ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ފަންޑު ހުއްޓާލައިފި ނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ އެވެ.
04 ފެބުރުއަރީ 2025
ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ފަންޑު ހުއްޓާލައިފި ނަމަ އޭގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ އެވެ.
ޔޫއެސްއެއިޑް ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބެސްވެވަޑައިގަންނަވާ ކަމަށް އޭނާގެ އެޑްވައިޒަރު މަޝްހޫރު ވިޔަފާރިވެރިޔާ އީލޮން މަސްކް އިއްޔެ ވަނީ އިއުލާނު ކުރައްވައިފަ އެވެ. އަދި ޔޫއެސްއެއިޑްގެ މައި އޮފީސް ވެސް މިއަދު ބަންދުކޮށް އެ ތަނުގެ މުވައްޒަފުންނަށް އޮފީހުގެ ސިސްޓަމްތަކުން އެކްސެސް ވެސް ވަނީ ކަނޑާލައިފަ އެވެ.
މިދިޔަ އަހަރު ޔޫއެސްއެއިޑްގެ ދަށުން ރާއްޖޭގައި ހިންގި ތަފާތު މަޝްރޫއުތަކަށް 4.8 މިލިއަން ޑޮލަރު (74 މިލިއަން ރުފިޔާ) ދޫކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސަރުކާރުގެ މަޝްރޫއުތަކާއި އަމިއްލަ ޖަމިއްޔާ، ޖަމާއަތްތަކުން ހިންގާ ޕްރޮޖެކްޓްތަކަށް ވެސް އެ އެޖެންސީން ފަންޑު ކުރި އެވެ. ޔޫއެސްއެއިޑުން ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ އާއި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ މަޝްރޫއުތަކާއި އެންޓި- ޓެރަރިޒަމާ ދެކޮޅަށް ހިންގާ މަޝްރޫއުތަކުގެ އިތުރުން ތިމާވެށީގެ މަޝްރޫއުތަކާއި ކާރިސާތަކަށް އެހީވުމަށް ވެސް ފަންޑުކުރެ އެވެ.
ދިވެހި ސަރުކާރުގެ ބޭރުން ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް އެހީވާ އެންމެ ބޮޑު ޖަމާއަތަކީ ވެސް ޔޫއެސްއެއިޑެވެ.
ހިސާބުތައް ދައްކާ ގޮތުން 2023 ވަނަ އަހަރު ޔޫއެސްއެއިޑުން ވަނީ 20 މިލިއަން ޑޮލަރު (308 މިލިއަން ރުފިޔާ) ގެ އެހީވުމަށް އެއްބަސްވެފަ އެވެ. އެ އަހަރު ދޫކުރީ 10.4 މިލިއަން ޑޮލަރު (160 މިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދީފައިވެ އެވެ. އެއީ އަހަރެއްގެ ތެރޭގައި ޔޫއެސްއެއިޑް އިން އެންމެ ބޮޑު އެހީއެއްވި އަހަރެވެ. ދެވަނަ އަށް އެންމެ ބޮޑު އެހީއެއްވެފައިވަނީ 2011 ވަނަ އަހަރު އެވެ. އެ އަހަރު ވަނީ 13.6 މިލިއަން ޑޮލަރު (209 މިލިއަން ރުފިޔާ) ގެ އެހީ ފޯރުކޮށްދޭން އެއްބަސްވެ، 13.5 މިލިއަން ޑޮލަރު (208 މިލިއަން ރުފިޔާ) ދޫކޮށްފަ އެވެ.
ޔޫއެސްއެއިޑުން އަންނަނީ 2001 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ޔޫއެސްއެއިޑުގެ އެންމެ ބޮޑު ފަންޑިންއެއް ވަންނަނީ އަފްޣާނިސްތާނަށެވެ. މިދިޔަ އަހަރު އެ ގައުމަށް 750 މިލިއަން ޑޮލަރު (11.5 ބިލިއަން ރުފިޔާ) ގެ އެހީދޭން ކަނޑައަޅާފައިވެ އެވެ. އެ ފަންޑު މެދުވެރިކޮށް ވަކި ގައުމަށް އެންމެ ބޮޑު އެހީވާ ޖޯޑަނަށް މިދިޔަ އަހަރު ވަނީ 1.3 ބިލިއަން ޑޮލަރު (20 ބިލިއަން ރުފިޔާ) ގެ އެހީ ދީފަ އެވެ.
ޔޫއެސްއެއިޑުން މިދިޔަ އަހަރު ވަނީ 30 ބިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ. މިއަހަރަށް ވަނީ 43 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައިފަ އެވެ. އެ ފަންޑު މެދުވެރިކޮށް ހާއްސަ އިސްކަމެއް ދީގެން އެހީވާ ފަންސަވީހަކަށް ގައުމު އޮތް ނަމަވެސް، އެ ފަންޑު މެދުވެރިކޮށް މިހާތަނަށް 170 އަށް ވުރެ ގައުމަށް ވަނީ އެކި ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ރާއްޖެ އިން އެމެރިކާއާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި
ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ
ޔޫއެސްއެއިޑް ބަންދުކުރުން ކޯޓުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ ޕްރޮގްރާމްތަކުން 83 ޕަސެންޓް ހުއްޓާލަނީ
ޓްރަމްޕުގެ ބޮޑު ނިންމުމެއް ސުޕްރީމް ކޯޓުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
ޔޫއެސްއެއިޑް އަކީ ކުށްވެރިންނާއި މޮޔައިން ކަމަށް ބުނެފި
ރާއްޖޭގެ މޫސުމީ ހާލަތު ބެއްލެވުމަށް ޓްރަމްޕަށް ދައުވަތު