Roadha Mihaaru
އަދީބު ހޮހޮޅައިގައި އޮތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

އަދީބު ހޮހޮޅައެއްގައި އޮންނެވި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: އެޗްއާރުސީއެމް

13 މާޗް 2017

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ދޮގުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ދޮގުކޮށްފި އެވެ.

މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރެއަށް، އިރަށް ދޮންވާ ގޮތަށް އަދީބު އޮންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެހެން ބައެއް ގައިދީން ވެސް ތިބީ އެ ހާލުގައި ކަމަށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ އަހުމަދު މަހްލޫފް ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ. އަދި މަހްލޫފާ މެދު އިންސާނިއްޔާތާ ހިލާފު އަމަލުތައް ހިންގާ ކަމަށް އަދީބުގެ ގާތް ބަޔަކު ވަނީ ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބު އޮންނެވީ އެހެން ގައިދީން ވެސް ގެންގުޅެމުން އަންނަ ގޮޅިއެއްގައި ކަމަށާއި އޭނާއާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ބުނެފަ އެވެ.

އެޗްއާރުސީއެމްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަންގެ ނައިބު ރައީސް ޝިފާގް މުފީދު ވިދާޅުވީ އެކިއެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ބައެއް ސިޔާސީ ބޭފުޅުންގެ މައްސަލަތައް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން، އަދީބާ ގުޅޭ ގޮތުން މައްސަލަތަކެއް ހުށަހަޅާފައިވާތީ އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދީބު ވިޔަސް، އެހެން ބޭފުޅަކު ވިޔަސް ލާއިންސާނީ އެއްވެސް އަމަލެއް ހިންގާނަމަ، އަޅުގަނޑުމެން އެކަން ބަލާނަން. ސިޔާސީ ބޭފުޅުންގެ މައްސަލަތަކެއް ހުށަހަޅާފައި އެބަހުރި،" ޝިފާގު ވިދާޅުވި އެވެ.

މާފުށީ ޖަލުގައި އަދީބު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، މިދިޔަ ބުދަދުވަހު ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފަ އެވެ. އެއީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަން "މިހާރު"އަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އަދި ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ ބަހެއް ވެސް ނުލިބެ އެވެ.

ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާއި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމުގެ ކުށުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.