Roadha Mihaaru

އޮފީހަށް ދާއިރު އަތުގައި ހެދިކާ ކޮތަޅެއް!

ގަޑިޖެހިދާނެތީ، އެހެން ނޫނީ ގަޑި ޖެހިގެން ވިޔަސް ތެޅެމުން ފޮޅެމުން ގޮސް އޮފީހަށް ވަދެވުމާ އެކު އަނެއްކާ އޮންނަނީ ބޭރަށް ނުކުތުމެވެ. ހެނދުނު ސައިގެ ކަންތައް ނިންމަންވީ އެވެ. އެއްބަޔަކު ގޮސް ކޮންމެވެސް ކެފޭއެއްގެ މޭޒުދޮށުގަ އެވެ. އެކަމަކު މިހާރު ފިހާރަތަކުން ވެސް ހެދިކާ އާއި ރޮއްޓާއި ކުޅިމަހާއި އޭތި މީތި ލިބޭތީ އެ ތަންތަނަށް ގޮސް އެ ދަނީ ހެދިކާތައް ކޮތަޅުތަކަށް އަޅައިގެން އޮފީހަށެވެ.

އޮފީހަށް ދާއިރު އަތުގައި ހެދިކާ ކޮތަޅެއް!
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

17 ޖެނުއަރީ 2025

ގަޑިޖެހިދާނެތީ، އެހެން ނޫނީ ގަޑި ޖެހިގެން ވިޔަސް ތެޅެމުން ފޮޅެމުން ގޮސް އޮފީހަށް ވަދެވުމާ އެކު އަނެއްކާ އޮންނަނީ ބޭރަށް ނުކުތުމެވެ. ހެނދުނު ސައިގެ ކަންތައް ނިންމަންވީ އެވެ. އެއްބަޔަކު ގޮސް ކޮންމެވެސް ކެފޭއެއްގެ މޭޒުދޮށުގަ އެވެ. އެކަމަކު މިހާރު ފިހާރަތަކުން ވެސް ހެދިކާ އާއި ރޮއްޓާއި ކުޅިމަހާއި އޭތި މީތި ލިބޭތީ އެ ތަންތަނަށް ގޮސް އެ ދަނީ ހެދިކާތައް ކޮތަޅުތަކަށް އަޅައިގެން އޮފީހަށެވެ.

މިއީ މިހާރުގެ "ލައިފް ސްޓައިލް" އެވެ. ދިރިއުޅުމަށް އައި ބަދަލުތަކާ ލިބުނު ފަސޭހައިން އަހަރެމެންގެ ވައްޓަފާޅިއަށް އައި ބަދަލެކެވެ. ކަންމަތީ ފިހާރައިން ހެނދުނު ސައި ހަމަޖައްސާލޭތީ، ކޮންމެހެން ބޮޑު ފަތިހާ ތެދުވެ ބަދިގެއަށް ވަނުމުގެ ބޭނުމެއް ނެތެވެ. ގްރޫޕު ހަދައިގެން، ކައިރި ކެފޭ ހޮޓާތަކަށް ދިއުމުގެ ބޭނުމެއް ވެސް ނެތެވެ. ވިއްސަކަށް ރުފިޔާގެ ހެދިކާއިން ފައިސާ އާއި ވަގުތު ވެސް ސަލާމަތްވަނީ އެވެ.

ފަސޭހަވެފައި އާންމު ކަމަކަށް ވިޔަސް ހެނދުނު ހެނދުނާ ހެދިކާ ކެއުމަކީ އެތައް ގޮތަކުން ސިއްހަތަށް އޭގެ ނޭދެވޭ އަސަރު ކުރާ ކަމެކެވެ.

ހެނދުނު މާލޭގެ ފިހާރައެއްގައި މީހުން ހެދި ގަނެގެން ސައި ބޮނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެނދުނު މާލޭގެ ފިހާރައެއްގައި މީހުން ހެދި ގަނެގެން ސައި ބޮނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑައީޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވީ ޑީޕް ފްރައިކޮށް، ހުނި އަޅައި މޮޑެފައި މި ހުންނަ ހެދިކާތަކުން ހަށިގަނޑުގައި ފެޓް ހުންނަ މިންވަރު އިތުރުވާ ކަމަށެވެ. އަދި މިފަދަ ހެދިކާތަކުގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ މާ ގިނައިން ކެލަރީސް ހުންނައިރު، ކޮލެސްޓްރޯލް މައްޗަށް ގޮސް ހިތުގެ މައްސަލަތަކަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

"އާންމު ދިވެއްސެއްގެ ބަރުދަނުގައި މިސާލަކަށް 54 ކިލޯ ހުންނަ ނަމަ އެމީހަކަށް އެވްރެޖުކޮށް މި ބޭނުންވަނީ 1،600 ކެލަރީސް. އެންމެ ހެވީކޮށް ބްރޭކްފާސްޓް ނެގިއަސް އެމީހެއްގެ ރިކުއަމަންޓަކަށް ވާނީ 480 ކެލަރީސް. މި އަދަދު މި ހަމަވާންޖެހެނީ ޕްރޮޓީންސް އާއި މި ހުރިހާ ބާވަތެއް އެއްކޮށްގެން. އެކަމަކު ދެތިން ހަތަރު ހެދިކާ ކާއިރު މުޅި ދުވަހަށްވާވަރަށް ފެޓްސް އެބަ ހަމަވޭ. އަދި ކެލަރީސް މާ ބޮޑަށް އެބަ އިތުރުވޭ،" އާސިޔާ ވިދާޅުވި އެވެ.

