Roadha Mihaaru

ސީރިއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ސައޫދީން ގޮވާލައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު އަމީރް ފައިސަލް ބިން ފަރްހާން އިއްޔެ ގޮވާލައްވައިފި އެވެ.

ސީރިއާއަށް ދަތިކުރުމުގެ ފިޔަވަޅު އުވާލަންޖެހޭ: ސައޫދީ

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު އަމީރް ފައިސަލް ބިން ފަރްހާން އިއްޔެ ގޮވާލައްވައިފި އެވެ.

ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށް ފަހު އެ ގައުމު އާރާސްތުކުރުމުގެ މަސައްކަތް ފަށައި އެކަމާ ބެހޭ ގޮތުން މެދުއިރުމައްޗާއި ޔޫރަޕްގެ އިސް ޑިޕްލޮމެޓުންނާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ފަރްހާން ވިދާޅުވީ ސީރިއާ ރައްޔިތުން އެދޭ އުންމީދުތައް ހާސިލްވާން އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިގެން ކަމަށެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދެއްކިން. އެ ފިޔަވަޅުތައް ދެމި އޮންނަ ނަމަ ސީރިޔާގެ ރައްޔިތުން ތަރައްގީ އާއި އާރާސްތުކުރުމަށް ކުރާ އުންމީދުތަކަށް ހުރަސްއެޅޭ،" އާދީއްތަ ދުވަހު ރިޔާޒުގައި ބޭއްވި މަޝްވަރާތައް ނިންމަވާލެއްވުމަށް ފަހު ފަރްހާން ވިދާޅުވި އެވެ.

މި ބައްދަލުވުން ބޭއްވީ ބައްޝާރުގެ ޒަމާންވީ ވެރިކަން މިދިޔަ މަހު ވައްޓާލި ސީރިއާގެ އާ ލީޑަރު އަހުމަދު އަލް ޝަރާ، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ގޮވާލައްވާފައި ވަނިކޮށެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން ފަދަ ހުޅަނގުގެ ބާރުތަކުން އަސަދުގެ ސަރުކާރާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅީ 2011 ވަނަ އަހަރު ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލައި ދާހިލީ ހަނގުރާމައަކަށް ގައުމު ވައްޓާލި ކަމަށް ބުނެ އެވެ.

ސައުދީ އަރަބިއްޔާއިން ބައްޝާރުގެ ސަރުކާރާ ގުޅުން ކަނޑާލީ 2012 ވަނަ އަހަރު އެވެ. ނަމަވެސް 2023 ވަނަ އަހަރު އަރަބި ލީގުގެ ބައްދަލުވުމެއް ބާއްވައި ބައްޝާރަށް އަލުން ސަރަހައްދީ މައިދާނަށް މަރުހަބާ ކިޔާފައިވެ އެވެ. މެދުއިރުމަތީގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ސައުދީން މި މަހު ވަނީ ކާބޯތަކެއްޗާއި ބޯހިޔާވަހިކަމާއި ސިއްހީ ސާމާނު ސީރިއާއަށް އެއްގަމާއި ވައިގެ މަގުން ފޮނުވައިފަ އެވެ.

ސީރިއާގައި 13 އަހަރަށްވުރެ ގިނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، އިގްތިސާދު ހަލާކުވެފައި ވާއިރު ޔޫރަޕާއި އެކި ތަންތަނަށް އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ދާން މަޖުބޫރުވި އެވެ.