10 ޖުލައި 2017
އެސްޓީއޯ މާލޭ ލީގުގައި ރޭ ލަނޑެއް ނުޖެހި 0-0 އިން އީގަލްސްއާ އެއްވަރުވެ ގަދަ ހަތަރަކަށް އަރަން ޓީސީ ސްޕޯޓްސް ކްލަބަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
އެސްޓީއޯ މާލޭ ލީގުގައި ރޭ ލަނޑެއް ނުޖެހި 0-0 އިން އީގަލްސްއާ އެއްވަރުވެ ގަދަ ހަތަރަކަށް އަރަން ޓީސީ ސްޕޯޓްސް ކްލަބަށް އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ޓީސީ މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 12 މެޗުން 16 ޕޮއިންޓާ އެކު އެވެ. އީގަލްސް މިރޭގެ މެޗުން ހޯދި ޕޮއިންޓާ އެކު ވަނީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. ތިން ވަަނައިގައި އޮތް އީގަލްސް އާއި ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ 12 މެޗުން 21 ޕޮއިންޓެވެ. އީގަލްސް އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ޓީސީ އަށް ދެން ގަދަ ހަތަރެއްގެ ޖާގައެއް ލިބޭނީ ކުރިއަށް އޮތް ދެ މެޗުން ބޮޑު ތަފާތަކުން އެ ޓީމުން މޮޅުވެ، އީގަލްސް އާއި ވިކްޓަރީ އަދި ގްރީން ސްޓްރީޓްސް ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމުން ވެސް ދިޔައީ ފުރަތަމަ މިނިޓުން ފެށިގެން އެޓޭކް ގިނަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ އީގަލްސް އަށެވެ. އެގޮތުން މެޗުގެ 19 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން އޭރިއާ ތެރެއިން އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.
އޭގެ ހަަތަރު މިނިޓް ފަހުން ޓީސީ އަށް ލިބުނު ކޯނަރަކުން މުހައްމަދު ސާމިރު ނަަގައިދިން ބޯޅަ އެ ޓީމުގެ އަބްދުﷲ ހަނީފް (ބެންޖޯ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ފުރަތަމަ ހާފްގައި އީގަލްސްގެ އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލި އެ ޓީމުގެ މިޑްފީލްޑަރު އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އޭރިއާ ރޮނގުކައިރިން ނައްޓޭ ފޮނުވާލި ބާރު ޝޮޓް ޓީސީގެ ނޭޕާލް ކީޕަރު ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.
އޭގެ މިނިޓެއް ފަހުން ޓީސީގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ކުޅުންތެރިއަކު ކައިިރިން ނައްޓާފައި ތިރިތިރިން ފޮނުވާލި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ދެ ވަނަ ހާފް ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ ވެސް އީގަލްސް އިންނެވެ. މި ގޮތުން މެޗުގެ 49 ވަނަ މިނިޓްގައި ޓީސީ ކުޅުންތެރިއަކު ކައިރިން ނައްޓާފައި އޭރިއާ ބޭރުން ރިޒޭ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މި ހާފްގައި ޓިސީގެ ފުރަތަމަ ހަމަލާ އުފެއްދީ ނާއިޒު ހަސަން (ދާދު) އެވެ. އޭރިއާ ބޭރުން ދާދު ފޮނުވާލި ބޯޅައިގައި ބާރެއް ނެތުމުން އީގަލްސްގެ ސްރީލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ ފަސޭހަ ކަމާ އެކު މަތަކޮށްފަ އެވެ.
ޓީސީ އާއި އީގަލްސް މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މެޗުގެ 65 ވަނަ މިނިޓްގައި އީގަލްސްގެ ޒުވާން ފޯވާޑް އިބްރާހިމް ނާއިމް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރެއިން ރިޒޭ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ދިން ބޯޅަ ނާއިމް ފަަޔަށް ރަނގަޅަށް އަރާ ގޮތްނުވުމުން ދިޔައީ ބޭރަށެވެ.
ޓީސީން މެޗުގެ ފަހު 20 މިނިޓް ތެރޭ ބަދަލުތަކާ އެކު ޓީމުގެ އެޓޭކް ވަރުގަދަ ކުރި އެވެ. އަދި އަވަސް ކުޅުން ތަކާއެކު އީގަލްސް އަށް ޕްރެޝަރު ބޮޑުކޮށް ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކުރި އެވެ.
