27 ސެޕްޓެމްބަރ 2021
މުޒާހަރާތަކާއި އެއްވުންތައް ރޫޅައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަދިވެސް އިސްކުރަނީ އަނިޔާވެރި ކަމެވެ. ބޭނުންކުރަނީ ހާލަތާ ނުބައްދަލު ބާރެވެ. މި އަމަލުތަކަށް ފިޔަވަޅެއް ނާޅަ އެވެ؛
މުޒާހަރާތަކާއި އެއްވުންތައް ރޫޅައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަދިވެސް އިސްކުރަނީ އަނިޔާވެރި ކަމެވެ. ބޭނުންކުރަނީ ހާލަތާ ނުބައްދަލު ބާރެވެ. މި އަމަލުތަކަށް ފިޔަވަޅެއް ނާޅަ އެވެ؛
މި ފަހުން މާލޭގައި އިދިކޮޅުން ބޭއްވި އެއްވުންތަކާ ގުޅިގެން ވެސް މި ތުހުމަތުތަކުގެ އަޑު ގަދަވި އެވެ. އެޗްއާރުސީއެމާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ތަހުގީގު ވެސް އެބަ ކުރެ އެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ފުލުހުން އަނިޔާވެރި، ލާއިންސާނީ އަމަލުތައް ގަސްތުގައި ހިންގަފާނެ ކަމަކަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ގަބޫލެއް ނުކުރައްވަ އެވެ.
އޭނާ ވިދާޅުވީ "މިއަދު އޮތީ ފުލުހުންގެ އެފަދަ އަމަލުތައް ޓޮލަރޭޓްކުރާ މުއައްސަސާއެއް" ނޫން ކަމަށެވެ. އެކަން ތަންކޮޅެއް ކުރިން ފުލުހުންގެ ތެރޭގައި އޮތަސް ހެޔޮބަދަލެއް އަތުވެއްޖެ ކަމަށް ވިދާޅުވި އެވެ.
"މިއަދަކީ އެ ދުވަހެއް ނޫން ފުލުހުންގެ ޔުނިފޯމު އަޅައިގެން ހުންނަ އޮފިސަރަކު އާއްމު ރައްޔިތަކާ މެދު އެއްވެސް ހާލަތެއްގައި މުޒާހަރާ ނޫނަސް އިހާނެތި ބަހެއް ބުނުން. އިހާނެތި އަމަލެއް ހިންގުން، މީހަކަށް އަނިޔާކުރުން. އެއީ އަޅުގަނޑުމެން ޓޮލަރޭޓް ކުރާ ކަމެއް ނޫން،" ހަމީދު ވިދާޅުވި އެވެ.
މާލޭގައި، "ދޭތިން އެކައްޗަށް" ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި މުޒާހަރާ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު
ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދުވަސްތަކުގައި އެ މުއައްސަސާ އިން ވާނީ އެކަން ދައްކުވައި ވެސް ދީފަ އެވެ. އަނިޔާއެއްގެ ތުހުމަތުވެއްޖެ ނަމަ އޮންނަ އުސޫލްތަކުގެ ތެރޭގައި މައްސަލަ ބަލައި ގޯހެއް ފާހަގަވެއްޖެ ނަމަ ފިޔަވަޅު އަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
މުއައްސަސާގައި މިހާރު އޮތީ އެފަދަ ކަމެއް ހިންގައިފި ނަމަ ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
ހަމީދު ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު މ. އުޖާލާގޭގައި ފުލުހުންގެ ފަރާތުން ހިނގައިދިޔަ އަނިޔާވެރި އަމަލަށް ފަހު ފިޔަވަޅު އަޅައި މިހާތަނަށް މުޅި ނިޒާމު އާ ގާނޫނަކާ ވެސް އެކު މިއޮތީ ބަދަލުވެފަ އެވެ. މި ފަހުން ޅ. ނައިފަރުގައި ފުލުހުންގެ ފަރާތުން ހިންގައިދިޔަ ކަމެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކުރި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި އެންމެ ކޮމްޕިޓެންޓް، ޒަމާނީ ވަސީލަތްތައް ހުރި ތަންތަނުގައި ވެސް ސްޓޭންޑަޑްސްތަކާ ހިލާފުވުމަކީ އޮންނާނެ ފުރުސަތެއް ކަމަށެވެ. މިފަދަ ކަމެއްގައި ކަށަވަރު ކުރަން ޖެހޭ ކަމަކީ އޮންނަ އިޖުރާއަތުގެ ތެރެއިން ޖަވާބުދާރީ ކުރުވައި ފިޔަވަޅު އެޅުން ކަމަށާއި އެކަން ފުލުހުންގެ މުއައްސަސާގައި ހިނގާ ކަމަށް ވިދާޅުވި އެވެ.
