Roadha Mihaaru

އިންޓަނެޓުގެ ހިދުމަތް ދޭ ސެޓްލިންކުން ކަސްޓަމަރުންނަށް އެޕެއް

ރާއްޖޭގެ ރަށްތަކުގައި އިންޓަނެޓުގެ ހިދުމަތް ދޭ ސެޓްލިންކުން ކަސްޓަމާ އެޕެއް ލޯންޗުކޮށްފި އެވެ.

އިންޓަނެޓުގެ ހިދުމަތް ދޭ ސެޓްލިންކުގެ އެޕެއް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

23 އެޕްރީލް 2025

ރާއްޖޭގެ ރަށްތަކުގައި އިންޓަނެޓުގެ ހިދުމަތް ދޭ ސެޓްލިންކުން ކަސްޓަމާ އެޕެއް ލޯންޗުކޮށްފި އެވެ.

އެ އެޕަކީ ހިދުމަތަށް ފައިސާ ދެއްކުމާއި، ޑޭޓާ ޔޫސޭޖް މޮނީޓާކުރުމާއި ބޫސްޓާސް ގަނެ، އަޕްގްރޭޑުކުރަން ބޭނުން ކުރެވޭނެ އެޕެކެވެ. އަދި މި އެޕް މެދުވެރިކޮށް ޓެކްނިކަލް ސަޕޯޓަށް ރިކުއެސްޓުކޮށް، ޝަކުވާ ހުށަހެޅޭނެ އެވެ.

ސެޓްލިންކުގެ އޮފިޝަލަކު ވިދާޅުވީ މި އެޕަކީ ކަސްޓަމަރުންނަށް މިހާރަށް ވުރެ ފުރިހަމައަށް ކަސްޓަމާ ކެއާގެ ހިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ހިދުމަތާ ގުޅޭ ކަންތައްތައް ފަސޭހައިން މެނޭޖުކޮށް މޮނީޓާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ތައާރަފްކުރި އެޕެއް ކަމަށެވެ. އަދި މި އެޕުން 24 ގަޑިއިރު ކަސްޓަމާ ސާވިސް ސަޕޯޓު ލިބޭނެކަމަށާއި އެޕުން ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދާރީ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ އެޕަކީ ކަސްޓަމަރުންގެ ތަޖުރިބާ މިހާރަށް ވުރެ ފުރިހަމަކޮށްދިނުމުގެ ގޮތުން ތައާރަފްކުރި އެޕެކެވެ.

ސެޓްލިންކުގެ އެޕް ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.

ލ. އަތޮޅު ފިޔަވައި ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ޖުމްލަ 84 ރަށަކަށް ސެޓްލިންކުން ދަނީ އިންޓަނެޓުގެ ހިދުމަތް ދެމުންނެވެ.

ސެޓްލިންކުން ބުނީ ލ. އަތޮޅާއި އެކި ރަށްރަށަށް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހިދުމަތްތައް ފޯރުކޮށްދޭ ރަށްރަށުގައި ހިދުމަތް އަޕްގްރޭޑުކުރުމުގެ ގޮތުން ކުރީގެ ނެޓްވޯކުތައް ފައިބާ ނެޓްވޯކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސެޓްލިންކުން ބުނި ގޮތުގައި އެ ކުންފުނިން ފޯރުކޮށްދޭ އިންޓަނެޓު ހިދުމަތަކީ ޕްރިޕެއިޑް ހިދުމަތަކަށްވުމުން ހެޔޮ އަގުގައި ހަލުވި ސްޕީޑުގެ އިންޓަނެޓް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ އެވެ. އަދި އެ ކުންފުނިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން ޓެކްނީޝަނުން ތިބޭނެ ކަމަށް ބުންޏެވެ.

ސެޓްލިންކުގެ އިންޓަނެޓް ހިދުމަތަށް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ރިކުއެސްޓު ކުރެވޭނެ އެވެ. ސެޓްލިންކަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރަށްތަކަށް އިންޓަނެޓުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.