Roadha Mihaaru

ގާނާގެ ހިދުމަތަށް ކީޕަރު އިމްރާންގެ ޝުކުރު

އޭނާ އަށް މޮޅު ގޯލް ކީޕަރަކަށް ވެވުނީ ވިކްޓަރީގެ ކުރީގެ ގޯލްކީޕަރު ޓްރޭނަރު އަހްމަދު ރިޔާޒު (ގާނާ) އަޅައިދިން ބިންގަލުގެ ސަބަބުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ގާނާގެ ހިދުމަތަށް ކީޕަރު އިމްރާންގެ ޝުކުރު
ހުސެއިން ހަބީބް
ހުސެއިން ހަބީބް

19 މާޗް 2025

އޭނާ އަށް މޮޅު ގޯލް ކީޕަރަކަށް ވެވުނީ ވިކްޓަރީގެ ކުރީގެ ގޯލްކީޕަރު ޓްރޭނަރު އަހްމަދު ރިޔާޒު (ގާނާ) އަޅައިދިން ބިންގަލުގެ ސަބަބުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ކީޕަރުން ތަމްރީނުކުރުމުގައި 30 އަހަރު ހޭދަކުރުމަށް ފަހު ގާނާ ވަނީ އެ މަސައްކަތާ ދުރައްޖެހިލައިފަ އެވެ. އިއްޔެ "މިހާރު" ގައި ޝާއިއު ކުރި ގާނާގެ ރިޓަޔާމެންޓް ހަބަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށް ފަހު އިމްރާން ބުނީ ގާނާގެ ކިބައިން ލިބުނު ތަމްރީނުތަކަކީ އޭނާގެ ދިގު ކެރިއަރުގައި އެއް ފެންވަރެއްގައި ހިފެހެއްޓުމަށް ލިބުނު މުހިންމު ތަމްރީނުތަކެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް ފުރަތަމަ ދެ އަހަރު ލިބުނު ޓްރޭނިންތަކަކީ އަޅުގަނޑުގެ ކެރިއަރުގެ އަސްލު ބިންގަލޭ ބުންޏަސް ދޮގަކަށް ނުވާނެ. ޓީމާ ވަކިން ހަމައެކަނި ކީޕަރުންނަށް ހާއްސަކޮށް ފަތިހު 5:45 ގައި ޓްރޭނިން، މެންދުރުފަހު 2:45 ގައި ޓްރޭނިން ބާއްވާނެ އަދި ހަވީރު 4:00 ގައި ޓީމާ އެކު ޕްރެކްޓިސް އޮންނާނެ،" 2001 ން ފެށިގެން އަށް ނުވަ އަހަރު ވިކްޓަރީ ކުޅުނު ކީޕަރު ބުންޏެވެ.

އިމްރާން ވިކްޓަރީ އަށް ކުޅުނު އިރު ގާނާ (ކ) އާއި އެ ކްލަބްގެ އޭރުގެ ކޯޗު ސުޒޭން (ވ) އާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން

އިމްރާން ވިކްޓަރީ އަށް ކުޅުނު އިރު ގާނާ (ކ) އާއި އެ ކްލަބްގެ އޭރުގެ ކޯޗު ސުޒޭން (ވ) އާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން

ކުޅުން ހުއްޓާލުމަށް ފަހު ގޯލްކީޕިން ކޯޗިން ކޯސް ވެސް ފުރިހަމަ ކުރި އިމްރާން ބުނީ ގާނާގެ ޓްރޭނިންތަކަކީ ތަފާތު ތަފާތު ތަމްރީނުތަކެއް ކަމަށެވެ. އިދިކޮޅަށް ނުކުންނަ ޓީމުގެ ކުޅުންތެރިން ހަމަލާތައް އުފައްދާނެ ގޮތަށް ވިސްނައިގެން ކީޕަރުން ގޯލްގައި ބަހައްޓައިގެން ގާނާ ބޯޅަ ޝޫޓް ކުރާ ތަމްރީނުތަކަކީ އެންމެ ހާއްސަ ސެޝަން ކަމަށް އިމްރާން ބުންޏެވެ.

"މި ހާއްސަ ޓްރޭނިންތަކުން ދަސްވީ ހުނަރާއި ތަޖުރިބާއަކީ ދިގު ކެރިއަރެއްގައި ރަނގަޅު ފެންވަރެއްގައި ކުޅުމަށް ލިބުނު ވަރަށްބޮޑު އެހީއެއް. އޭރު ވިކްޓްރީގެ ކޯޗް [މައުރޫފް އަހްމަދު] މާއްޓޭ އަދި ކުރީ ކީޕަރު އިސްމާއީލް ޒަރިޔަންދުގެ ފަރާތުން ލިބުނު ފިލާވަޅުތަކާއި ތަޖުރިބާއަކީ މޮޅު ކީޕަރަކަށް ވާން އަޅުގަނޑު ކުރި މަސައްކަތަށް ލިބުނު ވަރަށް ބޮޑު އެހީއެއްކަން ފާހަގަކޮށްލަން."

އޭނާ ބުނީ ކީޕަރުން ތަމްރީނުކުރުމުގައި ދަނޑު މަތިން ދެން ނުފެނުނު ނަމަވެސް ގާނާގެ ތަޖުރިބާ ހިއްސާކޮށް ޒުވާން ކީޕަރުން އުފެއްދުމުގައި އޭނާގެ ބައިވެރިވުން އޮތުން މުހިންމު ކަމަށް އިމްރާން ބުންޏެވެ.

ފަސް އަހަރަށް ފަހު ވިކްޓަރީން ފުރަތަމަ ޑިވިޝަނުގައި އަލުން ވާދަކުރަން ނުކުންނަ އިރު އެ ކްލަބްގެ ކޯޗިން ޓީމުގައި ގާނާ ނުހުންނާނެ އެވެ.

އެއީ 1995 ގެ ފަހުން ވިކްޓަރީއާ އެކު ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި ޓްރޭނަރެއްގެ ގޮތުގައި ގާނާ ނުފެންނާނެ ފުރަތަމަ ފަހަރެވެ.

އުމުރުން 60 އަހަރުގެ ގާނާ ބުނީ ކީޕަރުން ތަމްރީނު ކުރުމުގެ މަސައްކަތާ ދުރައް ދާން ނިންމީ އޭނާގެ ފައި މިހާރު ބަލިކަމުން ބޯޅައިގައި ބާރަށް ނުޖެހޭތީ ކަމަށެވެ.