Roadha Mihaaru

އައްޑޫ ހަންކެޑެ މަޝްރޫއު ނުފެށި ލަސްވާތީ އެމްއެފްއެމްސީ މަޖިލީހަށް ހާޒިރުކުރަނީ

އައްޑޫ ހެންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފަށައި، ދިގުލައިގެން ގޮސްފައިވާތީ އެކަން ސާފުކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވައިފި އެވެ.

ހަންކެޑެ މަޝްރޫއު ނުފެށި ލަސްވާ ސަބަބު ހޯދަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

10 އެޕްރީލް 2025

އައްޑޫ ހެންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފަށައި، ދިގުލައިގެން ގޮސްފައިވާތީ އެކަން ސާފުކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވައިފި އެވެ.

އެމްއެފްއެމްސީން ވަނީ ހެންކެޑެ މަޝްރޫއު މިދިޔަ ސަރުކާރުގެ ތެރޭގައި ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު އަޒާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކުލަގަދަ އެ ރަސްމިއްޔާތު ބޭއްވިތާ އަހަރެއްހާ ދުވަސް ވެގެންގޮސްފައިވާއިރު އެ ސަރަަހައްދުގައި ހުރި ބައެއް ރުއްގަސްތަކެއް ނެގުން ފިޔަވައި އެހެން މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެއީ އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތަކަކީ އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. އޭނާ އެދިވަޑައިގެންފައިވަނީ އެމްއެފްއެމްސީގެ ބޭފުޅުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.

އައްޑޫ މީހުންގެ އުންމީދާ ގުޅިފައިވާ ހަންކެޑެ ތަރައްގީ ކުރަން މީގެ ކުރިން ތިން ކުންފުންޏަކާ އެކިއެކި ސަރުކާރުތަކުން ހަވާލުކުރި އެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. މީގެ 18 އަހަރު ކުރިން އެ މަސައްކަތް ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، އެ މީހުންނަށް އެކަން ނުވުމުން 2،500 ޑޮލަރުން ޖޫރިމަނާކޮށް، ތޫނޑު އަތުން ސަރުކާރަށް ހަންކެޑެ ނެގީ އެވެ.

އޭގެ ފަހުން 2008 ގައި ހަންކެޑެގެ މަސައްކަތް ހަވާލުކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން ސާމްޕަލް ރޫމެއް ވެސް ހެދި އެވެ. އަލިމަގެއް ނުފެނި ހާފް ޑިގްރީ ވެސް ފެއިލްވީ އެވެ.

އޭގެފަހުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުންޏެވެ. ސިންގަޕޫރުގެ ކުންފުންޏަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.