ފިހާރައަކުން ހެދިކާ ގަނެގެން ދަނީ.-- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ފިހާރައަކުން ހެދިކާ ގަނެގެން ދަނީ.-- ފޮޓޯ:ފަޔާޒް މޫސާ/މިހާރު

ހެނދުނު މި ހެދިކާތަކާ އެކު އެއްބަޔަކު މި ބޯ އެކި ދަޅުތަކާއި ޕެކެޓްތައް ވެސް އެހާ ގޯހެވެ. މިފަދަ ބުއިންތަކުގައި ވެސް ގިނަ އަދަދަކަށް ސެޗުރޭޓެޑް ފެޓްސް ހިމެނޭއިރު، އިތުރު ނުރައްކާ ކުރިމަތިވަނީ ހަކުރުންނެވެ. އާސިޔާ ވިދާޅުވީ މިއީ ވަރަށް ފަސޭހައިން ގޭސްޓްރިކްގެ މައްސަލަތައް ވެސް މެދުވެރިވާ ސަބަބެއް ކަމަށެވެ.

މިއީ އަހަރެމެންނަށް އާ މައުލޫމާތެއް ނޫނަސް މި އާދަޔާ ދުރެއް ނުވެވުނެވެ. ފަސޭހައަކަށް، ތިމާގެ ސިއްހަތާ މެދު ފަރުވާ ކުޑަކޮށްލަނީ އެވެ.

ހެނދުނު ސައި ގަޑީގައި ފިހާރައެއްގައި ވިއްކަން ހުރި ބައެއް ކާބޯތަކެތި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ހެނދުނު ސައި ގަޑީގައި ފިހާރައެއްގައި ވިއްކަން ހުރި ބައެއް ކާބޯތަކެތި -- ފޮޓޯ: ނިޝާން އަލީ/މިހާރު

ޑައިޓީޝަން އާމިނަތު އިއާޝާ ވިދާޅުވީ މިފަދަ އާދަތަކާ މެދު އެހާ ހަރުކަށިކޮށް ވިސްނުމަށްވުރެ ރަނގަޅީ، ހަށިގަނޑަށް ފައިދާހުރި އެހެން ބާވަތްތައް ވެސް މި ކެއުމުގައި ހިމެނުން ކަމަށެވެ.

"އަބަދުވެސް މީހުންނަށް ދެވޭނީ އެންމެ ފަސޭހައިން ކަންކުރެވޭނެ ގޮތަކަށް. ހެދިކާތަކުން ގިނައިން މި ލިބެނީ މުޅިންވެސް ފެޓްސް. އެހެންވީމަ އެ ކެއުމަކާއެކު މޭވާއެއް، ޔޯގަޓެއް ނޫނީ ނަޓްސްކޮޅެއް އިތުރުކުރެވިދާނެ. އިތުރަށް އެހެން އޮޕްޝަންތަކެއް ހުރީމާ ހެދިކާ ކެވޭ ވަރު ވެސް މަދުވާނެ،" އިއާޝާ ވިދާޅުވި އެވެ.

މި ގޯސް އާދައިން ދުރުވުމަށް ދެ ޑައިޓީޝަނުން ވެސް ދެއްވީ އެއް ހިޔާލެކެވެ. ދުޅަހެޔޮކޮށް ކެއުމުގައި ދެމިތިބުމަށް ކުޑަ ހައްލެކެވެ. ކެއުންތަކަށް ދުރާލައި ރޭވުމާއި ތައްޔާރުވެ ތިބުމެވެ.

ޓޭކްއަވޭއެއް ދޮށުގައި މީހުން ކާއެއްޗެހި ގަންނަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު

ޓޭކްއަވޭއެއް ދޮށުގައި މީހުން ކާއެއްޗެހި ގަންނަނީ -- ފޮޓޯ:ނިޝާން އަލީ/މިހާރު

ކޮންމެ ދުވަހަކު އޮފީސް ދޮށުގެ ފިހާރަތަކުން ހެދިކާތަކާއި ސަބްމެރިންތަކުގެ ބަދަލުގައި ރޭގަނޑު ނިދުމުގެ ކުރިން ގޭގައި މަސްކޮޅެއް މޮޑެ ފްރިޖަށް ލާށެވެ. ތެދުވެ ޕާން ފޮއްޗަކަށް މަސްކޮޅު އަޅައި، އޮފީހަށް ގޮސް ކާންވީ އެވެ. ބޭކާރު ގޮތުގައި ހަށިގަނޑަށް އިތުރުވާ ގެއްލުންހުރި ލޮނާއި، ސޯޑިއަމް އަދި ފެޓްސް އިން ފުރިފައިވާ މެޔޮނައިޒް އިން ސަލާމަތްވެވުނީ އެވެ.

