Roadha Mihaaru

57 ރަށެއްގައި 10،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އަޅަނީ

ސަރުކާރުގެ ހަރަދުގައި 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.

57 ރަށެއްގައި 10،000އަށްވުރެ ގިނަ ފްލެޓް އަޅަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 އެޕްރީލް 2025

ސަރުކާރުގެ ހަރަދުގައި 57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާން ކޮށްފި އެވެ.

އެ މިނިސްޓްރީން ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެކަން ކޮށްދޭނެ ބައެކެވެ.

ފިނޭންސް މިނިސްޓްރީން ކުރި ވަކިވަކި އިއުލާންތަކުގައި ބުނީ، އެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގް (އައިސީބީ) އުސޫލުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އޭގެ ތެރޭގައި އެވްރެޖުކޮށް ހުރީ 500 ހައުސިން ޔުނިޓާއި 100 ހައުސިން ޔުނިޓް އަޅާ ރަށްތަކެވެ. އެންމެ ގިނަ ހައުސިން ޔުނިޓް އަޅަނީ ހދ.ކުޅުދުއްފުށީގަ އެވެ. އެރަށުގައި 2،000 ހައުސިން ޔުނިޓް އަޅަން އިއުލާނުކޮށްފައިވެ އެވެ. އަދި ކ. ތުލުސްދޫ، ސ. ހިތަދޫ، ޏ. ފުވައްމުލަކު، ގދ. ތިނަދޫ، ލ. ފޮނަދޫ، ލ. ގަން، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު އަދި ހދ. ހަނިމާދޫގައި 500 ހައުސިން ޔުނިޓް އަޅަން ވަނީ އިއުލާނުކޮށްފަ އެވެ.

މިއަދު އިއުލާނު ކުރި 56 ރަށުގައި 10،600 ހައުސިން ޔުނިޓް އަޅާނެ އެވެ.

އެ ޔުނިޓުތައް އިމާރާތް ކޮށްދޭން ހުށަހަޅާއިރު، ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  1,500ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ

ފައިސާ ބަލައިގަންނާނީ މާދަމާ އިން ފެށިފެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުނު 2:00 އަށް ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އެ އިއުލާނެއްގައި ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.