Roadha Mihaaru

ސީޕީ އެދިވަޑައިގަތީ ޑިއުޓީގައި ފުލުހުން ފޯނާ ނުކުޅެ، ރީތި ބަހުން ވާހަކަ ދެއްކުމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ފުލުހުން މަގުމަތީގައި ޑިއުޓީއަށް ތިބޭއިރު، ފޯނާ ނުކުޅުމަށާއި އާންމުންނާ ރީތި ބަހުން ވާހަކަ ދެއްކުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

"ޑިއުޓީގައި ފޯނާ ނުކުޅެ އާއްމުންނަށް ހާއްސަވާންޖެހޭ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 ޖެނުއަރީ 2025

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކޮށްދޭން ފުލުހުން މަގުމަތީގައި ޑިއުޓީއަށް ތިބޭއިރު، ފޯނާ ނުކުޅުމަށާއި އާންމުންނާ ރީތި ބަހުން ވާހަކަ ދެއްކުމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ރޭ ނަސޭހަތްތެރިވެވަޑައިގެންފި އެވެ.

ފުލުހުންގެ 38 ވަނަ އިނިޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ވަނީ ތިން ނަސޭހަތެއް އޮފިސަރުންނަށް ދެއްވައިފަ އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ޝުޖާއު ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން މަގުމަތިން ފެނުނަސް އެ ފުލުހުން ފޯނާ ކުޅެން ތިބޭ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. މަގުމަތީގައި ހިނގަމުންދާ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ފޯނަށް ގެއްލިފައި ތިބުމުގެ ޝަކުވާ ނާންނަ ގޮތަށް އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ ހިދުމަތަށް މަގުމައްޗަށް ނުކުމެ ތިބޭއިރު ރައްޔިތުންނަށް ހާއްސަވުމަށެވެ. ޑިއުޓީ ގަޑީގައި ފޯނު ބޭނުން ކުރުން ހުއްޓާލުމުން އެ މައްސަލަ ހައްލުވާނެ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނައިން ރައްޔިތުން ކުރާ ޝަކުވާއެއް އެއީ ފުލުހުން ވަރަށް ގިނައިން މަގުމަތިން ފެނެޔޭ. އެކަމަކު ތިބެނީ ފޯނާ ކުޅޭށޭ. މަގުމަތީގައި ހިނގާ އެއްވެސް ކަމަކަށް ފަރުވާ ނުދީ ތިބެނީ ފޯނަށް ބަލަހައްޓައިގެންނޭ. މިކަން ރަނގަޅުކުރަން އެބަޖެހޭ،" ދ. ވާނީގައި ބޭއްވި ޖަލްސާގައި ޝުޖާއު ވިދާޅުވި އެވެ.

"އުއްމީދުކުރަނީ ތިޔަ އޮފިސަރުން ރައްޔިތުންގެ ހިދުމަތުގައި ތިބޭއިރު ރައްޔިތުންނަށް އަބަދުވެސް ހާއްސަ ވެގެން ތިބުމަށް."

ފުލުހުންގެ 38 ވަނަ އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޕޮލިސް

ފުލުހުންގެ 38 ވަނަ އިނީޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ޕޮލިސް

ޝުޖާއު ދެން އެދިވަޑައިގަތީ ރައްޔިތުންނާ އަބަދުވެސް ރީތި ބަހުން މުއާމަލާތްކުރުމަށެވެ.

އަބަދުވެސް އިހްތިރާމާ އެކު ވާހަކަ ދައްކަވާ ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ރީތި ބަހުން ވާހަކަ ނުދެއްކޭނެ އެއްވެސް ހާލަތެއް ފުލުހުންނަށް އައިސްގެން ނުވާނެ އެވެ.

ޝުޖާއު ވިދާޅުވީ ރައްޔިތުންނަށް ވުރެ މާތްކޮށް ވާހަކަ ދައްކަން ޖެހޭ އިތުރު ބަޔަކު ނުތިބޭނެ ކަމަށެވެ.

އެހެންވެ، އުއްމީދުކުރައްވަނީ ފުލުހުންނަށް އަމާޒުވާ އެފަދަ ނޭދެވޭ ސިފަތައް، އެ އޮފިސަރުންގެ މަސައްކަތުން ހައްލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވަނީ ފުލުހުންނަށް ލިބޭ ގާނޫނީ ބާރުތައް ޒިންމާދާރުކަމާ އެކު ބޭނުންކުރުމަށް ވެސް އިލްތިމާސްކުރައްވައިފަ އެވެ.

ގާނޫނުން ފުލުހުންނަށް ލިބިފައިވާ ބާރުވެރިކަމަކީ ހިތުހުރި ގޮތަކަށް ބޭނުންކުރަން ލިބޭ ބާރެއް ނޫން ކަމަށް ވިދާޅުވި އެވެ. އަބަދުވެސް މަސައްކަތް ކުރަން ވާނީ ބާރުގެ ބޭނުން ނުކޮށް، ދިމާވާ ކަންކަން ހައްލުކުރަން މަގު ދައްކައިދޭ ބަޔަކަށް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި ފުލުހުން ވާންޖެހޭނީ އިސްލާހުވާން ފުރުސަތުދޭ ބަޔަކަށެވެ.

އެ ބަދަލުތަކާ އެކު ފުލުހުންގެ މުއައްސަސާއަކީ މިހާރަށް ވުރެ ބޮޑަށް ރައްޔިތުންގެ ލޯތްބާއި އިހްތިރާމު ލިބިފައިވާ ތަނަކަށް ވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑު އުއްމީދުކުރަން ތިޔަ ފުލުހުންގެ މަސައްކަތުން ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބިގެންދާނެ ހިދުމަތަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާކުރުމަށް މަސައްކަތްތަކެއް ކުރިއަށް އެބަދާ ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ރާއްޖެ އާއި ބޭރުން ފޯރުކޮށްދެމުންދާ ކަމަށާއި ރާއްޖޭގެ ރަށްރަށުގައި ވެސް ފުލުހުންގެ މަރުކަޒުތައް ގާއިމުކުރަން އަންނަ ކަމަށް ވިދާޅުވި އެވެ.

އެއިން ކޮންމެ ކަމެއްގެ ފަހަތުގައި ވަނީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން ބަލައިގަންނަ ހިދުމަތަކަށް ހެދުން ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.