މެޗުގެ 88 ވަނަ މިނިޓްގައި ސްޓެވާޓް ބޮލުން ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އޭގެ މިނިޓެއް ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން މަތަކުރީ އީގަލްސްގެ ޑިފެންޑަރުންނެވެ.
މެޗުގެ އިތުރު ވަގުތުގައި ޓީސީ މޮޅުކޮށްދޭން ރަނުގެ ދެ ފުރުސަތެއް އެ ޓީމުގެ ސްޓެވާޓައި ފޭދޫ އިއްބެ އަށް ލިބުނެވެ. އޭރިއާ ތެރެއިން ހުސްކޮށް ވަދެ ސްޓެވާޓް ފޮނުވާލި ބޯޅަ ކީޕަރު ސުޖަން މަތަކުރިއިރު، ހުސްކޮށްހުރެ ފޭދޫ އިއްބެ ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.
މެޗަށް ފަހު ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ދިމާވި ހަމައެކަނި މައްސަލަ އަކީ ލަނޑެއް ނުޖެހުން ކަމަށެވެ.
"ހަގީގަތުގައި އީގަލްސް ކަހަލަ އޮގަނައިޒް ޓީމަކާ ދެކޮޅަށް ކުޅޭއިރު ޑިފެންސަށް ވެސް ވިސްނަން ވާނެ. އެކަމަކު ފަހު ވަގުތު އެއްކޮށް އެޓޭކަށް ބަދަލުކޮށްލައިގެން މޮޅުވެވޭނެހާ ފުރުސަތު ލިބުނު. އެކަމަކު ގޯލެއް ނުޖެހި ދިއުމުން އެ ކަން ހާސިލްނުވީ،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ގަދަ ހަތަރަކަށް ވަނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ދެން ވަރަށް ހަނި ފުރުސަތެއް މިއޮތީ އެއީ ގްރީން ސްޓްރީޓްސް އާއި ވިކްޓަރީ އަތުން ޕޮއިންޓް ތަކެއް ގެއްލިގެން. ޓީސީ އަކީ އެއްވެސް ވަގުތަކު ހިތްވަރު އެލުވާލާނެ ކުޅުންތެރިން ތިބި ޓީމެއް ނޫން. ފަހު ވަގުތާ ހަމައަށް ހިތްވަރު ކުރާނަން،" ނިޒާމްބެ ބުންޏެވެ.
އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މިރޭ އެ ޓީމު ސަލާމަތްވީ ނަސީބުގެ އެހީވެސް ލިބިގެން ކަމަށެވެ.
"ހަގީގަތުގައި މި މެޗުން އަޅުގަނޑުމެން ސަލާމަތްވުމުގައި ނަސީބުގެ އެހީ ވަރަށް ބޮޑަށް ލިބުނު. އެއީ ފަހު ވަގުތު ސުޖަން އެ ކުރި މޮޅު ސޭވަށް ބަލާލުމުން ވެސް އެނގޭ. ދެން މިއަދު އަޅުގަނޑުމެންގެ ފަހަތް ވަރަށް ރަނގަޅަށް އޮތީ. އަނެއްކާ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މުޖޭ (މުޖުތާޒް) އާއި ސުޖަން ފާހަގަ ކުރަން،" ސާންތީ ބުންޏެވެ.
އޭނާ ބުނީ ލިބުނު ފުރުސަތުތަކާ ބަލާ މި މެޗުން މޮޅެއް ލިބުމުގެ ފުރުސަތު އޮތް ކަމަށެވެ.
ގްރީން އަށް ދެ ވަނަ، އީގަލްސް ކަޓައި ޓީސީ ލީގަށް
ގަދަ ހަތަރެއްގެ ވާދަވެރިކަން އިންތިހާގައި
ބޮޑު މެދުކެނޑުމުގެ ފައިދާ ނެގޭކަށް ނެތް
އީގަލްސް އަތުން ޓީސީ އަށް މުހިއްމު މޮޅެއް
ޓީސީ އާއި އީގަލްސް އަށް ޕޮއިންޓެއް
އީގަލްސް އަތުން ޓީސީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި
"އީގަލްސްއާ މެދު ޓީސީ ހުރިހާ ވަގުތަކު ސަމާލުވާނެ"
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް
ވިކްޓަރީ ކަޓައި ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށް
އަހަންނަކަށް ވެސް ވަކި ޕްރެޝަރެއް ނެތް: ނިޒާމްބެ