މި ފަހުން ބާއްވާ މުޒާހަރާތައް ފުލުހުން ރޫޅާލާތީ ކަންބޮޑުވުންފާޅުކުރާއިރު ގިނަ އެއްވުންތައް ބާއްވަނީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވި އެވެ.
އޭނާ ހަވާލާދެއްވީ 2006 ގައި ގާނޫނަށް ގެނައި އިސްލާހަށެވެ. އެ އިސްލާހުގައިވާ ގޮތުން ނަމަ މާލެ ސަރަހައްދުގައި މުޒާހަރާ ބޭއްވޭނީ ކުރިން ހުއްދަ ހޯދައިގެން ކާނިވާ ސަރަހައްދުގައި އެކަންޏެވެ. މިއީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށާއި ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ބުނެފައި އޮތަސް އަދިވެސް އަމަލުކުރަމުން އަންނަނީ އެ އިސްލާހަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ އެ އިސްލާހު ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.
ކޮމިޝަނަރު ވިދާޅުވީ އޭރު ގެނެވުނު ބަދަލުތަކާ އެކު ގާނޫނު އެގޮތަށް އޮތަސް ފުލުހުންގެ މުއައްސަސާއަކީ ޑިމޮކްރެޓިކް ހަމަތަކާއި އިންސާނީ ހައްގުތަކަށް ތަބާވެގެން ކުރިއަށްދާ މުއައްސަސާއަކަށްވާތީ ޑިމޮކްރެޓިކް ހައްގުތައް ކުރިއަށް ގެންދަން ޖާގަ ދޭ ކަމަށެވެ.
މުޒާހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ: މުޒާހަރާތައް ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމުގެ ތުހުމަތު ފުލުހުން ދޮގުކުރޭ. -- ފޮޓޯ/މިހާރު
ހަރުކަށިކޮށް މުޒާހަރާތައް ހުއްޓުވަން އުޅޭ ނަމަ މިހާރަށް ވުރެން މާ ހަރުކަށިކަން ފުލުހުންގެ ފަރާތުން ފެންނާނެ ކަމަށް ވިދާޅުވި އެވެ. ފާއިތުވެދިޔަ ތަނުގައި އެކަން ފެނިފައި ހުރި ކަމަށް ވިދާޅުވި އެވެ.
"ޖުމްލަކޮށް ދަންނަވާ ނަމަ މިހާރު ހިނގާ މުޒާހަރާތަކަކީ ގާނޫނާ އެއްގޮތަށް ކުރިއަށް ގެންދެވޭ މުޒާހަރާތަކެއް ނޫން. އޭގެ ސަބަބުން އާއްމުންގެ މަސްލަހަތު ނަގާ ލެވޭ ކަމަށް ވަންޏާ ފުލުހުންގެ ދައުރެއް އެބައޮވޭ." ހަމީދު ވިދާޅުވި އެވެ.
ދާދި ފަހުން ޕީޕީއެމުން ބޭއްވި މުޒާހަރާއެއްގައި ޗެނަލް 13 ގެ ކެމެރާމަނަކަށް ލިބުނު އަނިޔާގެ ވާހަކަ ސޯޝަލް މީޑިއާ އާއި މީޑިއާގައި ދައުރުކުރި ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ތުހުމަތުކުރި ވީޑީއޯ ބެއްލެވި ކަމަށެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ ވީޑީއޯ ބަލަމުން އަންނައިރު, ފުލުހުންގެ އެތެރޭގެ ތަހުގީގެއް ވެސް އަންނަނީ ހިންގަމުންނެވެ.
"އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވޭ ކަމަކީ އެ ހާދިސާގައި ސާފުކޮށް އަދި އަޅުގަނޑުމެންނަށް ދަންނަވަން ނޭނގުނަސް ހަތް ސިކުންތުގެ އެ ވީޑީއޯ ކްލިފުން ފެންނަ އެއްޗަކީ އަދި މުޅި މަންޒަރެއް ނޫން."
