ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ، އެއްވެސް ގާޒީއަކު ބަޔާން ދެއްވާފައިނުވާ ކަމަށް އަޒްމިރަލްދާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
18 މާޗް 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ، އެއްވެސް ގާޒީއަކު ބަޔާން ދެއްވާފައިނުވާ ކަމަށް އަޒްމިރަލްދާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލައިގައި ތުހުމަތު ކުރަނީ ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށެވެ.
އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީން ބަލާ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ތިން ގާޒީއަކު ބަޔާން ދެއްވާފައިވެ އެވެ. އެ ގާޒީންގެ ބަޔާނަށް ބެލުމުން އެނގެނީ ވަކީލް ވިދާޅުވި ގޮތުގައި ޑރ. އިސްމާއިލްގެ ބަންދާ ގުޅިގެން އަޒްމިރަލްދާ އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމެވެ.
"އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ވިަޔސް ނުވަތަ އެހެން މީހަކު މެދުވެރިކޮށް ވިޔަސް ގުޅުއްވާފައިނުވާ ކަން ވެސް ބަޔާންތަކުން ސާފުކޮށް އެނގެ އެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ވާހަކައެއް ވެސް އެއްވެސް ގާޒީއަކު ދައްކަވާފައިނުވެ އެވެ." ޝަމީލްގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ފަނޑިޔާރު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ތުހުމަތެއް ކުރުމުގެ އެއްވެސް އަސާސެއް ވެސް ނެތް ކަމާއި އޮތް ނަމަ، އޮތީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާ ގުޅުވައި އެއްގޮތަކަށް ވެސް ގާޒީއަކު ވިދާޅުނުވާ ވާހަކައެއް ވިދާޅުވި ކަމަށް ބުނެ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ޖޭއެސްސީން ހިމަނާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ގާޒީން ދެއްވި ބަޔާންތައް ފެންނަން ހުއްޓާ، އެ ބަޔާންތަކާ ހިލާފަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވުމަކީ ޖޭއެސްސީގެ ގާނޫނުގެ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފަނޑިޔާރާ އެ ކޮމިޝަނުން ހިއްސާކޮށްފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ފަނޑިޔާރު ސަސްޕެންޑްކޮށްފައިވަނީ އެ މައްސަލައާ ގުޅިގެންނެވެ.
ވަކީލް ޝަމީލް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ޑރ. އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ އިޖުރާއަތްތަކާ ގުޅިގެން ޔޫއެން ސްޕެޝަލް ރެޕްޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. މީގެއިތުރުން އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް މައްސަލަތައް ގެނެސްފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ސަސްޕެންޑް ކުރި ފަހުން، މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއުސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފަ އެވެ.
ތުހުމަތުތަކަށް އަޒްމިރަލްދާ އިންކާރު ކުރައްވައިފި
އިސްމާއިލް ދޫކޮށްލީ ކުށެއްގެ ތުހުމަތެއް ނެތުމުން
ދެ ފަނޑިޔާރުންގެ މައްސަލާގެ ތަހުގީގު ރިޕޯޓް ކޮމިޝަނަށް
އަޒްމިރަލްދާގެ މައްސަލަ ބަލާ ގޮތް މަޖިލީހުން ބަލަނީ
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުވެއްޖެ
އަޒްމިރަލްދާ ބަޔާން ނެރުއްވާތީ ވެސް މައްސަލަ ބަލަނީ
އަޒްމިރާލްދާ އާއިމަހާޒު މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަނީ
"އަޒްމިރަލްދާއަށް ތަހުގީގުގައި ހުރިހާ ހައްގުތައް ދިން"
"ފަނޑިޔާރު އަޒްމިރަލްދާގެ ވަކީލަށް ފުރުސަތު ނުދޭ"
ފަނޑިޔާރު އަޒްމިރަލްދާ ޖޭއެސްސީއަށް ހާޒިރުކޮށްފި