Roadha Mihaaru

ހުޅުމާލޭގައި 400 ފްލެޓް އަޅަން ނެގީ 25 މިލިއަން ޑޮލަރުގެ ލޯނެއް، މި އަހަރު އަމަލީ މަސައްކަތް ފަށާނެ

ހުޅުމާލެ 2 ގައި ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ލޯނުގައި އަޅާ ފްލެޓުތަކުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފްލެޓް މަޝްރޫއު ހިންގަނީ 25 މިލިއަން ޑޮލަރު ލޯނަކުން
އާސިމާ ނިޒާރު
އާސިމާ ނިޒާރު

14 އެޕްރީލް 2025

ހުޅުމާލެ 2 ގައި ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ ލޯނުގައި އަޅާ ފްލެޓުތަކުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސައުދީ ފަންޑުގެ އެހީގައި 400 ހައުސިން ޔުނިޓު އެޅުމަށް ކޮންސަލްޓަންސީ ފާމެއް ހޯދަން ކުރީގެ ސަރުކާރުން މާޗު، 2023 ގައި އިއުލާންކުރި އެވެ. އެ ފަންޑުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލްމަރްޝަދު ރާއްޖެ ވަޑައިގަތުމުން މިއަދު ވަނީ އެ މަޝްރޫއު އިފްތިތާހުކޮށްފަ އެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫއު ގެންދަނީ 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) ގެ ލޯނަކުން ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކުއާޓާގައި ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ.

އެ މަޝްރޫއުއާ ގުޅޭގޮތުން މިހާރު ދަނީ ކޮންސަލްޓަންސީ ފާމެއް ހޮވުމުގެ މަރުހަލާ އެވެ.

މިނިސްޓްރީން ބުނީ އެއީ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ވައުދުގެ ސިޔާސަތުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށެވެ.

ސައުދީ ފަންޑުގެ ސީއީއޯ ރާއްޖެ ކުރައްވާ މި ދަތުރުގައި ވަނީ ވެލާނާ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމެއްގައި ވެސް މިއަދު ސޮއިކޮށްފަ އެވެ.