16 ޑިސެމްބަރ 2024
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި ޓިނު ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތާ ކައިރީ ހުރި ގްރީން ބިލްޑިންގުގައި ރޯވެ އެނދުމުގެ ޒިންމާ އެމްއެންޑީއެފުން އުފުލަން ޖެހޭނެ ކަމަށާއި އިހުމާލުވި ވެރިން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ހައުސިން އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި ޓިނު ބިލްޑިންގުގައި ހިނގި އަލިފާނުގެ ހާދިސާގައި އެތާ ކައިރީ ހުރި ގްރީން ބިލްޑިންގުގައި ރޯވެ އެނދުމުގެ ޒިންމާ އެމްއެންޑީއެފުން އުފުލަން ޖެހޭނެ ކަމަށާއި އިހުމާލުވި ވެރިން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ހައުސިން މިނިސްޓްރީ ހިންގާ އިމާރާތުގައި މިދިޔަ ބުރާސްފަތި ދުވަހު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި، އެންވަޔަރަމެންޓް މިނިސްޓްރީގެ ގްރީން ބިލްޑިންގަށް ވެސް އަލިފާންގަނޑު ފެތުރި، އެތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ ގްރީން ބިލްޑިންގް އެނދި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ޒިންމާ ނަންގަވަން ޖެހޭނެ ކަމަށާއި މިހާ ބޮޑު މައްސަލައެއްގައި މިނިސްޓަރު އިސްތިއުފާ ދެއްވަން ވެސް ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"ކުޑަ ކަމެއް ނޫން މިއީ. ހަތަރު ވުޒާރާއެއް ހިންގާ އިމާރާތް އަނދައިގެން ދިޔައީ. އަންނަ އަހަރުގެ ބަޖެޓްގެ ޕީއެސްއައިޕީއަށް ކަނޑައެޅި ބަޖެޓްގެ ދެބައިކޮށްފަ އެއްބައި ދާނީ މިކަމަށް،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މިކަމުގައި އިހުމާލުވި ފަރާތްތަކީ ކޮބައިކަން ބަލަންޖެހޭ ކަމަށާއި އެކަން ހޯދަން އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ.
"އެންމެ ބޮޑަށް އިހުމާލުވީ އެމްއެންޑީއެފުންކަން އެބަ އެނގޭ. އެ ބޭފުޅުންނަށް އެނގިއްޖެ އަލިފާނުގެ ހާދިސާގެ މައުލޫމާތު 6 އާއި 6:30 އާ ދޭތެރޭގައި. އަލިފާން ބޭރަށް ފެނިފައި މި ހުންނަނީ ދޮޅުގަޑިއެއްހާއިރު ފަހުން. އެހެންވީމާ އެ ބޭފުޅުންނަށް އަލިފާން ކޮންޓްރޯލް ކުރަން އެކަށީގެންވާ މަސައްކަތެއް ކުރެވުނުތޯ އެއީ އުފެދޭ ސުވާލެއް،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ މުހިންމު މިނިސްޓްރީތަކެއްގެ އިމާރާތްތައް އަނދައި އަޅިއަށްވާން ދޫކޮށްލައިގެން ތިބީތޯ އެއީ ވަރަށް ބޮޑަށް އުފެދޭ ސުވާލެއް ކަމަށެވެ. އަލިފާންގަނޑު ނިއްވާލަން ވެރިން ނިންމެވި ނިންމުންތަކާ މެދު ވެސް ސުވާލުތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މައުލޫމާތު ލިބޭ ގޮތުގައި ގްރީން ބިލްޑިންގުގެ ސާވާތައް ހުރީ ގްރައުންޑް ފްލޯގައި. އެ ތަކެތި ނެރެވޭނެ ގޮތްތައް މުވައްޒަފުން ދިޔައީ ކިޔައިދެމުން. ކީއްވެގެންތޯ އަމީނީ މަގަށް ހުރި ފާރެއް ވައްޓާލާފައި ނަމަވެސް ގްރީން ބިލްޑިންގުގެ ސާވާތައް ނުނެރުވުނީ. މިކަހަލަ ބައިވަރު ސުވާލުތަކެއް އެބަ އުފެދޭ،" ނާޒިލް ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް: ގްރީންބިލްޑިންގް އެނދީ އެމްއެންޑީއެފްގެ އިހުމާލުން ކަމަށް ވިދާޅުވި - ފޮޓޯ: މިހާރު
ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އުފެދޭ އެންމެ ބޮޑު ސުވާލަކީ އަލިފާންގަނޑު ނިއްވާލަން އެހާ ގިނަ ވަގުތު ނެގީ ކީއްވެކަމާ މެދު ކަމަށެވެ. ހާދިސާ ހިނގީ އެމްއެންޑީއެފްގެ ފަޔާގެ މައި މަރުކަޒާ އެހާ ކައިރީގައި ހުރި ތަނެއްގައި ކަމަށް ވާއިރު، ވަށައިގެން ފުޅާ މަގުތަކާއި ކައިރީގައި ޓީޖެޓީ އޮތްއިރު އަލިފާން ނިއްވަން އެހާ ގިނަ ވަގުތު ނެގި ސަބަބެއް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވެސް ވަނީ ކޮންކްރީޓުން ހަދާފައިވާ ގްރީން ބިލްޑިންގު އަނދައިގެން ދިޔަ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"ގްރީން ބިލްޑިންގަކީ އެ ކޮށީގައި ވަކިން ހުރި އިމާރާތެއް. ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތަކީ ބިލްޑިން ކޯޑަށް ނުފެެތޭ މިންގަނޑުތަކަށް ނުފެތޭ ތަނެއް ވީމާ އަލިފާންގަނޑު އެ ތަނުގައި ކޮންޓްރޯލް ކުރަން އުނދަގޫ ވެދާނެ. އެކަމަކު ޖެހިގެން ހުރި ގްރީން ބިލްޑިންގަކީ ފަހުގެ އިމާރާތެއް، އިންޑިއާ ސަރުކާރުގެ އެހީގައި ހަދާފައި ހުރި ޒަމާނީ އިމާރާތެއް، ގޯޅިގަނޑަކުން ހައުސިން މިނިސްޓްރީއާ ވަކިން ހުރި ތަނެއް،" ސަލީމް ވިދާޅުވި އެވެ.
"އެކަށީގެންވާ ވަގުތު ލިބި އެ އިމާރާތް ސަލާމަތް ނުކުރެވުނީ ކީއްވެތޯ؟ އަދި އެ އިމާރާތުގައި ހުރި އިންފްރާސްޓްރަކްޗާ ރައްކާތެރި ނުކުރެވުނީ ކީއްވެތޯ؟."
ސަލީމް ވިދާޅުވީ ހައުސިން މިނިސްޓްރީގައި އަލިފާން ރޯވުމުން ގްރީން ބިލްޑިންގުގެ ސާވާ ފަދަ ތަކެތި ސަލާމަތްކުރަން އެ ތަނުގެ މުވައްޒަފުން އެކަމަށް އެމްއެންޑީއެފްގައި އެދުނު ކަމަށާއި ނަމަވެސް، އެ ބިލްޑިންގަށް ގެއްލުމެއް ނުވާނެ ކަމަށް އެމްއެންޑީއެފުން މުވައްޒަފުންނަށް އެންގި ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ.
އެހެންވެ އެ އިމާރާތަށް ގެއްލުމެއް ނުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކޮށްފައިވަނީ ގޯސްކޮށް ކަމަށާއި އެތަނުގައި ހުރި ރައްޔިތުންގެ ހުރިހާ މުދަލެއް ހަލާކުވެގެން ދިޔުމަކީ ވަރަށް ބޮޑު އިހުމާލެއް އޮތް ކަމަށް ސަލީމް ވިދާޅުވި އެވެ.
އެމްޑީޕީން ވަނީ އަލިފާނުގެ މި ހާދިސާގައި އިހުމާލުވި ކަމަށް ގަބޫލުކުރެވޭތީ އެކަން ބަލައިދިނުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީޓ) ގައި އެދެން ނިންމައިފަ އެވެ.
މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން އެދެނީ
ލޯކުރިމަތިން އެތައް ހަނދާނެއް އަނދައި އަޅިޔަށް
ތިން ގެއަކުން 29 މީހުން ވަގުތީ ހިޔާތަކަށް
އީޕީއޭގެ ހިދުމަތްތައް ވެސް މެދުކަނޑާލަން ޖެހިއްޖެ
އެހީތެރިކަން ބޭނުންވެގެން 50 ރިޕޯޓް ލިބުނު
އަލިފާނުގެ ހާދިސާ ހިނގުމުން ހައިދަރު ރާއްޖެއަށް
ސޯޝަލް ސެންޓަރުގައި އިމަޖެންސީ އިވެކުއޭޝަން ސެންޓަރެއް
ޑީޕް ޓްރެކާއަކާއި ޑްރޯންއެއް ސްޓެލްކޯއިން ހަދިޔާކޮށްފި
މާވެޔޮ މަގު ކައިރިން ގެއެއްގައި ރޯވެ ހުސް ދުން!
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް