Roadha Mihaaru
އަޔަކްސް: ޔުރޮޕާ ލީގުގައި އޮންނަން ޖެހޭ ޓީމެއް ނޫން

އަޔަކްސް އަކީ ޔުރޮޕާ ލީގުގައި އޮންނަން ޖެހޭ ޓީމެއް ނޫން: މޮރީނިއޯ

20 މެއި 2017

މެންޗެސްޓާ (މެއި 20) – ނެދަލެންޑްސްގެ އަޔަކްސް އަކީ ޔުރޮޕާ ލީގުގައި އޮންނަން ޖެހޭ ޓީމެއް ކަމަށް ގަބޫލުނުކުރާ ކަމަށް، މުބާރާތުގެ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (މެއި 20) – ނެދަލެންޑްސްގެ އަޔަކްސް އަކީ ޔުރޮޕާ ލީގުގައި އޮންނަން ޖެހޭ ޓީމެއް ކަމަށް ގަބޫލުނުކުރާ ކަމަށް، މުބާރާތުގެ ފައިނަލުގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އަޔަކްސް އަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރި ޓީމެކެވެ. އެކަމަކު ޕްލޭއޮފުން ކެޓުމުން ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ އެވެ.

"އަޔަކްސް އަކީ ޗެމްޕިއަންސް ލީގުގެ ޓީމެއް. އެ ޓީމު އައީ ޗެމްޕިއަންސް ލީގުން. އަހަރެން އަބަދުވެސް އެކަމާ ހިޔާލު ތަފާތު. އަހަރެން ގަބޫލެއް ނުކުރަން އެއް ޓީމަކަށް އެއް ސީޒަނެއްގައި ޔޫރަޕުގެ ދެ މުބާރާތުގައި ކުޅެވެން ޖެހޭނެ ކަމަށް،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭ ޓީމެއް އެ މުބާރާތަށް ކޮލިފައިނުވެއްޖެ ނަމަ ޖެހޭނީ އަނބުރާ ގެޔަށް ދާން ކަމަށެވެ.

"ޔުރޮޕާ ލީގަކީ އެ މުބާރާތުގައި ފެށުނީއްސުރެ ވާދަކުރާ ޓީމުތަކަށް އޮންނަ މުބާރާތެއް. އަހަރެމެން ފަދައިން. އަހަރެމެން ފަސް ވަނައިގައި ލީގު ނިންމާލީ އެހެންވެ މުބާރާތަށް އައީ،" މޮރީނިއޯ ބުންޏެވެ.

ޔުއެފާގެ އުސޫލާ މެދު ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް މޮރީނިއޯ ވަނީ އަޔަކްސްގެ ކުޅުމަށް ތައުރީފްކޮށްފަ އެވެ.

"އަހަރެން ހައިރާނެއް ނުވޭ އަޔަކްސްގެ ކުރިއެރުން ފެނިފައި. އަހަންނަށް ނޭގޭ އެ ޓީމު ފައިނަލަށް ދަތުރުކުރުމުން ކަލޭމެން ހައިރާންވި ސަބަބެއް. ކުޅުންތެރިންގެ އުމުރު މުހިއްމެއް ނޫން. މުހިއްމީ ފެންވަރު. އަހަރެން ދެކޭ ގޮތުގައި އަޔަކްސް އިން މުހިއްމު ވަގުތު މުހިއްމު އިންވެސްޓްމަންޓްތަކެއް ކުރޭ،" މޮރީނިއޯ ބުންޏެވެ.

"އަޔަކްސްގައި އޮވޭ ވަރަށް ރަނގަޅު ސްކައުޓިން އަދި އެޑިއުކޭޝަން ސިސްޓަމެއް. މި ހުނަރުވެރި ކުޅުންތެރިން އަޔަކްސް އަށް އަންނަނީ އޮޅުމަކުންނެއް ނޫން."

މެންޗެސްޓާ ޔުނައިޓެޑާއި އަޔަކްސް ބައްދަލުކުރާ ފައިނަލް އޮންނާނީ އަންނަ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ. ޗެމްޕިއަން ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.