Roadha Mihaaru

ޣައްޒާގައި ކޮންމެ 10 މީހަކުން ނުވަ މީހަކަށް ސާފު ފެނެއް ނުލިބޭ

ފަލަސްތީނުގެ ޣައްޒާގައި ކޮންމެ 10 މީހަކު ނުވަ މީހަކަށް ސާފު ބޯފެން ނުލިބޭ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ފަލަސްތީނުގެ އިސް މަންދޫބަކު މިއަދު ވިދާޅުވެއްޖެ އެވެ.

ޣައްޒާގައި 10 މީހަކުން 9 މީހަކަށް ފެނެއް ނުލިބޭ

ފަލަސްތީނުގެ ޣައްޒާގައި ކޮންމެ 10 މީހަކު ނުވަ މީހަކަށް ސާފު ބޯފެން ނުލިބޭ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ފަލަސްތީނުގެ އިސް މަންދޫބަކު މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ޣައްޒާ ހިސާރުކޮށް އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައި އޮންނާތީ އެކަމުގައި އިޒްރޭލުން އުފުލަންޖެހޭ ގާނޫނީ ޒިންމާއާ ގުޅޭ ލަފައެއް ހޯދުން އދ.ގެ އާންމު މަޖިލީހުން އދ.ގެ އެންމެ މަތީ ކޯޓަށް ހުށަހެޅި މައްސަލަ މިއަދު ވަނީ ފަށައިފަ އެވެ.

ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓަށް ފަލަސްތީނުގެ ހުށަހެޅުން އިއްވަވަމުން އައްމާރް ހިޖާޒީ ވިދާޅުވީ އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައި އޮންނަނީ "ހަނގުރާމައިގެ ހަތިޔާރެއް" ގެ ގޮތުން ކަމަށެވެ. އަދި ހަނގުރާމައިގެ ލާއިންސާނީ އުކުޅެއް ކަމަށް ވިދާޅުވެ އޭނާ ވާހަކަ ދެއްކެވުމާ އެކު އިޒްރޭލުން ވަނީ ރައްދު ދީފަ އެވެ.

ކޯޓުގެ އަޑުއެހުންތަކުގައި ބައިވެރިނުވާ އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނީ އައިސީޖޭ އިން ކުރިއަށް ގެންދާ މި އަޑުއެހުންތަކަކީ "ގައުމެއްގެ ހައިސިއްޔަތު ގެއްލުވާލަން" ހިންގާ ޣައިރު ގާނޫނީ އަމަލުތަކެއް ކަމަށް ބުނެފަ އެވެ.

ޣައްޒާއަށް އެހީ ވެއްދުން ހުއްޓުވިތާ 50 ދުވަސް ފަހުން ފެށި އަޑުއެހުންތަކުގައި ފަލަސްތީނުގެ މަންދޫބު ވިދާޅުވީ އދ.ގެ އެހީއާ އެކު ޣައްޒާގައި ހިންގަމުން ދިޔަ ހުރިހާ ބޭކަރީތަކެއް މިހާރު ވަނީ އެ ތަންތަނަށް ބޭނުންވާ ތަކެތި ނެތިގެން ބަންދުކުރަންޖެހިފައި ކަމަށެވެ.

"ފަލަސްތީނުގެ ކޮންމެ 10 މީހެއްގެ ތެރެއިން ނުވަ މީހަކަށް ރައްކާތެރި ބޯފެނެއް ނުލިބޭ. އދ. އާއި ބައިނަލްއަގުވާމީ އެހެނިހެން އިދާރާތަކުގެ ގުދަންތައް ވަނީ ހުސްވެފައި،" ހިޖާޒީ ވިދާޅުވި އެވެ.

"މިއީ ހަގީގަތް. އޮތީ ބަނޑުހައިހޫނުކަން. އިންސާނީ އެހީ ބޭނުންކުރަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި،" ފަލަސްތީނުގެ މަންދޫބުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވި އެވެ.

ގުދުސްގައި އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ތުހުމަތުކުރި ގޮތުގައި މި މައްސަލައަކީ އިޒްރޭލަށް "ނިޒާމީ ގޮތުން ގެއްލުންދީ، ގާނޫނީ ހައިސިއްޔަތު ގެއްލުވާލުމަށް" ކުރާ މަސައްކަތެކެވެ.

"ޝަރީއަތް ހިންގަން ޖެހޭނީ އިޒްރޭލުގެ މައްޗަކަށް ނޫން. އެއީ އދ. އާއި އުންރުވާގެ މައްޗަށް،" ފަލަސްތީނަށް އދ. އިން އެހީ ފޯރުކޮށްދޭ އިދާރާއަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

މިއަދު ފެށި އަޑުއެހުންތަކުގައި 15 ފަނޑިޔާރުން ހިމެނޭ ކޯޓުގައި 38 ގައުމަކުން މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާނެ އެވެ. އޭގެ ތެރޭގައި އެމެރިކާ، ޗައިނާ، ފްރާންސް، ރަޝިޔާ އަދި ސައޫދީ އަރަބިއްޔާ ހިމެނެ އެވެ. މީގެ އިތުރުން ލީގު އޮފް އަރަބް ސްޓޭޓްސް އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އަދި އެފްރިކަން ޔޫނިއަން އިން ވެސް ހުށަހެޅުންތައް ހުށަހަޅާނެ އެވެ.

އދ.ގެ އާންމު މަޖިލީހުން މިދިޔަ ޑިސެމްބަރު މަހު ވަނީ އެހީ ވެއްދުން މަނާކުރާ މައްސަލަ، އިސްކަންދޭ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި އިސްތިޝާރީ ލަފަޔަކަށް އެދި އައިސީޖޭގައި އެދިފަ އެވެ. ނޯވޭ އިން ހުށަހެޅި އެ ގަރާރަށް އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުނެވެ.