަނަ އަހަރު ހިމާޔަތް ކޮށްފައިވާ ދޮންދީނި އަކީ އައްޑޫގެ ފަހުރެއްގެ ގޮތުގައި ދެކޭ އެ ސިޓީ ރަމްޒު ކޮށްދޭ ދޫންޏެކެވެ.
ދޮންދީނި އަކީ ކަޅު ކުލައިގެ ތުންގަނޑަކާއި ފަޔާ އެކު، މުޅި ހަށިގަނޑު ހުދު ކުލައިގައި ހުންނަ ދޫންޏެކެވެ. ކަނޑުމަތީގެ މި ދޫންޏަކީ މަސްވެރިކަމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ދޮންދީނި އަކީ އައްޑުއަށް ހާއްސަ އެއްޗެއް ކަމަށް ވިޔަސް، މި ދޫނި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކަށް ގެންގޮސް އާލާކުރަން ވެސް ކުރިން މަސައްކަތް ކުރި އެވެ. އައްޑޫގެ އިތުރުން ރާއްޖޭގެ އެހެން ހިސާބަކުން ދެން މި ދޫނި ފެނިފައި ވަނީ ހުވަދުއަތޮޅުގެ އޮންނަ ފަޅުރަށެއް ކަމަށްވާ ހަވޮޑިގަލާއިން އެކަންޏެވެ.
މީގެ ފަސް އަހަރު ކުރިން 2020 ވަނަ އަހަރު އައްޑޫގައި ކާޅު ވަރަށް ބޮޑަށް ގިނަވެ، ކާޅު ހަމަލަދީގެން ދޮންދީނި މަރުވާ ވަރު އިތުރުވި އެވެ. އެކަން ބޮޑުވުމުން ސަރުކާރުން އޭރު ވަނީ އައްޑޫގައި އުޅުނު ކާޅުތައް މަރަން ސިޓީ ކައުންސިލަށް ހުއްދަ ދީގެން އެކަން ކޮށްފަ އެވެ.
އެކަމަކު، އައްޑޫގައި ދޮންދީނި މަދުވާ އެހެން ބައެއް ސަބަބުތައް ވެސް އެބަހުއްޓެވެ. އެ ދޫނި ކުރިން އާންމުކޮށް ހާލި ހަދައިގެން އުޅުނު ބަނބުކެޔޮ ގަސްތަކާއި އަނބު ގަސް ކަހަލަ ބިޔަކޮށް ހެދޭ ގަސްތައް އައްޑޫން ވަރަށް ބޮޑަށް މަދުވެފައި ވާތީ ދޮންދީނީގެ އާބާދީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
އާންމުންގެ ކަންބޮޑުވުން އޮތީ އައްޑޫ ރަމްޒު ކޮށްދޭން ދޮންދީނި، ކާޅުގެ ސަބަބުން ނެތިގެން ހިނގައިދާނެތީ އެވެ. ކާޅަށް މިނިވަންކަން ދީގެން ދޮންދީނި ހިމާޔަތް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވެނީ އެވެ. އެއީ ތަބީއީ ގޮތުން ވެސް އެއް މާހައުލެއްގައި އުޅެވޭނެ އެއްޗެހި ނޫންކަން އެނގެން އޮތުމުންނެވެ.
ކާޅާއި ވާލާއެކުގައި އުޅެން ދަސްކޮށްދޭންޖެހޭ: މާރިޔާ
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
އައްޑޫން ކާޅު ނައްތާލަން ހުއްދަަ ދީފި
ދޮންދީނި ހިމާޔަތްކުރަން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި
ދޮންދީނީގެ އާބާދީ ބަލަން އައްޑޫގައި ސާވޭއެއް
އައްޑޫ ނޭޗާ ޕާކް: ގުދުރަތީ ހިތްގައިމުކަމުން ފުރިފައި!
ބުޅާ ފެސިލިޓީއަށް އަހަރަކު 10.8 މިލިއަން ހަރަދުވާނެ
މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
"ސައުތު އަރި މެރިން ޕާކު" ބަލަހައްޓާނެ ކޮމިޓީއެއް