Roadha Mihaaru
ޔުރޮޕާ ލީގުގެ މުހިއްމުކަން ޔުނައިޓެޑުން ދައްކުވައިދީފި

ޔުރޮޕާ ލީގުގެ މުހިއްމުކަން ޔުނައިޓެޑުން ދައްކުވައިދީފި: މޮރީނިއޯ

16 މާޗް 2017

މެންޗެސްޓާ (މާޗް 16) - ޔުރޮޕާ ލީގުގެ މުހިއްމުކަން މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ދައްކުވައިދީފި ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (މާޗް 16) - ޔުރޮޕާ ލީގުގެ މުހިއްމުކަން މި ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ދައްކުވައިދީފި ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދަން މިރޭ އަމިއްލަ ދަނޑުގައި ރަޝިއާގެ އެފްސީ ރޮސްޓޯވްއާ ދެކޮޅަށް ނުކުންނައިރު، މި ދެ ޓީމު މިދިޔަ ހަފްތާގައި ރޮސްޓޯވް ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ބުނީ އެ ޓީމުގެ ހުރިހާ އަމާޒެއް ހުރީ މި މެޗު ކާމިޔާބު ކުރުމަށް ކަމަށެވެ.

"އަހަރެމެން ދައްކުވައިދީފިން ޔުރޮޕާ ލީގަކީ ކިހާ މުހިއްމު މުބާރާތެއްކަން. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުނު ނަމަވެސް ފުރަތަމަ މެޗުން ފެށިގެން ޔުރޮޕާ ލީގުގައި އަހަރެމެން ބޭނުންކުރީ އެ ވަގުތެއްގައި ނެގޭނެ އެންމެ ވަރުގަދަ ސްކޮޑު،" މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ އެހެން ޓީމުތަކުން ޔޫރޮޕާ ލީގުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކުޅުނު ނަމަވެސް އެ ވިސްނުމަށް ތާއީދުނުކުރާ ކަމަށެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން މިދިޔަ ހޯމަ ދުވަހު ވާދަވެރި ޗެލްސީ އަތުން ބަލިވެ ވަނީ އެފްއޭ ކަޕުން ކަޓައިފަ އެވެ. މޮރީނިއޯ ބުނީ އެއް ހަފްތާގެ ތެރޭގައި ދެ މުބާރާތުން ކެޓުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު މާޔޫސްކަމަކަށްވާނެ ކަމަށެވެ.

"ޗެލްސީ މެޗުގައި އަހަރެމެން ކުރި ހިތްވަރު އެންމެނަށް ވެސް ފެންނާނެ. ޗެލްސީ ކަހަލަ ޓީމަކާ ދެކޮޅަށް މެޗުގެ ބޮޑުބައި 10 ކުޅުންތެރިންނާ އެކު ކުޅުމަކީ ފަސޭހަކަމެއް ނޫން. އެ މެޗު ހަނދާން ނައްތާލުމަށް ފަހު އަހަރެމެންގެ ހުރިހާ އަމާޒެއް ހުރީ މިި މެޗުން މޮޅުވާން،" މޮރީނިއޯ ބުންޏެވެ.

މިރޭގެ މެޗުގައި ވެސް އަނިޔާގެ ސަބަބުން އެންތަނީ މާޝިއަލް އާއި ވޭން ރޫނީ އަށް ނުކުޅެވޭނެ އެވެ. އެހެން ނަމަވެސް ސަސްޕެންޝަންގެ ސަބަބުން ޗެލްސީ މެޗު ގެއްލުނު ޒަލަޓަން އިބްރަހިމޮވިޗަށް މި މެޗުގައި ކުޅެވޭނެ އެވެ.

ޔުނައިޓެޑާއި ރޮސްޓޯވް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:05 ގަ އެވެ.