ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން ހަދައި، މުޅި ރާއްޖެ ޝާމިލުވާ ލީގު ސިސްޓަމެއް ގާއިމްކުރަން ޓީސީ ސްޕޯޓްސް އިން 10 ކްލަބެއްގެ ތާއީދާ އެކު އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅައިފި އެވެ.
22 އެޕްރީލް 2025
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް ފުޓްބޯޅަ އެސޯސިއޭޝަން ހަދައި، މުޅި ރާއްޖެ ޝާމިލުވާ ލީގު ސިސްޓަމެއް ގާއިމްކުރަން ޓީސީ ސްޕޯޓްސް އިން 10 ކްލަބެއްގެ ތާއީދާ އެކު އެފްއޭއެމްގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހަޅައިފި އެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އިސްކޮށް ހުންނަވައި އެކުލަވާލި މި އިސްލާހުތައް އަންނަ މަހު އޮންނަ އެފްއޭއެމްގެ ކޮންގްރެސް އިން ފާސްވެއްޖެ ނަމަ، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލާމަރުކަޒީކޮށް ފުޓްބޯޅަ ހިންގަން ފުރުސަތު ލިބޭނެ އެވެ.
މިއީ ފީފާ އިން ވެސް ވަރަށް ބޮޑަށް ބޭނުންވާ، އަދި ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅަ އަލުން ދިރުވެން އޮތް ހަމައެކަނި ގޮތް ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތް ވެސް މެ އެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ޓޮމް ވިދާޅުވީ އެފްއޭއެމްގެ މިހާރުގެ 17 މެމްބަރު ކްލަބުގެ ތެރެއިން 10 ކްލަބެއްގެ ސޮޔާ އެކު ހުށަހެޅި ނަމަވެސް، ބާކީ ކްލަބްތަކުން ވެސް ރުހުން ދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މި އިސްލާހުތައް ހުށަހަޅަން ސޮއިކުރި 10 ކްލަބުގެ ތެރޭގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި ވެލެންސިއާ އާއި ދެ ވަނަ ޑިވިޝަނުން މަހިބަދޫ އާއި ޖޭޖޭ ސްޕޯޓްސް، އަދި ޓެންޓް ސްޕޯޓްސް ހިމެނެ އެވެ.
އަންނަ މަހު އޮންނަ ކޮންގްރެސްގައި އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަށް ފަހު ދެން އޮންނާނީ އާ އެގްޒެކެޓިވް ކޮމިޓީ ހޮވާ އިންތިހާބީ ކޮންގްރެސް އެވެ. އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތްކުރަމުން އަންނަނީ ޖުލައި 23 ގައި ދައުރު ހަމަވުމުގެ ކުރިން އެ މަސައްކަތް ނިންމުމެވެ. އެހާތަނަށް އެކަންކަން ނުނިމިއްޖެ ނަމަ ފީފާ އިން ރާއްޖެ ސަސްޕެންޑްކުރުން ގާތެވެ. ފީފާ އިން ވަނީ އެކަންކަން ކުރަން ވަގުތު ދިނުމަށްޓަކައި ދިވެހި ޕްރިމިއާ ލީގު ފަސްކުރަން ވެސް އަންގައިފަ އެވެ.
ކުރީގެ އެގްޒެކެޓިވް ކޮމިޓީގެ ދައުރުގައި އެފްއޭއެމް ކޮރަޕްޝަނުގެ ހާއްޔަކަށްވެ، މުބާރާތްތައް ނުބޭއްވޭ ހިސާބަށް ދިއުމުން ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރި މައިގަނޑު ސަބަބަކީ ވެސް އަސާސީ ގަވާއިދު އިސްލާހުކުރުމެވެ. މިހާރު އޮންނަ އަސާސީ ގަވާއިދަކީ، ހަމައެކަނި މާލޭ ޒޯނަށް މައިގަނޑު ބާރުތައް ލިބޭ، އަދި މަރުކަޒީކޮށް އެފްއޭއެމް ހިންގަން ފަހިވާ ގޮތަށް އޮތް އެއްޗެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާ ޓޮމް އިސްވެ ހުރެ ޓީސީން ހުށަހެޅި އިސްލާހުތައް ފާސްވެއްޖެ ނަމަ މިހާރުގެ އެފްއޭއެމް ބަދަލުވާނީ ގައުމީ ފެޑެރޭޝަނަކަށެވެ. އޭގެ ދަށުން ރީޖަނަލް އެސޯސިއޭޝަން ހަދަން ހުށަހަޅާފައިވަނީ އަންނަނިވި އުސޫލުންނެވެ.
