Roadha Mihaaru

2027 ގެ ދިރާސީ އަހަރުގައި އަރަބިއްޔާގެ އާ އިމާރާތުގައި ކިޔަވައިދޭން ފެށޭނެ: ރައީސް

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތް އަންނަ އަހަރަށް ނިންމައި 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2027 އަށް އަރަބިއްޔާ ސްކޫލުގައި ކިޔެވޭނެ: ރައީސް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

10 އެޕްރީލް 2025

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތް އަންނަ އަހަރަށް ނިންމައި 2027 ވަނަ އަހަރުގެ ދިރާސީ އަހަރަށް ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ މިއަދުގެ ޝޯ ގައި ރައީސް ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަކީ އެ މަނިކުފާނުގެ ވައުދުފުޅެއް ކަމަށާއި މިހާރު އެ ސްކޫލުގެ ފައުންޑޭޝަން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށާއި ސަރުކާރުން އަމާޒު ހިފާފައި ވަނީ އަންނަ އަހަރު ނިމެންވާއިރަށް އެ މަސައްކަތް ނިންމަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ނިމެންވާއިރަށް ނިންމުން އަމާޒަކީ. ދެހާސް ސައްބީސް ނިމެންވާއިރަށް، ދެން 2027 ގެ ދިރާސީ އަހަރު ފެށޭއިރަށް އަރަބިއްޔާގެ ދާއިމީ ބޮޑު ސްކޫލަކަށް އިރާދަކުރެއްވިއްޔާ ބަދަލުވާނެ،" ރައީސް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތް ނިންމަން ކުރީގެ ކޮންޓްރެކްޓަރު ހުށަހެޅި އަގު ކުޑަކުރުމަށް ފަހު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ.

އެ މަސައްކަތް ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށް 152 މިލިއަން ރުފިޔާ އަށެވެ.

އަރަބިއްޔާގެ އާ އިމާރާތުގައި ހިމެނޭނީ 40 ކްލާސްރޫމެވެ. މުޅި އިމާރާތް އޭސީ ކުރަން ކަނޑައަޅާފައިވާއިރު، އަންޑަގްރައުންޑް ޕާކިންއެއް ވެސް ހުންނާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ފުރަތަމަ ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އެއީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. އެ ކޮންޓްރެކްޓްގެ މުއްދަތަކީ 420 ދުވަހެވެ.

އޭރު އެ ކުންފުންޏާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ 168.5 މިލިއަން ރުފިޔާއަށެވެ. އެކަމަކު މި ސަރުކާރުން ސްކޯޕަށް ބަދަލު ގެނައުމުގެ ސަބަބުން އެ މަޝްރޫއުގެ އަގު ބޮޑުވުމުން އެއްބަސްވުން ބާތިލުކުރީ އެވެ.

ބާ ޖަމާލުއްދީން ހިމެނޭ ސަރަހައްދަކީ ޓްރެފިކް ވަރަށް ބޮޑަށް ތޮއްޖެހޭ އަދި ހަލަބޮލި ހިސާބަކަށް ވާތީ އެ ސްކޫލުގެ އިމާރާތް ކުނިކޮށި ހުރި ބިން ކަމަށްވާ 381 ނަންބަރު ކޮށްޓަށް ބަދަލުކޮށް، އެ ސްކޫލުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެކަމަކު މަޝްރޫއު ދިގުލައިގެންދާތީ ބެލެނިވެރިން ކަންބޮޑުވެ އެވެ.

އިތުރު ސްކޫލު މަޝްރޫއުތައް:

- މަޖީދިއްޔާ ސްކޫލުގެ އާ އިމާރާތެއް އަޅަން ހަވާލުކުރުން.

- މާލޭގައި ދެވަނަ އޭލެވެލް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރުން.

- ހުޅުމާލޭގައި ހަދަމުންދާ ސްކޫލު މިއަންނަ ނޮވެމްބަރަށް ނިމޭނެ.

- އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހުޅުމާލޭގައި އިތުރު ދެ ސްކޫލު އެޅުމުގެ މަސައްކަތް މިއަހަރު ފެށުން.

- އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 8 ސްކޫލު މަސައްކަތް ކުރިއަށް ދާނެ. އެއީ 70 މިލިއަން ޑޮލަރު.

- ތާޖުއްދީން ސްކޫލާއި އިތުރު ސްކޫލުތެއްގެ ޖާގަ އިތުރުކުރުން.

- ސްކޫލުތަކަށް 531 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ.