Roadha Mihaaru

"ޓޫ އޮފް އަސް" ގަދަކޮށް، ސެމީ ފައިނަލަށް!

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ވާދަކުރަމުން އަންނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" އެ ޝޯގެ ސެމީ ފައިނަލަށް މިރޭ ހޮވިއްޖެ އެވެ.

"ޓޫ އޮފް އަސް" ގަދަކޮށް، ސެމީ ފައިނަލަށް!

އިންޑިއާގެ ރިއަލިޓީ ޝޯ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް"ގައި ވާދަކުރަމުން އަންނަ ދިވެހި ބޭންޑް "ޓޫ އޮފް އަސް" އެ ޝޯގެ ސެމީ ފައިނަލަށް މިރޭ ހޮވިއްޖެ އެވެ.

ސެމީގެ ޖާގަ ކަށަވަރުކުރުމަށް އެ ބޭންޑުން ރޭގައި ހުށަހެޅީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖިތު ސިންގްގެ ލަވަ 'ވޭ ކަމްލެޔާ" އެވެ. ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"ގެ އެ ލަވަ މި ޝޯގައި ކިޔާފައި ވަނީ "ޓޫ އޮފް އަސް"ގެ ލަވަކިޔުންތެރިން ކަމަށްވާ އަހްމަދު އަދުހަމް އާއި މުހައްމަދު ނަސޫހު ބިން ނަސްރުއްދީނެވެ.

އަދުހަމް އާއި ނަސޫހް އެ ލަވަ ހުށަހަޅާދިނީ އެ ލަވައަށް އަދުހަމްގެ އަމިއްލަ ލިރިކްސްގެ ބައެއް ވެސް އިތުރުކޮށްގެންނެވެ. އެހެންވެ، ޖަޖުންގެ ވަރަށް ތައުރީފު ވެސް އޭނާއަށް ލިބުނެވެ.

ޖެސްޓް ޖަޖެއްގެ ގޮތުގައި އިންޑިއާގެ މަޝްހޫރު މިއުޒީޝަން ސަލީމް މާޗެންޓު ރޭގެ ޝޯއަށް ދިޔައިރު، "ޓޫ އޮފް އަސް"އަށް ހުރިހާ ޖަޖުންގެ ތައުރީފު އޮއްސާލި އެވެ. ސެމީ އަށް ދަތުރުކުރުމުގެ ކުރިން މިދިޔަ ހުރިހާ ޝޯއެއްގައި ވެސް އެ ބޭންޑަށް ވަނީ ޖަޖުންނާއި ބެލުންތެރިންގެ ވަރަށް ތައުރީފު ލިބިފަ އެވެ.

ރޭގެ ހުށަހެޅުމަށް ފަހު މިރޭ އޮތް އެލިމިނޭޝަން ރައުންޑުގައި "ޓޫ އޮފް އަސް"ގެ އިތުރުން ސެމީގެ ޖާގަ ކަށަވަރުކުރީ ސްރީ ލަންކާ އާއި ތަޖަކިސްތާން އާއި ނޭޕާލް އަދި މޮރިޝަސްގެ ދެ ބޭންޑެކެވެ.

ސެމީގައި ހަ ބޭންޑަކުން ވާދަކުރާއިރު، ގްރޭންޑް ފިނާލޭގައި ވާދަކުރާނީ ފަސް ބޭންޑެކެވެ. އަދި އެތަނުން ގަދަ ތިނެއް ހޮވާނެ އެވެ.

"ބެޓުލް އޮފް ބޭންޑްސް" އަކީ އިންޑިއާގެ ދައުލަތުގެ މީޑިއާ، ދޫރްދަރްޝަން އިން ގެނެސްދޭ ލަވަ މުބާރާތެކެވެ. މިދިޔަ ތިން އަހަރު ހަމައެކަނި އިންޑިއާގެ ބޭންޑުތައް ބައިވެރިކޮށްގެން ގެނެސްދިން މި ޝޯ މި އަހަރު ގެނެސްދެނީ ބޭރު ގައުމުތަކަށް ވެސް ފުރުސަތު ދީގެންނެވެ. އެހެންވެ، ރާއްޖޭގެ ފަރާތުން މި މުބާރާތުގައި ބައިވެރިވީ ޒުވާން ބޭންޑް "ޓޫ އޮފް އަސް" އެވެ.

ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން: އެ ބޭންޑް ވަނީ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ސެމީ ފައިނަލަށް ހޮވިފައި.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް

ދިވެހި ބޭންޑް "ޓޫ އޮފް އަސް"ގެ ބައިވެރިން: އެ ބޭންޑް ވަނީ "ބެޓުލް އޮފް ބޭންޑްސް އިންޓަނޭޝަނަލް" ސެމީ ފައިނަލަށް ހޮވިފައި.-- ފޮޓޯ: ސާރޭގަމަ އިންޑިއާ ލިމިޑެޓް

އަދުހަމް އާއި ނަސޫހުގެ އިތުރުން މި ބޭންޑުގެ ބައިވެރިންނަކީ އަބްދުﷲ ޝަމްރޫހް އާއި އަހްމަދު ޖަޝީމް އަދި މަޝްހޫރު ގިޓަރިސްޓް އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

ރާއްޖޭގެ އިތުރުން މި ޝޯގައި މޮރިޝަސް، ތަޖިކިސްތާން، އަފްގާނިސްތާން، ސިންގަޕޫރު، ރަޝިއާ، ސްރީ ލަންކާ، ނޭޕާލް، ސްޕެއިން އަދި އިނގިރޭސިވިލާތުން ވާދަކުރެ އެވެ.