Roadha Mihaaru
"ޔޫވީ އަކީ ޗެލެންޖް ދޭ ޓީމެއް، ފަސޭހަ ނުކުރާނަން"

ޔޫވީ އަކީ ޗެލެންޖް ދޭ ޓީމެއް، ފަސޭހަ ނުކުރާނަން: ނިޒާމްބެ

13 މާޗް 2017

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކުޅުނު ދެ މެޗުން ބަލިވެފައިވީ ނަމަވެސް މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ފަސޭހަ މޫޑެއްގައި ނޫން ކަމަށާއި ޓީމު އޮތީ ސަތޭކަ ޕަސެންޓް ދޭން ތައްޔާރަށް ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ ކުޅުނު ދެ މެޗުން ބަލިވެފައިވީ ނަމަވެސް މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ފަސޭހަ މޫޑެއްގައި ނޫން ކަމަށާއި ޓީމު އޮތީ ސަތޭކަ ޕަސެންޓް ދޭން ތައްޔާރަށް ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ގޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޓީސީ ވަނީ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ކްލަބް ވެލެންސިއާ އަތުން ފަސޭހަކަމާ އެކު 3-0 އިން މޮޅުވެފަ އެވެ. ނިޒާމްބެ ބުނީ ޔުނައިޓެޑް ވިކްޓަރީން ވަނީ މިދިޔަ ސީޒަނުގައި ހުރިހާ ޓީމުތަކަށް ވެސް ރަނގަޅު ޗެލެންޖެއް ދީފައި ކަމަށާއި އެ ޓީމުގެ ކޯޗު އަހުމަދު އާތިފަކީ ވަރަށް ގާބިލް ކޯޗެއް ކަމަށެވެ.

"މި ސީޒަނުގައި ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ފުރަތަމަ މެޗަށް ފަހު ދެ ވަނަ މެޗުގައި އެ ޓީމުން ކުޅުން ރަނގަޅުކުރި. އެ މެޗަށް ފަހު އަނެއްކާ ވެސް އިތުރަށް ތައްޔާރުވުމަށް ފަހު މި މެޗަށް ނުކުންނާނީ. ޓީސީން އެއްގޮތަކަށް ވެސް މި މެޗު ފަސޭހައެއް ނުކުރާނެ. އިއްޔެގެ ޕްރެކްޓިހާ ހަމަޔަށް ވެސް ކުޅުންތެރިން ތިބީ ސަތޭކަ ޕަސެންޓް ދީގެން މެޗު ކާމިޔާބުކުރަން ތައްޔާރަށް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ޓީސީގެ ޓާގެޓަކީ ލީގުގެ ގަދަ ހަތަރަކަށް އަރައި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށާއި އެ އުއްމީދު ހާސިލްވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު މިއީ ލީގުގެ ކުރީކޮޅަށް ވުމާ އެކު، އެހެން ޓީމުތަކާ ފެންވަރާ މިކަންކަމާ ބެހޭގޮތުން ވާހަކަދައްކަން އަވަސް ކަމަށް އޭނާ ބުންޏެވެ.

"ޓީސީން މިވަގުތު މި ބަލަނީ ކުރިއަށް މި އޮތް ދެ މެޗުން މޮޅުވެ ތާވަލުގެ ރަނގަޅު ހިސާބަކަށް އަރަން،" ނިޒާމްބެ ބުންޏެވެ.

މި ސީޒަނުގައި ޓީސީއާ ގުޅުނު ސ. ފޭދޫ ފޯވާޑް އިބްރާހިމް މަހުދީ (އިއްބެ) އަށް އަނިޔާގެ ސަބަބުން ކުރީ މެޗުގައި ނުކުޅެވުނެވެ. ނިޒާމްބެ ބުނީ އިއްބެގެ ހާލަތު ރަނގަޅު ކަމަށާއި އެކަމަކު ފިޒިކަލީ ސަތޭކަ ޕަސެންޓް ފިޓްނުވާ ކަމަށެވެ. މިދިޔަ ސީޒަނުގައި އަނިޔާގެ ސަބަބުން ފޯމް ގެއްލުނު ޒުވާން ފޯވާޑް ނާއިޒް ހަސަން (ދާދު) ވެލެންސިއާ މެޗުގައި ދެއްކި މޮޅު ކުޅުމާ އެކު ބޮޑު ހިތްހަމަޖެހުމެއް ލިިބިފައިވާ ކަމަށް ވެސް ނިޒާމްބެ ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީގެ އެސިސްޓަންޓް ކޯޗު އަހުމަދު މުރުތަލާ ބުނީ ޓީސީ ރަނގަޅު ފޯމެއްގައި އޮތަސް މެޗަށް ނުކުންނާނީ އެ ޓީމު އަތުން މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށާއި އެކަން ވެއްޖެ ނަމަ އެއީ ޔުނައިޓެޑް ވިކްޓަރީގެ ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.

"ނިއު ރޭޑިއަންޓް މެޗުގައި ވެސް ޔުނައިޓެޑް ވިކްޓަރީ ތައްޔާރުވިވަރާ ބަލާއިރު ކުޅުން ރަނގަޅު. މިވަގުތު އެންމެ ބޮޑަށް ރަނގަޅުކުރަން ޖެހިފައިވަނީ ލަނޑު ނުޖެހުމުގެ މައްސަލަ. އަނެއްކާ މާދަމާ ވެސް ހަވީރު ކުޅެން ޖެހޭތީ ހޫނުވާނެތީ އެއީ ވެސް ދިމާވާނެ މައްސަލައެއް. އެކަމަކު މެޗަށް ނުކުންނާނީ މަދުވެގެން ޕޮއިންޓަކަށް،" ކުރީގެ ގޯލްކީޕަރު ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި މާދަމާ ކުޅޭ މެޗުތައް:

ޓީސީ ސްޕޯޓްސް ކްލަބް - ޔުނައިޓެޑް ވިކްޓަރީ 16:00

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް - ކްލަބް ވެލެންސިއާ 21:00