ނޫން ނަމަ މާ ބޮޑު ކެއުންގަނޑަކަށް ހެނދުނުގެ ސައި ނުހަދައޮ ހައްޓަށް ވެސް މާ ލުއިވާނެހެން ކިރުތަށްޓަކާ އެކު ވިޓަބިކްސް ނުވަތަ ގްރެނޯލާ މިއުސްލޭ ފަދަ ބާވަތެއް، ކުކުޅު ބިހާ އެކީ ކާލާށެވެ.

ހެދިކާތަކާއި ކޮފީދަޅުގެ މި މައްސަލަ ފެށެނީ މާ ދުރުންނެވެ. ދުވަހުގެ މަސައްކަތް ނިންމައި ގޭތެރޭގެ ޒިންމާތަކަށްފަހު ހަމަޖެހިލައި، ހިތްހަމަ ޖެހިލުމަށް މިތިބެނީ ރޭގަނޑު ދަންވަންދެން ހޭލަ އެވެ. އަނެއްކޮޅުން ހޭލެވެނީ އަނެއް ދުވަހުގެ ޒިންމާތަކުން އަޅާ އެލާމަށެވެ. ކާނެ އެއްޗަކާ މެދު ފިކުރު ކުރެވެނީ އޮފީހަށް ދެވުމުންނެވެ. އޭގެ ބަދަލުގައި ރޭގަނޑުގެ ނިދުން އަވަސްކޮށް، އެކަނިވެ ހިތްހަމަ ޖައްސާލުމަށް ފަތިހު ހޭލަން އާދަކުރުން މާ ރަނގަޅުކަމަށް އާސިޔާ ވިދާޅުވި އެވެ.

ޓޭކްއަވޭއެއްގައި ހެނދުނު ވިއްކަން ހުރި ބައެއް ތަކެތި --- ފޮޓޯ:ނިޝާން އަލީ/މިހާރު

ޓޭކްއަވޭއެއްގައި ހެނދުނު ވިއްކަން ހުރި ބައެއް ތަކެތި --- ފޮޓޯ:ނިޝާން އަލީ/މިހާރު

ހަރުލަމުން މިދާ މި އާދަތަކުން ސަލާމަތްވުމަކީ ހަމައެކަނި ފަރުދީ ޒިންމާއަކަށް ހަދައި ފުއްދާލެވޭކަށް ނެތެވެ. މިކަމުގައި ވިސްނާލުން މުހިންމު އެތަށް ކަމެއް އެބަހުއްޓެވެ. ހާއްސަކޮށް ހަށިގަނޑަށް ފައިދާހުރި ބާވަތްތަކުގެ ކާނާ، އަގު ހެޔޮކޮށް ލިބެން ހުރުން މުހިންމެވެ. ކޮންމެ މީހަކީ ގޭގައި އަމިއްލަ އަށް ކޮންމެ އިރަކަށް ކާނާ ތައްޔާރުކުރަން އުނދަގޫވެދާނެ މީހެއްކަން ފާހަގަކޮށް އިއާޝާ ވިދާޅުވީ އެންމެނަށް ވެސް ފައިދާހުރި ކާނާ ފަސޭހައިން ލިބޭނެ ގޮތްތައް އިތުރުވާންޖެހޭ ކަމަށެވެ.

"އޮޓޯ ޕައިލެޓްގައި މިހެން އުޅޭއިރު އަހަރެމެންގެ މި ފުޑް ސިސްޓަމްގައި ރަނގަޅަކަށް ނުކެވޭނެ އެކަކަށް ވެސް. ފިހާރައިގައި ވިއްކަން ތެޔޮ ރޮށި ހުންނައިރު އާޓާ ރޮށްޓެއް ނުހުރޭ. އެހެންވީމާ ފަރުދީ ޒިންމާގެ އިތުރުން އޯގަނައިޒޭޝަން ތަކުން ވެސް ވިސްނަންޖެހޭ އަހަރެމެންގެ ކެއުމުގެ މާހައުލުގައި ސިއްހަތަށް ފައިދާހުރި ކާނާ ފަސޭހައިން ހިޔާރުކުރެވޭނެ ގޮތެެއް މަގުފަހިކޮށްދޭން،" އިއާޝާ ވިދާޅުވި އެވެ.

ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ގިނަފަަހަރު ވަޒަންކުރެވެނީ މާ ލަސްވުމުންނެވެ. އޮފީސް މޭޒުދޮށުގައި އިނދެ މިއަދު މި ކެވޭ ހެދިކާތަކުން ހައްޓަށް ލިބޭ ގެއްލުން އަދި ނުފެނިދާނެ އެވެ. މިއީ ސިއްހީ ނުރައްކާތަކަށް ދެވޭ ދައުވަތެކެވެ.