Roadha Mihaaru

އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަމަށް ވަނީ ހައްލު ގެނެސްފައި: ރައީސް

ދޭދޭ ގައުމުތަކާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކަންބޮޑުވުން ހުރި ކަންކަމަށް މިހާރު ހައްލު ގެނެސްފައިވާ ކަމަށާއި އެކަމަކު އެ އެއްބަސްވުންތައް ހާމަނުކުރެވި ލަސްވަނީ އެކަމާ މެދު "ބައިލޭޓަރަލް" މަޝްވަރާތައް ކުރިއަށް ގެންދާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކަންބޮޑުވާ ކަންކަމަށް ވަނީ ހައްލު ގެނެސްފައި: ރައީސް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

03 މެއި 2025

ދޭދޭ ގައުމުތަކާ އެކު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ކަންބޮޑުވުން ހުރި ކަންކަމަށް މިހާރު ހައްލު ގެނެސްފައިވާ ކަމަށާއި އެކަމަކު އެ އެއްބަސްވުންތައް ހާމަނުކުރެވި ލަސްވަނީ އެކަމާ މެދު "ބައިލޭޓަރަލް" މަޝްވަރާތައް ކުރިއަށް ގެންދާތީ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެކި ގައުމުތަކާ އެކު، ކުރީގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އެ އެެއްބަސްވުންތަކުގައި މައްސަލައެއް ނެތް ކަަމަށް މިއަދުގެ މީޑިއާ ބްރީފިންގެ ކުރީ ބައިގައި ވިދާޅުވި ނަމަވެސް ސުވާލާއި ޖަވާބުގެ ބައިގައި ނޫސްވެރިން ސުވާލު ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ، އާ ނުކުރެވެން އޮތީ ޑިމޮގްރެފިކް އެއްބަސްވުން އެކަނި ކަމަށެވެ. ބާކީ ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން ސީދާ އެ މަނިކުފާނު އެ ބޭފުޅުންނާ ވާހަކަ ދައްކަވައިގެން މިހާރު ހައްލު ކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރަކު ނެތޭ ކަންބޮޑުވާ ކަމެއް. އެކަމަކު އިސްލާހު ގެނެވިފައިވި އެއްބަސްވުން ވިޔަސް ހާމަކުރުމުގައި ކޮންފިޑެންޝަލިޓީ ކްލޯޒް އޮންނާތީ ބައިލެޓްރަލް ޑިސްކަޝަންތަލެއް އެބަ ކުރިއަށް ދެއޭ، ދެ ފަރާތުގެ ބައްދަލުވުންތަކުގެ ތެރެއިން ދެ ގައުމުގެ ގާތްގުޅުމުގެ ތެރެއިން ޖެހޭނެއޭ މަޝްވަރާ ކުރަން،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އުންމީދު ކުރަން މާ ލަސްތަކެއް ނުވެ ދެ ފަރާތުން އެއްބަސްވެވިގެން އެއްބަަސްވުމުގެ ކްލޯޒްތައް މީޑިއާއާ ހިއްސާ ކޮށްދިނުން."

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަކުރުމަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް އެ ކަން ކުރިއަށް ދާ ކަމަށެވެ.