Roadha Mihaaru
ޝެޑިއުލް އުނދަގޫވުމުން މޮރީނިއޯ ޝަކުވާކޮށްފި

ޝެޑިއުލް އުނދަގޫވުމުން މޮރީނިއޯ ޝަކުވާކޮށްފި

08 ޑިސެމްބަރ 2016

އޮޑެސާ، ޔޫކްރެއިން (ޑިސެމްބަރު 8) - ޔުރޮޕާ ލީގުގައި ކުޅޭއިރު މެންޗެސްޓާ ޔުނައިޓެޑަށް އޮތީ އުނދަގޫ ޝެޑިއުލެއް ކަމަށާއި އެހެންވެ އެ ޓީމަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޮޑެސާ، ޔޫކްރެއިން (ޑިސެމްބަރު 8) - ޔުރޮޕާ ލީގުގައި ކުޅޭއިރު މެންޗެސްޓާ ޔުނައިޓެޑަށް އޮތީ އުނދަގޫ ޝެޑިއުލެއް ކަމަށާއި އެހެންވެ އެ ޓީމަށް ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ޔުނައިޓެޑް ނުކުންނާނީ ރަށުން ބޭރުގައި ޔޫކްރެއިންގެ ޒޯރްޔާ ލުހަންސްކްއާ ދެކޮޅަށެވެ. މިރޭގެ މެޗުން ޔުނައިޓެޑް ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. ޔުނައިޓެޑް ކަޓާނީ އެ ޓީމު މިރޭ ބަލިވެ ފެނަބާޗޭ އަތުން ފެޔަނޫޑް މޮޅުވެއްޖެނަމަ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު ފެނަބާޗޭ އޮތީ ފަަސް މެޗުން 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޔުނައިޓެޑް އޮތީ ފަސް މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ފެޔަނޫޑް އޮތީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ޒޯރްޔާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މޮރީނިއޯ ބުނީ ގާތްގާތުގައި ގިނައިން މެޗުތައް ކުޅެން ޖެހުމަކީ ކުޅުންތެރިންނަށް އެކަމުން އަސަރުކުރާކަމެއް ކަމަށެވެ.

"އަހަރެމެން ކޮންމެ ބުރާސްފަތި ދުވަހުގެރޭ ކުޅެފައި އަނެއްކާ އެބަ ކުޅެންޖެހޭ ހޮނިހިރު ނޫނީ އާދިއްތަ ދުވަހު. ޔުރޮޕާ ލީގުގައި ކުޅޭ އެހެން ގައުމުތަކުގެ ކްލަބްތަކުން އެ ގައުމުގެ ލީގުގައި މި ކުޅެނީ ހޯމަ ދުވަހުގެރޭ. އެކަމަކު އިނގިރޭސި ލީގުގައި ޔޫރޮޕާ ލީގުގައި ކުޅޭ ޓީމަކަށް އެ ފަސޭހައެއް ނޯވޭ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ އެންމެ ފަހުން ޔުރޮޕާ ލީގުގައި ކޯޗުކޮށްދިނީ 2003 ވަނަ އަހަރުގަ އެވެ. އޭގެ ފަހުން އޭނާ މުޅިން ވެސް ކޯޗުކޮށްދިނީ ޗެމްޕިއަންސް ލީގުގެ ކްލަބްތަކަށެވެ. މޮރީނިއޯ ބުނީ އޭނާ އަބަދުވެސް އިސްކަންދެނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.

"ވަކި މުބާރާތަކަށް އަހަރެން އިސްކަމެއް ނުދެން. އަބަދުވެސް ޓާގެޓަކީ ކުރިޔަށް އޮތް މެޗުން މޮޅުވުމަށް. އަހަރެން ހައިރާންވޭ ބައެއް މީޑިއާ ތަކުން ޔުނައިޓެޑް ޔޫރޮޕާ ލީގަށް އިސްކަން ނުދެޔޭ ބުނާތީ،" ކުރިން ޗެލްސީ އާއި ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑާއި ޒޯރްޔާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.