Roadha Mihaaru

ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް ޗިޓެއް ނުފޮނުވާ

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް ހާޒިރުވުމުގެ ޗިޓް ނުފޮނުވާކަން އެނގިއްޖެ އެވެ.

ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް ޗިޓެއް ނުފޮނުވާ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

10 މާޗް 2025

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް ހާޒިރުވުމުގެ ޗިޓް ނުފޮނުވާކަން އެނގިއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އަޒްމިރަލްދާގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑްކޮށްފައި ވާއިރު އެ ދެ ފަނޑިޔާރުންނާ ގުޅޭ ދެ މައްސަލައެއް ދަނީ ބަލަމުންނެވެ.

އަޒްމިރަލްދާގެ ފިރިކަލުން ބަންދުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލަން އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި މިއަދު މަހާޒް ހާޒިރުކޮށްފައި ވާއިރު މާދަމާ އަޒްމިރަލްދާ ހާޒިރުކުރަން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި މާދަމާ ހާޒިރުވުމުގެ ޗިޓެއް އަޒްމިރަލްދާ އަކަށް ނުފޮނުވަ އެވެ. އަދި އޭނާ ހާޒިރުކުރާނެ ދުވަހެއް ވެސް ނޭނގެ އެވެ.

ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ. އެ މައްސަލައިގައި އަދި ހާޒިރުވާން އެއްވެސް ފަނޑިޔާރަކަށް ނާންގަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައި ވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

މަހާޒް މިއަދު ޖޭއެސްސީއަށް ހާޒިރުކުރުމުން ވަނީ ނުފޫޒު ފޯރުވައިގެން ބަންދުން ދޫކޮށްލި ކަމަށް ބުނާއިރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރިކަން އެނގިވަޑައިގަތް އިރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައި ކަމަށާއި އެހެންވެ ނުފޫޒެއް ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ބަޔާން ދެއްވައިފަ އެވެ. އަދި އެކަމުގައި ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް ވިދާޅުވި ކަމަށް މަހާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.

ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އޭގެ ފަހުން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އަދި ހަމަ މި ވަގުތާ ދިމާކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހު ގެނެސް ފާސްކޮށްފަ އެވެ. އެކަމަކު އެ އިސްލާހު އަދި ތަސްދީގެއް ނުކުރައްވަ އެވެ.