Roadha Mihaaru

މާލޭގައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް އިތުރުކޮށްފި

މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްފި އެވެ.

މާލޭގައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް އިތުރުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

02 މެއި 2025

މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މުޒާހަރާ ކުރެވޭ ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްފި އެވެ.

އެއްވެ އުޅުމާބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގެ ދަށުން ހޯމް މިނިސްޓްރީން ކަނޑައަޅާފައި އޮންނަ ގޮތުން މީގެކުރިން މާލޭގައި ހުއްދަ ނެތި މުޒާހަރާ ކުރެވެނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ. އަދި އެހެން ތަންތަނުގައި މުޒާހަރާ ކުރުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަން ޖެހެ އެވެ.

ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ބަދަލު ގެނައީ ސުލްހަވެރިކަމާ އެކު، އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ ކަމަށް މިހާރު ކަނޑައަޅާފައި ވަނީ އެންމެ ސަރަހައްދެއްގައި ކަމަށް ވާތީ، މާލޭގައި އެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން ކަމަށެވެ.

ހޯމް މިނިސްޓްރީން ބުނި ގޮތުގައި، އެ ބަދަލާ އެކު ކާނިވާ ސަރަހައްދުން އިތުރު ތިން ތަނެއްގައި، ފުލުހުންގެ ހުއްދަ ނެތި މުޒާހަރާ ކުރެވޭނެ އެވެ. އެއީ، ރަސްފަންނު ސަރަހައްދާއި މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދު އަދި އުސްފަސްގަނޑު ސަރަހައްދުގަ އެވެ.

ފުލުހުންގެ ހުއްދަ ހޯދައިގެން މުޒާހަރާ ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅަފައި އޮތަސް، އެ ހުއްދަ ނެތި މިދިޔަ އަހަރުތަކުގައި މާލޭގެ އެކިއެކި ތަންތަނުގައި މުޒާހަރާތައް ބާއްވާފައިވެ އެވެ.