Roadha Mihaaru

އަނިޔާ ލިބުނު ކުއްޖާއަށް ކުރި އަސަރު ބަޔާންކުރުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ކޯޓަކުން ދީފި

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ނުވަތަ އަނިޔާ ލިބުނު މީހާއަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރި އަސަރާ ގުޅޭ ބަޔާން ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޯޓަކުން ދީފި އެވެ.

ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓެއް
ނާޒިމް ހަސަން
ނާޒިމް ހަސަން

22 އެޕްރީލް 2025

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ނުވަތަ އަނިޔާ ލިބުނު މީހާއަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ކުރި އަސަރާ ގުޅޭ ބަޔާން ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ރާއްޖޭގެ ކޯޓަކުން ދީފި އެވެ.

މި ފުރުސަތު ދީފައިވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނިންމި މައްސަލައިގަ އެވެ.

ކުޑަކުއްޖެއްގެ އުމުރުން އަށް އަހަރުން ފެށިގެން 18 އަހަރާ ހަމައަށް އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 އަހަރަށް ޖަލަށްލުމަށް އިއްޔެ އެ މައްސަލައިގައި އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާ އާއި މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރަން މައްސަލާގައި އަނިޔާ ލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި އެ މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައިފަ އެވެ. އަދި ހާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާ އެކު ބަޔާންކޮށްދީފައި ކަމަށެވެ.

އަނިޔާ ލިބުނު ކުއްޖާގެ ބަޔާން ކޯޓުގައި އިއްވައިދެއްވީ ޕަބްލިކް ޕްރޮސިކިއުޓާ އަލްމާސް މުބާރިކެވެ.

ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން އެ އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާ ލިބުނު ކުއްޖާއަށް ކޯޓުގައި އެ ކުއްޖާގެ ބަސް އިއްވުމުގެ ފުރުސަތު ލިބިދިނުމަށް އެ އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުސަތު ދެއްވާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

"މި އޮފީހުން މިގެންދަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖަހަމުންނެވެ." ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.