Roadha Mihaaru
ޕާކިސްތާނުގެ ދީނީ ހަމަނުޖެހުންތަކުގައި 82 މަރު

ޕާކިސްތާނުގެ ދީނީ ހަމަނުޖެހުންތަކުގައި ތިން ދުވަސް ތެރޭ 82 މަރު

25 ނޮވެމްބަރ 2024

ޕާކިސްތާނުގައި ދީނީ ހަމަނުޖެހުންތައް ބޮޑުވެ ހުޅަނގު އުތުރު ސަރަހައްދުގައި މިދިޔަ ތިން ދުވަސް ތެރޭ ބަޑިން ހަމަލާ ދިނުމުގެ ސަބަބުން މަދުވެގެން 82 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕާކިސްތާނުގައި ދީނީ ހަމަނުޖެހުންތައް ބޮޑުވެ ހުޅަނގު އުތުރު ސަރަހައްދުގައި މިދިޔަ ތިން ދުވަސް ތެރޭ ބަޑިން ހަމަލާ ދިނުމުގެ ސަބަބުން މަދުވެގެން 82 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕާކިސްތާނަކީ ސުންނީންގެ އަޣުލަބިއްޔަތު އޮންނަ ގައުމެއް ނަމަވެސް އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގެ ކުރްރަމް ޑިސްޓްރިކްޓަކީ ޝީއީންގެ އާބާދީ ބޮޑު ޑިސްޓްރިކްޓެކެވެ. އެ ސަރަހައްދުގައި ދީނީ މައްސަލަތަކުގައި ކުރިމަތިލުން ހިނގާތާ އެތައް އަހަރެއް ވެއްޖެ އެވެ.

މިފަހަރު ހަމަނުޖެހުންތައް ފެށުނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ދަތުރުކުރި ޝީއީ މުސްލިމުންގެ ދެ ވަފުދަކަށް ހަމަލާދީ 43 މީހުން މަރާލުމާ އެކުގަ އެވެ. ދެން ޖެހިގެން އަދި ދެ ދުވަހު ވެސް ސުންނީންނާއި ޝީއީންނާ ދެމެދު ބަޑީގެ ހަމަލާތައް ވަނީ ބަދަލުކޮށްފަ އެވެ.

"ނޮވެމްބަރު 21، 22 އަދި 23 ގައި ހިނގި ހަމަނުޖެހުންތަކާއި ވަފުދަށް ދިން ހަމަލާގައި 82 މީހުން މަރުވެ 156 މީހުން ޒަހަމްވި،" ނަން ނުޖެހުމަށް ޝަރުތުކޮށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މަރުވި 16 މީހުންގެ ތެރޭގައި ސުންނީން ވެސް ހިމެނޭ އިރު، 66 މީހުންނަކީ ޝިޔައީ ކޮމިއުނިޓީއަށް ނިސްބަތްވާ މީހުން،" އޭއެފްޕީއަށް އޭނާ ވިދާޅުވި އެވެ.

ހަމަނުޖެހުންތަކާ ހެދި 300 ވަރަކަށް އާއިލާ އެ ސަރަހައްދު ދޫކޮށް ވަނީ ގޮސްފަ އެވެ. މިދިޔަ ދެ ދުވަހު ވެސް މި ހަމަނުޖެހުންތަކުގައި އާދައިގެ ހަތިޔާރާއި ބަރު ހަތިޔާރު ވެސް ބޭނުންކޮށްފައިވެ އެވެ.

"ކުރްރަމްގައި ވާނީ މޮބައިލް ނެޓްވޯކް ކަނޑާލާފައި. އަދި މައި ހައިވޭގެ ޓްރެފިކް ވެސް ވާނީ ހުއްޓުމަކަށް ގެނެސްފައި،" ސަަރަހައްދީ ސަރުކާރގެ އޮފިޝަލް ވިދާޅުވި އެވެ.

ސަރަހައްދީ ސަރުކާރުގެ ދަށުގައި އޮންނަ، ފެސެމީ އޮޓޮނޮމަސް ގަބީލީ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ކުރްރަމް އަކީ 2018 ވަނަ އަހަރު ޚައިބަރު ޕަޚްތޫންޚުވާއާ އެއްކޮށްލާފައިވާ ތަނެކެވެ. އެ ހިސާބުގައި ހަމަނުޖެހުން ހިނގުމަކީ އާންމު ކަމަކަށް ވެފައި ވާއިރު ފުލުހުން ވަނީ އެކަން ކޮންޓްރޯލްކުރުމުގައި ނާކާމިޔާބު ވެފަ އެވެ.