Roadha Mihaaru
ސުންނީންނާއި ޝީއީންގެ ކުރިމަތިލުންތަކުގައި 133 މަރު

ޕާކިސްތާނުގެ ސުންނީންނާއި ޝީއީންގެ ކުރިމަތިލުންތަކުގައި 133 މަރު

03 ޑިސެމްބަރ 2024

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ސުންނީންނާއި ޝީއީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 133 އަށް އަރާފައިވާ ކަމަށް އެ ޕްރޮވިންސް ސަރުކާރުން ބުނެފި އެވެ.

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ސުންނީންނާއި ޝީއީންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 133 އަށް އަރާފައިވާ ކަމަށް އެ ޕްރޮވިންސް ސަރުކާރުން ބުނެފި އެވެ.

ޕާކިސްތާނަކީ ސުންނީންގެ އަޣުލަބިއްޔަތު އޮންނަ ގައުމެއް ނަމަވެސް އަފްޣާނިސްތާނުގެ ބޯޑަރު ކައިރީގައި އޮންނަ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި އޮންނަ ކުރްރަމްގައި ޝީއީންގެ އާބާދީ ބޮޑެވެ. އެ ތަނުގައި ކުރިމަތިލުންތައް ހިނގަމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ޕްރޮވިންސް ކެބިނެޓްގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ހަމަނުޖެހުންތަކުގައި 133 މީހަކު މަރުވެ 177 މީހަކު ޒަހަމްވެފައިވާ ކަމަށެވެ.

އަދި މިހާތަނަށް ހަލެއް ހޯދިފައި ނެތް ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ޓްރައިބަލް ޖިރްގާ ނުވަތަ ގަބީލާތަކުގެ ދުވަސްވީ މީހުންގެ ކައުންސިލެއް އުފައްދަވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ކުރްރަމްގައި ހަތިޔާރު އެޅި ޖަމާއަތްތަކުން ހަދާފައިވާ ބަންކަރުތައް ނަގައި ބަރު ހަތިޔާރު... ހިފަހައްޓާނެ،" ބަޔާނުގައި ވެ އެވެ.

އެންމެ ފަހުގެ ކުރިމަތިލުންތައް ފެށުނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންގެ ބެލުމުގެ ދަށުގައި ދަތުރުކުރި ޝީއީ މުސްލިމުންގެ ދެ ގާފިލާއަކަށް ހަމަލާދީ 40 އަށް ވުރެ ގިނަ މީހުން މަރާލުމުންނެވެ. އޭގެ ފަހުން ލުއި އަދި ބަރު ހަތިޔާރާއެކު އެތައް ދުވަހެއް ވަންދެން ހިނގި ކުރިމަތިލުންތަކުގެ ސަބަބުން އެ ސަރަހައްދު ހުއްޓުމަކަށް ވަނީ އައިސްފަ އެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވުމާ އެކު ބޮޑެތި މަގުތައް ބަންދުކޮށް މޯބައިލް ފޯނުގެ ހިދުމަތް ވެސް ވަނީ ކަނޑާލައިފަ އެވެ.