Roadha Mihaaru
ނޯތު ކޮރެއާގައި ތިބި މެލޭޝިއާ މީހުން ފުރުން މަނާކޮށްފި

ނޯތު ކޮރެއާގައި ތިބި މެލޭޝިއާ މީހުން ފުރުން މަނާކޮށްފި

07 މާޗް 2017

ޕިއޮންޔޮން (މާޗް 7) - ނޯތު ކޮރެއާގައި މި ވަގުތު ހުރި މެލޭޝިއާގެ އެއްވެސް މީހަކު އެ ގައުމުން ފުރުން މަނާކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕިއޮންޔޮން (މާޗް 7) - ނޯތު ކޮރެއާގައި މި ވަގުތު ހުރި މެލޭޝިއާގެ އެއްވެސް މީހަކު އެ ގައުމުން ފުރުން މަނާކޮށްފި އެވެ.

ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ "މެލޭޝިއާއާ އެކު މިހާރު ޖެހިފައިވާ މައްސަލަ" ހައްލުވަންދެން އެ އަމުރު ދެމި އޮންނާނެ ކަމަށެވެ. ދެ ގައުމުގެ މެދުގައި މައްސަލަ އުފެދިފައި ވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ އެއްބަފާ ބޭބެ ކުއާލަ ލަމްޕޫރު އެއާޕޯޓުގައި މަރާލި ހާދިސާއާ ގުޅިގެންނެވެ. ކިމް މަރާލަން ބޭނުން ކޮށްފައި ވަނީ ވީއެކްސް ނާވް އެޖެންޓެކެވެ. އެކަންކޮށްފައި ވަނީ ދެ އަންހެނަކު ބައިވެރިވެގެންނެވެ. ކިމް މަރާލުމުގެ ފަހަތުގައި ވަނީ ނޯތު ކޮރެއާ ކަމަށް ސައުތު ކޮރެއާ އިން ބުނި ނަމަވެސް މެލޭޝިއާ އިން އެގޮތަށް ބުނެފައެއް ނުވެ އެވެ.

ދެ ގައުމުގެ ސިޔާސީ ގުޅުމަށް މިހާބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ އިރު ނޯތު ކޮރެއާ އިން އެންމެ ފަހުން މި އެޅި ފިޔަވަޅު ބައެއް މީހުން ސިފަ ކުރަނީ މެލޭޝިއާ ރައްޔިތުންތަކެއް ރަހީނު ކުރުން ކަމަށެވެ.

"މެލޭޝިއާގައި ހިނގި މައްސަލަ ހައްލުވަންދެން ނޯތު ކޮރެއާގައި ތިބި މެލޭޝިއާގެ އެއްވެސް މީހަކު ފުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައި. މެލޭޝިއާ މީހުން ފުރުން މަނާކުރި ނަމަވެސް ނޯތު ކޮރެއާގައި އެ މީހުންނަށް މައްސަލައެއް ނުޖެހި އުޅެވޭނެ،" ފޮރިން މިނިސްޓްރީއާ ހަވާލާދީ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީން ބުންޏެވެ.

ނޯތު ކޮރެއާ އާއި މެލޭޝިއާއާ ދެމެދު ގާތް ގުޅުންތަކެއް ކުރިން އޮތް ނަމަވެސް ކިމްގެ މަރާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މެލޭޝިއާގައި ހުންނަ ނޯތު ކޮރެއާގެ ސަފީރު މިހާރު ވަނީ ފޮނުވާލައިފަ އެވެ. އަދި ރައްދުގައި ނޯތު ކޮރެއާ އިން ވެސް ވަނީ މެލޭޝިއާ ސަފީރު ފޮނުވާލައިފަ އެވެ. ނޯތު ކޮރެއާ އިން އެ ފިޔަވަޅު އެޅުމުގެ ކުރިން މެލޭޝިއާ އިން ވަނީ ސަފީރު އަނބުރާ ގެނެސްފަ އެވެ.