Roadha Mihaaru

ކިރްގިސްތާންގައި މޫނުބުރުގާ މަނާކުރުމުގެ ނިންމުމަށް ތާއީދުކޮށްފި

މޫނުބުރުގާ އަޅައިގެން އުޅުން ކިރްގިސްތާނުގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން މަނާކޮށްފައި ވާއިރު އެ ގައުމުގެ މުސްލިމުންގެ އެންމެ އިސް ޖަމާއަތުން އެ ނިންމުމަށް ތާއީދުކޮށްފި އެވެ.

ކިރްގިސްތާންގައި މޫނުބުރުގާ މަނާކުރުމަށް ތާއީދު

މޫނުބުރުގާ އަޅައިގެން އުޅުން ކިރްގިސްތާނުގައި މި އަހަރުގެ ކުރީކޮޅުން ފެށިގެން މަނާކޮށްފައި ވާއިރު އެ ގައުމުގެ މުސްލިމުންގެ އެންމެ އިސް ޖަމާއަތުން އެ ނިންމުމަށް ތާއީދުކޮށްފި އެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އަދި ސުންނީ މުސްލިމުން ގިނަ ކިރްގިސްތާނުގައި ވަނީ މޫނުބުރުގާ އަޅައިގެން އުޅެފި ނަމަ 20،000 ސޮމް (230 ޑޮލަރު) އިން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނެއް ހަދައި އަމަލުކުރަން ފަށައިފަ އެވެ. މިއީ އެ ގައުމުގެ އާންމު މީހެއްގެ އެވްރެޖް މަހު މުސާރައިގެ ދެ ބައިކުޅަ އެއްބަޔަށްވުރެ ވެސް ބޮޑު ޖޫރިމަނާއެކެވެ.

"ނިގާބަކީ މު މުޖުތަމައުއާ ބީރައްޓެހި އެއްޗެއް،" ސުޕްރިޗުއަލް އެޑްމިނިސްޓްރޭޝަން އޮފް މުސްލިމްސް އޮފް ކިރްގިސްތާންއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން އިއްޔެ ބުނެފައިވެ އެވެ.

"ނިގާބް އަޅައިގެން އުޅޭ އުޚުތުންގެ ގޮތުގައި، މީހުންނަށް ހަމަލާދޭން އުޅޭ މީހުން ވެސް ފޮރުވިގެން އުޅުމުގެ ފުރުސަތު އޮންނާނެ. އެއީ ހުރިހާ އާންމުންނަށް ނުރައްކަލެއް. އެހެންވެ މޫނު ފެންނަ ގޮތަށް ބެހެއްޓުން އެއީ މުހިންމު ކަމެއް،" އެ ޖަމާއަތުން ބުނެފައިވެ އެވެ.

ޔޫއެސްއެސްއާރްގެ ދަށުން މިނިވަންވި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ، މެދުތެރޭ އޭޝިއާގެ ފަސް ގައުމުގައި ވެސް އިސްލާމީ އުސޫލުތަކަށް އަލުން އަމަލުކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު ފެށި އެވެ. އެކަމަކު ކިރްގިސްތާންގެ ސެކިއުލާ ސަރުކާރުން ގެންދަނީ އެ ކަންކަން ހުއްޓުވަން މަސައްކަތްކުރަމުންނެވެ.

ފަހަކަށް އައިސް އެ ސަރަހައްދުގައި ހަރުކަށި ފިކުރު އިތުރުވެގެން ދިޔަ އެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު އައިއެސް ޖަމާއަތުގެ ބާރު ގަދަވެގެން ދިޔައިރު މެދުއިރުމަތީގެ ހަނގުރާމަވެރި އެކި ޖަމާއަތްތަކާ ގުޅެން ގިނަ އަދަދެއްގެ މީހުން ވަނީ ގޮސްފަ އެވެ.

ޖެނުއަރީ މަހު މޫނުބުރުގާ މަނާކުރުމަށް ފަހު ކިރްގިސްތާނުގެ ރައީސް ސަދީރް ޖަޕަރޯވް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ގައުމުގައި އަންހެނުންނަކީ "މީގެ ކުރިން ބުރުގާ އަޅާބައެއް ނޫން" ކަމަށެވެ. އަދި މޫނުބުރުގާ މަނާކުރުމަކީ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

މެދުތެރޭ އޭޝިއާގެ ގައުމުތަކުގައި މުސްލިމުންގެ ކަންކަން ބަލަހައްޓާ މިފަދަ ޖަމާއަތްތަަކަކީ ސަރުކާރުގެ ކިބައިން ވަރަށް ބޮޑަށް މިނިވަން މުއައްސަސާތަކެއް ނަމަވެސް އެ ޖަމާއަތްތަކުގެ އަސްލަަށް ބަލާއިރު އެއީ ސޯވިއެޓް ޒަމާނުގައި ދީނީ ކަންކަމުގެ މައްޗަށް ދައުލަތުގެ ބާރު ހިންގުމަށް ބޭނުންކުރި ތަންތަނެވެ. -- އޭއެފްޕީ