Roadha Mihaaru

ބޮލީވުޑްގެ ތަރިން ބުލީކުރާ ކަމަށް ބުނެ ބާބިލް ރޮއެފި

ބޮލީވުޑްގެ ތަރިން އޭނާއަށް ބުލީކުރާ ކަމަށާއި އެއީ ވަރަށް "ފޭކު ބައެއް" ކަމަށް ބުނެ އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން ރޮއެފި އެވެ.

ބޮލީވުޑްގެ ތަރިން ބުލީކުރާ ކަމަށް ބާބިލް ބުނެފި

ބޮލީވުޑްގެ ތަރިން އޭނާއަށް ބުލީކުރާ ކަމަށާއި އެއީ ވަރަށް "ފޭކު ބައެއް" ކަމަށް ބުނެ އިރުފާން ހާންގެ ދަރިފުޅު ބާބިލް ހާން ރޮއެފި އެވެ.

އެ ތުހުމަތުތަކާ އެކު، ބާބިލް ގިސްލައި ރޮމުން ވާހަކަ ދައްކާ ވީޑިއޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މިއަދު ޕޯސްޓުކުރި އެވެ. އެކަމަކު، އޭގެ މާ ގިނައިރުތަކެއް ނުވެ އެ ވީޑިއޯ ޑިލިޓްކޮށް، މިހާރު ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ވެސް ޑީއެކްޓިވޭޓް ކޮށްފަ އެވެ.

ނަމަވެސް އެ ވީޑިއޯ މިހާރު އޮތީ ޝޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ.

ބާބިލް ވަނީ އޭނާއަށް ބުލީކުރާ އަދި އޭނާއާ މެދުގައި ގޯސްކޮށް ކަންކަން ކުރާ ކަމަށް ބުނާ ބައެއް ތަރިންގެ ނަންތައް ވެސް ކިޔައިފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ، އަރްޖުން ކަޕޫރް، ޝަޔާނާ ކަޕޫރް، ސިދާންތު ޗަތުރްވޭދީ އަދި އަދާޝް ގޯރަވް ހިމެނެ އެވެ.

"އަހަރެން ބުނަން މި އުޅެނީ ޝަނާޔާ ކަޕޫރް، އަނަންޔާ ޕަންޑޭ، އަރްޖުން ކަޕޫރް، ސިދާންތު ޗަތުރްވޭދީ، ރާގަވް ޖުޔާލް، އަދަރްޝް ގައުރަވް އަދި އަރްޖިތު ސިންގް ކަހަލަ މީހުންގެ ވާހަކަ. އަދިވެސް ވަރަށް ގިނަ ނަންތައް އެބަހުރި،" ބާބިލް ރޮމުން ކިޔައިދިނެވެ.

"ބޮލީވުޑަކީ ވަރަށް ފޭކު ތަނެއް. ބޮލީވުޑަކީ ވަރަށް، ވަރަށް ރޫޑް ތަނެއް."

ބާބިލް ބުނީ ބޮލީވުޑްގައި ތިބީ ރަނގަޅު ވަރަށް މަދު ބައެއް ކަމަށެވެ.

ބެލެވޭ ގޮތުގައި އެ ވީޑިއޯ ނެގި ވަގުތު ބާބިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައި ވެ އެވެ.

މިއީ ބޮލީވުޑްގެ ނުފޫޒުގަދަ ތަރިންގެ ފަރާތުން ބުލީގެ ޝިކާރައަކަށް ވެގެން އެކްޓަރަކު އެ ތުހުމަތުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެހެން ބައެއް އެކްޓަރުން ވެސް ވަނީ އެ އިންޑަސްޓްރީގެ ނުފޫޒުގަދަ ތަރިންނާއި ނުފޫޒުގަދަ އާއިލާތަކުން އެކްޓަރުންނަށް ބުލީ ކުރުމާއި ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތުތައް ހަނިކުރާ ކަމަށް ތުހުމަތު ކޮށްފަ އެވެ.

ބޮލީވުޑްގައި "ނެޕޮޓިޒަމް" ވަރަށް ބޮޑަށް އޮންނަ ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ވެސް މީގެ ކުރިން އެކި އެކްޓަރުން ފެންމަތިކޮށްފައިވެ އެވެ.

ކެންސަރު ބަލީގައި 2018 ވަނަ އަހަރު މަރުވި ކުޅަދާނަ އެކްޓަރު އިރްފާންގެ ދަރިފުޅު ބޮލީވުޑަށް ތައާރަފުވީ ނެޓްފްލިކްސްގެ ފިލްމު "ގަލާ" އިން 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން މާ ގިނަ ފިލްމުތަކަކުން އޭނާއަށް ފުރުސަތު ނުލިބެ އެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހު އޭނާގެ އާ ފިލްމު "ލޮގްއައުޓް" ވަނީ ޒީފައިވްގައި ސްޓްރީމް ކުރަން ފަށައިފަ އެވެ.

"ލޮގްއައުޓް" ޕްރޮމޯޓް ކުރުމަށް މިދިޔަ މަހު އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުތަކުގައި ވެސް ބާބިލް ވަނީ ބޮލީވުޑަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި އެ އިންޑަސްޓްރީގައި ގިނައީ ދެފުށްދެގޮތް މީހުން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.