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތަކާ މެދު އިހާނެތިކޮށް އޮންނަ އުސޫލްތަކާއި މިންގަނޑުތަކާ ހިލާފަށް އަނިޔާވެރިކަން ދައްކާ ފުލުހަކާ މެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު"އާ ވާހަކަ ދައްކަަވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިިހާރު
ކޮމިޝަނަރު ވިދާޅުވި ގޮތުގައި މިގޮތަށް ފުލުހުން ފިޔަވަޅު އަޅާއިރު ޕްރޮފެޝަނަލް މިންގަނޑުން ނޫސްވެރިން ބޭރުވުމުން އެ ނޫސްވެރިއަކާ މެދު ނުވަތަ މީޑިއާއަކާ މެދު އަޅާ ފިޔަވަޅެއް ނުފެނެ އެވެ. ބައެއް މުޒާހަރާތަކުގައި ބައެއް ނޫސްވެރިން އަޅައިގެން ތިބޭ ފާހަކީ ހަމަޖެހުން ނަގާލަން ބޭނުންކުރާ ލައިސަންސަކަށް ހަދާ ކަމަށާއި މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވީ ތުހުމަތުތަކުން ސަލާމަތްވާން އެންމެންނަށް ވަރަށް އަވަހަށް ކުއްލިއަކަށް ފެނިގެންދާނެ އިންގިލާބީ ބަދަލަކަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެއީ ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށުމެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ ހޯދުން މިހާރު އޮތީ ޓެންޑާ މަރުހަލާގަ އެވެ.
"މި ކެމެރާ ފުލުހުން އެޅުވީމަ ނޫސްވެރިން ވެސް މުޒާހަރާތަކުގައި އެ އަމަލުކުރައްވާ ގޮތާ ތަފާތުކޮށް އަމަލުކުރައްވާނެ. މުޒާހަރާކުރާ ފަރާތުން ވެސް އެ މީހެއްގެ އަމަލުތައް ވަގުތުން ރެކޯޑު ކުރެވެމުންދާކަން އެނގި ހުރެ ތަފާތުވާނެ އަމަލުކުރާ ގޮތް،" ހަމީދު ވިދާޅުވި އެވެ.
ފުލުހަކު ބޮޑީ ކެމެރާއަކާ އެކު ބްރިޖު ސަރަހައްދުގައި. ފުލުހުންނަށް 1400 ބޮޑީ ވޯން ކެމެރާ އަންނަނީ ހޯދަމުން. -- ފޮޓޯ/ ޕޮލިސް
"ފުލުހުން ވެސް އަމަލުކުރާ ގޮތް އަދި ބުނާ ބަސް ވެސް ތަފާތުވާނެ. މީގެ ސަބަބުން ޖުމްލަ ގޮތެއްގައި މަސައްކަތުގެ ތެރެއިން ރައްޔިތުންގެ އިތުބާރާއި މުއައްސަސާއަށް ހެޔޮ އަސަރެއް ކުރާނެ."
ކޮމިޝަނަރު ވިދާޅުވި ގޮތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމުން ފުލުހުން އިތުރަށް ޖަވާބުދާރީ ކުރުވުމާއި ފިޔަވަޅު އެޅުމުގެ އިތުރުން ފުލުހުންގެ އޮފިސަރަށް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންދާނެ އެވެ.
"ވަޒީފާގައި ހުންނަ އިރު ދޭތެރެ ދޭތެރެ އިން މި އަންނަ ތުހުމަތު, މީހަކާ ދިމާލަށް އެއްޗެއް ބުނީ, ބޭއިންސާފުން އަމަލެއް ހިންގައި އަނިޔާވެރިވީ ކަމަށް މި އޮންނަ ޝަކުވާތަކަށް ހައްލެއް ލިބިގެންދާނެ،" ހަމީދު ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރަން ލަފާދީފި
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޝުޖާއު އާއި ނަވީން
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ފުރުސަތު ހުޅުވާލައިފި
ހައްޔަރުކުރީ ފުލުހުންނާ ދިމާލަށް އެއްޗެއް އެއްލުމުން
އިދިކޮޅު އިހުތިޖާޖުން އާދަމް ޝަރީފް ހައްޔަރުކޮށްފި
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
ކޯޓުން ޝަރުތުކުރި ގޮތް ގޯސްވުމުން އަމުރުތައް ބާތިލް
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މީހުން ބަންދަށް
އިދިކޮޅު މުޒާހަރާއިން ގެންދިޔަ އެންމެ ދޫކޮށްލައިފި