ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރިޔަސް، އެ ތުހުމަތު ސާފުނުވާ ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ވަކީލުން މިއަދު ބުނެފި އެވެ.
19 މާޗް 2025
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" އޭނާއާ ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ކުރިޔަސް، އެ ތުހުމަތު ސާފުނުވާ ކަމަށް ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ވަކީލުން މިއަދު ބުނެފި އެވެ.
ފަނޑިޔާރު މަހާޒާ ގުޅޭ ގޮތުން ސުލޫކީ މައްސަލައެއް ބަލަން ނިންމައި، މިއަދު ކޮމިޝަނަށް ހާޒިރުވާން އެންގި ޗިޓްގައިވާ ގޮތުން މައްސަލައިގައި ކުރެވޭ ތުހުމަތަކީ އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، އެ މަޖިލީހުގައި ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ތިއްބެވުމުން އެކަމުގެ ޒިންމާ އެ ފަނޑިޔާރުން ވެސް ނަގަން ޖެހޭ ކަމެވެ.
ފަނޑިޔާރު މަހާޒުގެ ގާނޫނީ ވަކީލް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ތުހުމަތާ ގުޅޭ އެއްވެސް ސުވާލެއް މައްސަލަ ބަލާ ކޮމިޓީން ފަނޑިޔާރާ މިއަދު ކޮށްފައެއް ނުވެ އެވެ. ފައިސަލް ވިދާޅުވި ގޮތުގައި ކޮމިޓީން ފަނޑިޔާރާ ސުވާލު ކުރެއްވީ ހައި ކޯޓުގެ މުވައްޒަފެއް ސުޕްރީމް ކޯޓަށް ގެނެވިދާނެތޯ އާއި ސުޕްރީމް ކޯޓުން ބަލާ މައްސަލައަކާ ގުޅިގެން ދަށު ކޯޓުން ލިޔުންތައް ގެންނަ އުސޫލަކީ ކޮބައިތޯ ކަމަށެވެ.
އެއީ ހުށަހެޅިފައި އޮތް މައްސަލައާ ގުޅޭ ސުވާލުތަކެއް ކަމަށް ގަބޫލު ނުކުރެއްވިޔަސް، ކޮމިޓީއަށް އެއްބާރުލުން ދެއްވުމުގެ ގޮތުން އެ ސުވާލުތަކަށް ފަނޑިޔާރު މަހާޒު ޖަވާބު ދެއްވި ކަމަށް ވަކީލް ވިދާޅުވި އެވެ.
"ހައި ކޯޓުގެ މުވައްޒަފަކު ހާޒިރުކޮށް ސުޕްރީމް ކޯޓުގެ މުވައްޒަފަކު ހަޑި ހުތުރު ބަހުން ވާހަކަ ދެއްކިތޯ، ކޮން ވާހަކައެއްތޯ ދެއްކީ. ހަޑި ހުތުރު ބަހުން ވާހަކަ ދެއްކި މަޖިލީހެއްގައި އިންނެވިންތޯ، އެކަހަލަ ސުވާލެއް ނުކުރައްވަވާ،" ފައިސަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ސާފެއް ނުވޭ ފަނޑިޔާރު މަހާޒު ކުރައްވައިގެން އުޅުއްވަނީ ކޮން ކަމެއް ކަމެއް. ފަނޑިޔާރު ހިލާފުވެފައިވަނީ ސުލޫކީ ކޮން ކަމަކާ ކަމެއް."
އެ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރު އަޒްމިރަލްދާ ވެސް ވަނީ މިއަދު ޖޭއެސްސީއަށް ހާޒިރުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލް ޝަމީލް ވިދާޅުވީ ފަނޑިޔާރަށް ފޮނުވި ނޯޓިސްގައި އޮތް މައްސަލަ ސާފު ނުވާ ކަމަށެވެ. ފަނޑިޔާރު ސުލޫކާ ހިލާފަށް ކުރި ކަމަށް ބުނާ އަމަލަކީ ކޮބައިކަން ސާފުކޮށްދިނުމަށް ތަކުރާރުކޮށް ފަނޑިޔާރު އެދިވަޑައިގެންނެވުމުން ވެސް ކޮމިޓީއަށް އެކަން ސާފުކޮށްދެވިފައިނުވާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކުރައްވާފައިނުވާނެ ކަން ފާހަގަކުރައްވައި، ތުހުމަތުތަކަށް ފަނޑިޔާރު އިންކާރު ކުރެއްވި ކަމަށެވެ. އަދި އެ މައްސަލައަކީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ކޮމިޝަނަށް ބެލޭނެ މައްސަލައެއް ވެސް ނޫން ކަން ފަނޑިޔާރު ފާހަގަ ކުރެއްވި ކަމަށް ވަކީލް ވިދާޅުވި އެވެ.
އަޑުއެހުން ފެށުމުން އިޖުރާއީ ގޮތުން ފާހަގަކުރަން ބައެއް ކަންކަން ހުރުމުން އެކަމަށް ވަކީލަށް ފުރުސަތު ދޭން ފަނޑިޔާރު އެދިވަޑައިގެންނެވުމުން އެ ފުރުސަތު ނުދެވޭނެ ކަމަށް ކޮމިޓީން އެންގި ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަކީ ޣައިރު ދުސްތޫރީ ތަހުގީގެއް ކަން ފަނޑިޔާރު ފާހަގަކުރެއްވި ކަމަށް ވަކީލް ވިދާޅުވި އެވެ.
އެސިސްޓެންޓް ރަޖިސްޓްރާ ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގަ އެވެ. އެކަމަކު، އެ މައްސަލާގައި ކޮމިޝަނުން 2022 އިން ފެށިގެން މިހާތަނަށް ވެސް ވަކި ގޮތެއް ނުނިންމައި އޮތީ "ޕާކް" ކޮށްފަ އެވެ. ނަމަވެސް، މައްސަލަ ބެލި ކޮމިޓީން ވަނީ އެއީ ޖޭއެސްސީން ގޮތެއް ނިންމަންޖެހޭ ކަމަށް ފެންނަ މައްސަލައެއް ކަމަށް ބަޔާންކޮށް، ހުށަހަޅައިފަ އެވެ. އެހެންވެ، ޖޭއެސްސީގެ އަޣުލަބިއްޔަތުން ނިންމީ ސުއޫދު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތަސް ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލަ ބެލުމަށެވެ
ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލްއަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށް ދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާ ކުރުމަށް އެދުމުން އެކަން ނުކޮށް ލަސްވެ އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިސްތިއުނާފް މައްސަލަ ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން އެހެން މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ.
އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ބަލަމުންދާއިރު، އެ ތަހުގީގުގެ ބޭނުމަށް ފަނޑިޔާރުން ތިބީ ސަސްޕެންޑްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށްފި
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
ދެ ފަނޑިޔާރުންގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް
ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި
އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
ފަނޑިޔާރުންގެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި