Roadha Mihaaru

ބައިބަލާއަށް ފަރިތަ ކުރާނެ ތަނެއް ލޯކަލް މިނިސްޓްރީން އުސްފަސްގަނޑުގައި ހަދައިދީފި

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ޕްރެކްޓިސް ކުރަ ތަނެއް ހެދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލް މެދުވެރިވެގެން ދިން މައްސަލަ ބޮޑުވުމުން، މާލޭގެ ޒުވާނުންނަށް ބައިބަލާ ޕްރެކްޓިސް ކުރެވޭނެ ރިންގެއް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން އުސްފަސްގަނޑު ސަރަހައްދުގައި ހަދައިދީފި އެވެ.

އުސްފަސްގަނޑުގައި ބައިބަލާ ރިންގެއް ހަދައިދީފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 މާޗް 2025

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ޕްރެކްޓިސް ކުރަ ތަނެއް ހެދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލް މެދުވެރިވެގެން ދިން މައްސަލަ ބޮޑުވުމުން، މާލޭގެ ޒުވާނުންނަށް ބައިބަލާ ޕްރެކްޓިސް ކުރެވޭނެ ރިންގެއް ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން އުސްފަސްގަނޑު ސަރަހައްދުގައި ހަދައިދީފި އެވެ.

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ސަހަރާގެ 36،153 އަކަފޫޓްގެ ސަރަހައްދެއް ހުސްކުރިއިރު އެ ތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށް ކައުންސިލުން އޮތީ އޭރު ނިންމައިފަ އެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ކައުންސިލުން ހުއްދަ ދީގެން އެ ތަނުގައި ބައިބަލާ ޕްރެކްޓިސް ކުރާ ތަނެއް ހެދުމުން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އެ ތަން ފަހުން ވަނީ ރޫޅާލައިފަ އެވެ.

ކޮންމެ އަހަރެއްގެ ކުޑައީދަށް ބައިބަލާ ކުޅޭ ގުރޫޕުތަކުން އެ ކުޅިވަރުގެ ފަރިތަކުރުން ކުރިއަށް ގެންދިއުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުޅޭ ތަންތަން ހަދަ އެވެ.

މާފަންނު ސަހަރާގައި ހެދި ބައިބަލާ ޕްރެކްޓިސް ކުރާ ތަން ނެގުމުން ލޯކަލް ގަވަމެންޓް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ މުވައްޒަފުން ލައްވައި އުސްފަސްގަނޑުގައި ހާއްސަ ތަނެއް ޒުވާނުންނަށް ހަދައިދީފަ އެވެ.

މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުވައްޒަފުން މަސައްކަތް ކުރަން ފެށީ އިއްޔެ ހެނދުނު ކަމަށެވެ.

އުސްފަސްގަނޑުގައި ބައިބަލާ ޕްރެކްޓިސް ކުރެވޭ ވަރަށް ރޭ މަސައްކަތް ނިންމައިދީފައިވާނެ ކަމަށާއި އެއީ މާފަންނު ސަހަރާގައި ބައިބަލާ ޕްރެކްޓިސް ކުރުމަށް ޒުވާނުންގެ ތެރެއިން ބަޔަކު ތައްޔާރުވުމުން، ރައްޔިތުންގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން ކުރި މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.