Roadha Mihaaru

ކުނާލް މިފަހަރު ވެސް އުފަންދުވަސް ފާހަގަކުރީ ރާއްޖޭގައި

ބޮލީވުޑްގެ އެކްޓަރު ކުނާލް ކެމޫ އޭނާގެ 42 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

ކުނާލް މިފަހަރު ވެސް އުފަންދުވަސް ފާހަގަކުރީ ރާއްޖޭގައި

ބޮލީވުޑްގެ އެކްޓަރު ކުނާލް ކެމޫ އޭނާގެ 42 ވަނަ އުފަންދުވަސް ރާއްޖޭގައި ފާހަގަކޮށްފި އެވެ.

ކުނާލްއަށް 42 އަހަރު ފުރުނީ އިއްޔެ އެވެ.

ކުނާލްގެ އުފަންދުވަސް ފާހަގަކުރީ ތ. އަތޮޅުގައި އޮންނަ ކޯމޯ މާލިފުށި ރިސޯޓުގަ އެވެ. ކުނާލްއާ އެކު އޭނާގެ އަންހެނުން އަދި ބޮލީވުޑްގެ އެކްޓްރެސް ސޯހާ އަލީ ހާން އާއި އެ ދެމަފިރިންގެ ދަރިފުޅު ވެސް ރާއްޖެއަށް އައިސްފައިވެ އެވެ.

ކުނާލްގެ އުފަންދުވަސް ފާހަގަކުރަން ފެމެލީ ޑިނާއެއް ރޭ ބޭއްވި އެވެ. އަދި އިއްޔެ އެންމެން އެކުގައި ސްކޫބާ ޑައިވިން އަށް ވެސް ދިޔަ އެވެ. މި މަންޒަރުތައް ސޯހާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާކޮށްފަ އެވެ.

ކުނާލް އޭނާގެ 40 ވަނަ އުފަންދުވަސް ވެސް ފާހަގަކުރީ އާއިލާއާ އެކު ރާއްޖޭގަ އެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ވެސް އެ ދެމަފިރިން ޗުއްޓީއަށް ރާއްޖެ އައިސްފައިވެ އެވެ. އެފަހަރު އެ މީހުން ތިބީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ފަރި އައިލެންޑުގަ އެވެ.

ކުނާލް އާއި ސޯހާ 2018 ވަނަ އަހަރު ވަނީ ސޯހާގެ ބޭބެ ސައިފް އަލީ ހާން އާއި ސައިފްގެ އަންހެނުން ކަރީނާ ކަޕޫރް ހާންއާ އެކު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެ ފަހަރު އެމީހުން ތިބީ ބ. އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުގަ އެވެ.