Roadha Mihaaru

ބިންހެލުމުގައި މިއަންމާ އާއި ތައިލެޑުން މަރުވި އަދަދު 1،600 އިން މަތީގައި

މިޔަންމާ އާއި ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،600 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފި އެވެ.

ބިންހެލުމުގައި މަރުވި އަދަދު 1،600 އިން މަތީގައި

މިޔަންމާ އާއި ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،600 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފި އެވެ.

އަސްކަރީ ސަރުކާރުގެ ބަޔާނުގައި ވަނީ 1،644 މީހުން މަރުވެ، 3،400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަން މިހާތަނަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި ހިނގި ހާދިސާތަކުގައި 139 މީހަކު ގެއްލިފައިވާ ކަމަށް ވެސް ބުންޏެވެ.

ބިންހެލުމުގައި މިޔަންމާއިން އެންމެ ބޮޑަށް ގެއްލުންވީ އެ ގައުމުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭ އަށެވެ. އެއީ ބިންހެލުން އައި ހިސާބާ ކައިރީގައި އޮންނަ ސިޓީއެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގެދޮރު ގެއްލިފައިވާ މީހުންނާއި އަދިވެސް ބިމަށް ލޮޅުންތައް އަރަމުން ދާތީ އެކަމުގެ ބިރަށް އެތައް ބަޔަކު ނިދަމުން ދަނީ ވެސް ޕާކުތައް ފަދަ ހާމަ ތަންތަނުގަ އެވެ.

މިޔަންމާއަށް އައި ބިންހެލުމުގައި ހޮސްޕިޓަލެއް ހަލާކުވެފައި: މުހިންމު އިންފްރާސްޓްރަކްޗާއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. -- ފޮޓޯ: އޭއެފްޕީ

މިޔަންމާއަށް އައި ބިންހެލުމުގައި ހޮސްޕިޓަލެއް ހަލާކުވެފައި: މުހިންމު އިންފްރާސްޓްރަކްޗާއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. -- ފޮޓޯ: އޭއެފްޕީ

މިޔަންމާގެ މަގުތަކާއި އުމްރާނީ ވަސީލަތްތައް ހަލާކުވުމުގެ ސަބަބުން ވަނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއެޅިފައި ކަމަށް އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ވަނީ ބުނެފަ އެވެ. މި ބިންހެލުމުގައި، ބޮޑެތި ބްރިޖްތަކާއި މަގުތައް ހިމެނޭ ގޮތަށް މުހިންމު އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ އިންސާނީ އެހީ ފޯރުކޮށްދޭން އެކި ހިސާބުތަކަށް ދާން ދަތި ކަމަށް އޯސީއެޗްއޭ އިން ބުންޏެވެ.

މިޔަންމާ އަށް އައި ބިންހެލުމާ 1،000 ކިލޯމީޓަރު ދުރުގައި އޮތް، ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ވަނީ ބިންހެލުމުގެ ސަބަބުން އިތުރު 10 މީހަކު މަރުވެފަ އެވެ. ބެންކޮކްގައި ދަނީ ބިންހެލުމުގައި ވެއްޓުނު ހަދަމުން ދިޔަ 30 ބުރީގެ އިމާރާތުގެ ތެރޭގައި ވަޅުލެވިފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.

ބިންހެލުމުގައި އަނިޔާވި މީހުންނަށް މިޔަންމާގައި ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ބިންހެލުމުގައި އަނިޔާވި މީހުންނަށް މިޔަންމާގައި ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕުންޓް ވިދާޅުވީ އެ ސިޓީގެ އެކި ހިސާބުތަކުން ގާތްގަނޑަކަށް 10 ވަރަކަށް މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައިވަނީ އުސް އިމާރާތް ވެއްޓުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެތަނުން އަދިވެސް 100 މީހަކު ނުފެންނަ ކަމަށް ވިދާޅުވި އެވެ.

މިޔަންމާގެ މެދުތެރޭގެ ސާގިން ސިޓީގެ ހުޅަނގު އުތުރުން ހުކުރު ދުވަހުގެ މެންދުރު ފަހު 7.7 މެގްނިޓިއުޑްގައި ބިންހެލުން އައީ ވަރަށް ތިލަ ހިސާބަކަށެވެ. ބިންހެލުމަށް ފަހުން 6.7 މެގްނިޓިއުޑްގެ ލޮޅުމެއް ވެސް އަރާފައިވެ އެވެ.