ޓޮމް ވިދާޅުވީ މި އިސްލާހުތައް ފާސްވެއްޖެ ނަމަ ހުސް މާލޭ ޒޯނުގެ ކްލަބްތަކުގެ ބަދަލުގައި، ހަތަރު ސަރަހައްދުގެ ކްލަބްތަކަށް ވެސް ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ނިންމުމުގައި ބަސްބުނެ ވޯޓްލުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ. އެގޮތުން ގައުމީ ފެޑެރޭޝަނުގައި 64 ވޯޓުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެއީ ކޮންމެ ރީޖަނަލް އެސޯސިއޭޝަނަކަށް 11 ވޯޓު، އަދި ދިވެހި ޕްރިމިއާ ލީގަށް 20 ވޯޓުގެ ފުރުސަތު ކަމަށެވެ.
މި އިސްލާހުތައް ފާސްވެއްޖެ ނަމަ އެއް އަހަރުގެ ތެރޭގައި ރީޖަނަލް އެސޯސިއޭޝަންތައް އުފައްދައި، ދެ އަހަރުގެ ތެރޭގައި ރީޖަނަލް ލީގު ފަށާއި، އެ ލީގުތަކުން ދިވެހި ޕްރިމިއާ ލީގަށް ކްލަބްތައް ޕްރޮމޯޓްވެ، ރެލިގޭޓްވާ އުސޫލުން ފުޓްބޯޅަ ސިސްޓަމް އަލުން އެކުލަވާލަން ޖެހޭނެ އެވެ.
ޓޮމް ވިދާޅުވީ ވަރަށް ގިނަ ޓެކްނިކަލް މީހުންގެ ލަފާ ވެސް ހޯދި ކަމަށާއި، ރާވާފައި އޮތީ ކޮންމެ އަތޮޅެއްގައި މުބާރާތެއް ކުޅެ އޭގެ ޗެމްޕިއަން ޓީމު އެ ޒޯނެއްގެ ރީޖަނަލް ލީގަށް ކޮލިފައިކުރަން ކަމަށެވެ. ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވެ، ރެލިގޭޓްވާނީ ރީޖަނަލް ލީގުންނެވެ.
"މި އަހަރު ފަށާ ދިވެހި ޕްރިމިއާ ލީގު ނިމުމުން އިރާދަކުރެވިއްޔާ ދެން ފަށާ ލީގު އޮންނާނީ އާ ސިސްޓަމަށް،" ޓޮމް އުއްމީދާ އެކު ވިދާޅުވި އެވެ.
ޖައުޝަން މަގާމުގައި ބެހެއްޓުމުން ޓޮމްގެ ނުރުހުން
ވެލެންސިއާގެ ސިޓީއާއެކު ޓޮމް އެފްއޭއެމްގެ އިންތިހާބަށް
ފީފާ އިން އެފްއޭއެމްގެ އިންތިހާބު ހުއްޓުވައިފި
ވަގުތު ހަމަވެއްޖެ، ޓޮމްގެ އެޕީލާ މެދު ގޮތެއް ނުނިމޭ!
އިލެކްޓޯރަލް ކޮމިޓީ ސައްހައެއް ނޫން، ތޯރިގު ފީފާއަށް!
ވެލެންސިއާގެ އަނެއް ފެކްޝަނުން އަޒުމީނަށް ތުހުމަތުތަކެއް
މުފާގެ ރައްދު؛ ތަހުގީގުން ހަގީގަތް ސާފު ވާނެ!
އެފްއޭއެމްގެ އިންތިހާބަށް ޓޮމް ފޯމު ހުށަހަޅައިފި
ބައްސާމުގެ އިތުބާރު ނެތްކަމަށް ޓީމުތަކުގެ ސޮއި ހޯދަނީ
އެފްއޭއެމްގެ ރައީސްކަމަށް ޓޮމް ވާދަކުރައްވަނީ